ކަންގަނާ އަކީ ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ ބަތަލާތަ؟

ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ކަންގަނާ ރަނައުތު --

ބޮލީވުޑްގައި އެންމެ ނުފޫޒުގަދަ ބަތަލާ ކަންގަނާ ރަނައުތު އަންނަނީ ފަހަކަށް އައިސް ބޮލީވުޑާ ގުޅޭ ގޮތުން ކުރިން އަޑުއިވިފައިނުވާ ވާހަކަތައް ފަޅާއަރުވާލަމުންނެވެ.

އޭނާއާ އެކު މަސައްކަތްކުރާ ބޮލީވުޑްގެ ތަރިންނާ މެދު އޭނާ އަންނަނީ ތަފާތު ގިނަ ތުހުމަތުތަކެއް ކުރަމުންނެވެ. ނެޕޮޓިޒަމް އިން ފެށިގެން ޑުރަގު މައްސަލައަށް ދަންދެންނެވެ. ޖިންސީ ފުރައްސާރަ މައްސަލަތަކެއް މިހާރަކަށް އައިސް ބޮލީވުޑްގައި ހިނގަމުން އަންނަ އިރު ފާޅުގައި އެވާހަކަތައް ދައްކަން ކެރޭ ތަރިއަކު ކަންގަނާ ނޫނީ ނެތެވެ.

ކަންގަނާ ބުނީ ފިލްމީ ދާއިރާގައި އޭނާ އަށް ވެސް ޖިންސީ ފުރައްސާރަ ކުރިމަތިވި ކަމަށާއި އަދި ބަޔަކު މީހުންވެގެން އޭނާއަށް ގަދަކަމުން ޑުރަގު ދިން ކަމަށެވެ. އަދި އޭނާގެ ދުވަސްދުއްވާލަން ބޮލީވުޑްގެ ވަރުގަދަ ބައިގަޑެއް އުޅުނު ކަމަށާއި ނަމަވެސް އެމީހުންގެ މަގްސަދު ހާސިލްނުވާ ކަމަށެވެ.

ބަތަލާ ކަންގަނާ އާ ދެކޮޅަށް ވާހަކަ ދައްކާ މީހުން ބުނަނީ ބޮލީވުޑްގައި ރަނގަޅު އެއްބައެއް ވެސް ކަންގަނާއަށް ނުތިބޭ ކަމަށާއި އޭނާ އެއުޅެނީ އޭނާގެ އަމިއްލަ މަގްސަދެއްގައި ކަމަށެވެ. ބޮލީވުޑްގެ އެކްޓަރު ސުޝާންތް ސިންހް ރާޖްޕުތް މަރުވި މައްސަލާގައި ވެސް އޭނާ އަޑުއުފުލާ ކަންތައްކުރީ އޭނާގެ ސިޔާސީ ބޭނުމެއްގައި ކަމަށެވެ. ކަންގަނާ އާ ދެކޮޅަށް ވާހަކަދައްކާ މީހުން ބުނަނީ އިންޑިއާގެ ޕާޓީ ބާރަތިޔާ ޖަންތާ ޕާޓީ (ބީޖޭޕީ) އަށް ކަންގަނާ ގުޅުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށެވެ.

ކުޑަ އަވަށަކުން މުމްބާއީ އަށް އައިސް ކަންގަނާ ވަނީ އާންމުންގެ މެދުގައި މަގްބޫލު ތަރިއަކަށްވެފަ އެވެ. ކަންތައްތަކާ ކެރިގެން އަޑުއުފުލާ ހަމައެކަނި ބަތަލާ އަކީ ކަންގަނާ އޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ސުޝާންތުގެ މައްސަލާގައި އުފެދުނު ޑުރަގު މައްސަލާގައި ބޮލީވުޑްގެ އޭ ލިސްޓުގެ ތަރިން ސުވާލުކުރުމަށް ގެންދާއިރު ބޮލީވުޑްގެ ބޮޑެތިން ތިިބީ ހިމޭނުންނެވެ.

ބޭރުގެ ނޫހެއް ކަމަށްވާ ދަ ޕްރިންޓްގެ އެޑިޓަރު ޝާއިލާޖާ ބަޖްޕާއި ކަންގަނާ އާ ގުޅޭ ގޮތުން ބުނީ ކަންގަނާ އަކީ އެހެން ތަރިންނާ ޚިލާފަށް މޮޅު ތަރިއެއް ކަމަށެވެ. ބޮލީވުޑަކީ ނެޕޮޓިޒަމް އޮތްތަނެއްކަން އެނގޭ އިރު ބޭރުން އައިސް ކަންގަނާ މަޝްހޫރުވިއިރު އޭނާ މަސައްކަތްކުރީ އާންމުން ބަލައިގަންނަ ފަދަ ޝަހުސިއްޔަތަކަށް ވުމަށްކަމަށެވެ. އަދި ކަންގަނާ ވަނީ ބޮލީވުޑްގެ ބާރުގަދަ ތަރިން ކަމަށްވާ ޑައިރެކްޓަރު ކަރަން ޖޯހަރު އަދި ކަންގަނާ ގެ ކުރީގެ ލޯބިވެރިޔާ ރިތިކް ރޯޝަންގެ ސިއްރުތައް ފާޅުގޮތެއްގައި ބޭޒާރުކޮށްލާފައެވެ.

ފަހަކަށް އައިސް ކަންގަނާގެ އަޑު ބޮލީވުޑްގައި ގަދަވީ އެކްޓަރު ސުޝާންތުގެ މަރާ ގުޅިގެންނެވެ. އޭނާ ބުނީ ސުޝާންތު ފަދަ ހުނަރުވެރި އެކްޓަރަކަށް ބޮލީވުޑުން ގޮންޖެހީ ކަމަށެވެ. އަދި އޭނާ ކުރިއަރައި ދިޔުމަށް ހުރަސް އެޅީކަމަށެވެ. ސުޝާންތު މަރުވީ އަމިއްލަ އަށް ނޫން ކަމަށާއި އެކަމަކީ ބަޔަކު މީހުން ދުރާލާ ރާވައިގެން ކުރިކަމެއް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. އަދި ކަރަން ޖޯހަރު ލަންޑަންގެ އިކޮނޮމިކް ސްކޫލަށް ގޮސް އާންމުންގެ ތެރޭގައި ކަންގަނާގެ އަގުވައްޓާލަން މަސައްކަތްކުރި ކަމަށާއި ވަގުތުން ވަގުތަށް ކަންގަނާ ފިލްމު އިންޑަސްޓްރީ ދޫކޮށް ދާންޖެހޭނެ ކަމަށް ބުނި ކަމަށެވެ.

ކަންގަނާ ބުނީ ބޮލީވުޑްގައި ޑުރަގު މާޒީއާއެއް އޮންނަ ކަމަށާއި އެއީ "ބުލީވުޑް" ކަމަށެވެ. ފެށުނީއްސުރެ ބޮލީވުޑުން އޭނާއާ މެދު ކަންތައް ކުރަމުންދާ ގޮތުގެ ވާހަކަ އޭނާ އަންނަނީ މީޑިއާތަކުގައި ވާހަކަ ދައްކަމުންނެވެ. އެވާހަކަތައް އޭރު ކަންގަނާ ދެއްކި ނަމަވެސް އެއްވެސް މީހަކު އެކަމަށް ފިޔަވަޅު އަޅާފައެއްނުވެ އެވެ. ސުޝާންތަށް އެހެން ދިމާވުމުން ކަންގަނާ ބުނީ ދެން މަޑުން ނުހުންނާނެ ކަމަށާއި އޭނާ ވެސް ލައްކަ ދުވަހު ކެތްކުރި ކަމަށެވެ. އަދި ބޭރުން އަންނަ ތަރިންނާ މެދު އެފަދައިން ކަންތައް ކުރުމުގެ ފުރުސަތު ނުދޭނެކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

"އޭނާއާ މެދު ކަންތައް ކުރިގޮތުގެ ވާހަކަ އޭނަ ދައްކައިފި. އެކަމަަކު މިހާރުވެސް އޭނަ އެހުރީ ވަރަށް ބާރުގަދަކޮށް. މިހާރު އޭނާގެ މަގްސަދަކީ ކޮބާ؟ އޭނާ އަށް ދިމާވި ކަންތައްތަކުގެ ބަދަލުތަ އެ ހިފަނީ؟ ނޫނީ ހަމަ އަސްލުވެސް ސިޔާސީ މަގްސަދެއް އޮތީބާ؟" ޝާއިލާޖާ ވަނީ ސުވާލު އުފައްދާފަ އެވެ.

comment ކޮމެންޓް