ހިޔާނާތުގެ ފައިސާ ނުލިބޭ ސިޔާސީ ޕާޓީއެއް ނެތް: އަދީބު

އަހްމަދު އަދީބު -- ފޮޓޯ/ ރައީސް އޮފީސް

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން މަންފާ ނުލިބޭ ސިޔާސީ ޕާޓީއެއް ނެތް ކަމަށް ކުރީގެ ނައިބު ރައިސް އަހުމަދު އަދީބު އަބްދުލްޣަފޫރު ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ މައްސަލައާ ގުޅިގެން ދައުލަތުން އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާއަށް އިއުތިރާފުވެ، އޭނާ ވަނީ އެކަމާ ގުޅޭގޮތުން މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ތަފްސީލީ ގޮތެއްގައި ވާހަކަ ދައްކަވާފަ އެވެ.

އަދީބު ވިދާޅުވީ، އެ ކޮރަޕްޝަނަކީ ވަރަށް ގިނަ ފަރާތްތަކަށް އެކި ގޮތްތަގޮތުން ފައިސާ ލިބުނު މައްސަލައެއް ކަމަށާއި އެއީ ކުރީ ސަރުކާރުން ވަރަށް ބޮޑަށް ގުޅިގެން ދުރާލާ ރާވައިގެން ހިންގާފައިވާ ކަމެއް ކަމަށެވެ.

"މި ސްކީމުން [އެމްއެމްޕީއާރުސީގެ ފައިސާއިން] ފައިނޭންސް ހޯދައިގެން އޭރުގެ މިނިވަން މުއައްސަސާތަކާއި އޭރުގެ ޖުޑީޝަރީއާއި އޭރުގެ ޕާލިމަންޓް [އަދި] ބައިވަރު ކަންކަތައްތަކަށް މި ފައިސާ ވަނީ ސިޔާސީ ގޮތުން ހަރަދުކުރެވިފައި. މި މައްސަލައަކީ ވަރަށް ގިނަ ބައެއް ޝާމިލްވާ މައްސަލައެއް، މި މައްސަލައަށް ވަރަށް ގިނަ ބަޔަކަށް މަންފާވޭ. މި މައްސަލައިން މަންފާ ނުވާ ސިޔާސީ ޕާޓީއެއް ނުވޭ. އަދި މަޖިލިސްގައި ނެގުނު ވޯޓުތަކާއި މި ހުރިހާ ކަމަކަށް މި ފައިސާ ވަނީ ބޭނުންކޮށްފައި،" އަދީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ ކޮރަޕްޝަން ހިންގުމުގައި މުގުލުގައި ހުރި ފަރާތަކީ އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށެވެ. އަދި އެމްއެމްޕިއާރުސީން ރަށްތައް ދޫކުރަމުން ދިޔައީވެސް ރައީސް އޮފީހުން އަންގާ ގޮތެއްގެ މަތިން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ މިދިޔަ ސަރުކާރުން ވަކި ގޮތަކަށް ރޭވިގެން، ވަކި އިންތިޒާމެއްގެ ދަށުން ވަކި ސްކޭމެއްގެ ދަށުން އެތައް ބަޔަކު ބައިވެރިގެން ހިންގާފައިވާ ކަމެއް މިއީ،" އަދީބު ވިދާޅުވި އެވެ.

އެމްއެމްޕީއާއުރުސީގެ ކޮރަޕްޝަނަކީ ހިނގައިގެން ނުވާނެ ކަމެއް ކަމަށާއި ކުރިއަށް އޮތްތާގައި އެފަދަ ކަމެއް ތަކުރާރު ނުވުމަށް ނިޒާމް ބައްޓަންވުމަކީ ވެސް މުހިންމު ކަމެއް ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވި އެވެ.

މިހާރުވެސް ތަހުގީގަށް އެއްބާރުލުން ދެމުން ގެންދާ ކަމަށާއި ކުރިއަށް އޮތްތާގައިވެސް ތަހުގީގަށް އެއްބާރުލުން ދެމުން ގެންދާނެ ކަމަށް އަދީބު ވިދާޅުވި އެވެ. އެގޮތުން ހިޔާނާތުން ގެއްލުނު ފައިސާ އަނބުރާ ދައުލަތަށް ހޯދުމަށް ފައިސާ ލިބުނު މީހުންގެ ތަފްސީލު ދައުލަތާ ހިއްސާ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެވާހަކަތަކުން އެކަށީގެން ނުވާ މުއްސަނދިކަން ހޯދި މީހުން ދެނަގަނެވެމުންދާ ކަމަށް އަދީބު ވިދާޅުވި އެވެ.

"އަޅުގަނޑު ދޭ އެއްބާރުލުމާއެކު ދައުލަތަށް މި ފައިސާ ހޯދުމަށާއި މި މައްސަލައިގައި ޝާމިލުވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނެވޭނެ. އެއީ އަޅުގަނޑުވެސް އިސްތިސްނާ ނުވާ ގޮތަށް،" އަދީބު ވިދާޅުވި އެވެ.

އަދީބު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ވާހަކަތަކަކީ އޭނާ ނުކިޔައިދީފި ނަމަ، ދައުލަތަށް އެނގޭނެ ވާހަކަތަކަކެއް ނޫން ކަމަށާއި އޭނާ އެދެނީ އެކަމަށް އިންސާފުވެރި ނިޔާއެއް ކަނޑައެޅުމަށް ކަމަށެވެ. އަދި މައުލޫމާތު ހިއްސާ ކުރުމަކީ، އޭނާގެ އިސް ވާޖިބެއްގެ ގޮތުގައި ދެކޭ ކަމަށް އަދީބު ވިދާޅުވި އެވެ.

މިއަދު ޝަރީއަތުގައި އަދީބު ވަނީ މި ސަރުކާރަށް ތައުރީފުކުރައްވައި ވާހަކަ ދައްކަވާފަ އެވެ. އެގޮތުން މިދިޔަ ސަރުކާރުގައި އެމްއެމްޕީއާރްސީގެ ހިޔާނާތް ބަލައި ގެއްލުނު ފައިސާ ހޯދުމުގެ ނިޔަތެއް ނެތް ކަމަށާއި ނަމަވެސް، މި ސަރުކާރުން އެކަން ކުރަމުން ދަނީ ހެޔޮ ނިޔަތެއްގައި ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އަދީބު ވިދާޅުވި އެވެ

"މި ސަރުކާރުން އުފައްދާފައިވާ ކޮމިޝަންތަކާއި އޭސީސީއާިއ ޕީޖީއާއި ފުލުހުންނާ ގުޅިގެން ކުރަމުންދ މަސައްކަތުން މި ފައިސާ އަނބުރާ ހޯދޭނެ،" އަދީބު ވިދާޅުވި އެވެ.

އަދީބާއި ދައުލަތާއެކު ހެދި އެއްބަސްވުމު ދަށުން އޭނާއަށް އަންނަނީ ޖުމްލަ 20 އަހަރު ދުވަހުގެ ޖަލު ހުކުމެވެ. އަދީބު މިއަދު އެދިފައިވަނީ އެ އަދަބު މުރާޖާކޮށް، އެއަށްވުރެ ކުޑަ އަދަބެއް ދިނުމަށެވެ. އޭނާ ވިދާޅުވީ، މިހާރުވެސް ޖަލުގައި ފަސް އަހަރެއްހާ ދުވަސް ހޭދަވެެއްޖެ ކަމަށާއި އޭނާގެ ސިއްހީ ހާލަތުވެސް ވަރަށް ދައްވެފައިވާކަމަށެވެ. އަދީބު ވަނީ އޭނާއަށް ކުރެވުނު ކުށަށް ތައުބާވެ ރައްޔިތުންގެ ކިބައިން މައާފަށް އެދޭ ކަމަށް ވެސް ވިދާޅުވެފަ އެވެ. އެގޮތުން ދެވެން އޮތް ކުޑަ އަދަބެއް ދިނުމަށް އޭނާ ވަނީ ގާޒީގެ ކިބައިން އެދިވަޑައިގެންފަ އެވެ.

ދެން އޮންނަ އަޑުއެހުމެއްގައި އޮތީ އަވަސް ނިއާއެއް ކަނޑައެޅުމެވެ. ދެން އަންނަ އަޑުހުމެއް ބޭއްވުމަށް ތާވަލްކޮށްފައިވަނީ އަންނަ ހޯމަ ދުވަހަށެވެ.

comment ކޮމެންޓް