ޅ. އަތޮޅު ފަސް ސަރަހައްދެއް ތިމާވެށިގެ ގޮތުން ހިމާޔަތްކޮށްފި

ޅ. އަތޮޅު: އެ އަތޮޅުގެ ފަސް ސަރަހައްދެއް ހިމާޔަތް ކުރުމަށް ވަނީ ނިންމާފައި --

ޅ. އަތޮޅުގެ ފަސް ސަރަހައްދެއް ތިމާވެށީގެ ގޮތުން ހިމާޔަތް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ނިންމަވައިފި އެވެ.

ހިމާޔަތް ކުރި ސަރައްހަދުތަކަކީ، ޅ.މާގަނދު (އެނިމޮނީ) ތިލަ، ޅ.ދިއްފުށި-މާދޫގައި ހިމެނޭ 5 ރަށުގެ ތެރެއިން އެންމެ އުތުރުން އޮންނަ ރަށްކަމަށްވާ ސެއްޅިފުށީގެ ޗަސްބިން ސަރަހައްދު، ޅ.މާކޯ، ޅ.ވައްވަރު އަދި ދަނޑިފަޅު ކަނޑު އޮޅި އާއި ދަނޑިފަޅު ފިނޮޅު ސަރަހައްދު އަދި ޅ. ދަށުގިރި ފިނޮޅު ސަރަހައްދެވެ.

ރައީސް އޮފީހުން ބުނީ، އެ ފަސް ސަރަހައްދު ހިމާޔަތް ކުރުމަށް ރައީސް ސޯލިހް ނިންމެވީ، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ލަފާފުޅާއެކު ކަމަށެވެ.

މިއަދު މެންދުރުފަހު އޮންލައިންކޮށް ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، އެންވަޔަރަންމަންޓު މިނިސްޓްރީން ހުށަހެޅުއްވި ކަރުދާހަކަށް ވަޒީރުން މަޝްވަރާކުރެއްވުމަށްފަހު ހިމާޔަތްކުރެއްވުމަށް ނިންމެވި އެ ސަރަހައްދުތަކަކީ ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިގެންވާ ސަރަހައްދުތަކެކެވެ.

ވަޒީރުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ންވަރަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ، ޅ. އަތޮޅުގެ ފަސް ސަރަހައްދު ހިމާޔަތްކުރުމަށް ހުށަހެޅީ ކަމާބެހޭ މިނިސްޓްރީތަކާއި، އިދާރާތަކާއި، އެކި ސިނާއާތްތަކާވެސް މަޝްވަރާކުރެއްވުމަށްފަހު ޖކަމަށެވެ. އެ ތަންތަން ހިމާޔަތްކުރުމުގެ ކަންކަން ކުރިއަށް ގެންދަވާއިރު، ޅ. އަތޮޅުގެ އުމްރާނީ ތަރައްގީއާ ގުޅޭ މަޝްރޫޢުތަކަށް ހުރަސްނޭޅޭނެ ފަދަ ގޮތަކަށް ކަންކަން ހަމަޖައްސަވާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެ ސަރަހައްދުތައް ހިމާޔަތްކުރުމުން އެކަމުގެ ފައިދާ އަންނަން އޮތް ޖީލިތަކަށް ލިބުމާއެކު، އެކޯ ޓޫރިޒަމާއި، އިންޓާގްރޭޓެޑް ޓޫރިޒަމާއި، ދިރުން ހުރި އިގްތިޞާދީ ހަރަކާތްތަކަށް މަގުފަހިވެގެންދާނެކަމަށްވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ޅ. އަތޮޅުގެ ދެ ސަރަހައްދެއް މީގެ ކުރިން ވަނީ ހިމާޔަތްކޮށްފައެވެ. އެއީ ސެޕްޓެންބަރު 27، 1995 ގައި ހިމާޔަތްކޮށްފައިވާ ޅ.ފުށިފަރު ތިލަ ސަރަހައްދާއި، އޮކްޓޫބަރު 21، 1999 ގައި ހިމާޔަތްކޮށްފައިވާ ޅ.ކުރެއްދޫ ކަނޑު އޮޅި (ކުރެއެދޫ އެކްސްޕްރެސް) ސަރަހައްދެވެ.

comment ކޮމެންޓް