އިމްޕޯޓް، އެކްސްޕޯޓް ގާނޫނުގެ ބަދަލާ އެކު އައްޑޫ ޕޯޓަށް ބާރުބޮޑުވެއްޖެ

ހިތަދޫ ވިޔަފާރި ބަނދަރު-- ފޮޓޯ/ އެމްޕީއެލް

އިމްޕޯޓް/އެކްސްޕޯޓް ގާނޫނަށް ގެނައި އިސްލާހާއެކު ބައެއް ސަރަހައްދީ ބަނދަރުތަކަށް މުދާ އެތެރެކުރާ މިންވަރު އިތުރުވާން ފަށައިފި އެވެ.

މާލެ ސަރަހައްދު ފިޔަވައި ސަރަހައްދީ ބަނދަރުތަކަށް އެތެރެކުރާ ބައެއް ބާވަތްތަކުގެ މުދާ ފިޔަވައި އެހެން ހުރިހާ މުދަލަކުން ނަގާ ޑިއުޓީ 50 ޕަސެންޓު މާފުކޮށްދޭ އިސްލާހަށް އަމަލުކުރަން ފެށީ މިދިޔަ އޮގަސްޓް މަހު އެވެ.

މި އިސްލާހުގެ ދަށުން ސަރަހައްދީ ބަނދަރުތަކަށް އެތެރެކުރާ ސިނގިރެޓާއި ދުންފަތް ހިމެނޭ ބާވަތްތަކުގެ އިތުރުން ރަލާއި އޫރުމަސް ފިޔަވައި އެހެން ހުރިހާ މުދަލުން 50 ޕަސެންޓު ޑިއުޓީ މައާފުވާނެ އެވެ.

އެމްޕީއެލްގެ ރީޖަނަލް ޕޯޓްސްގެ ހެޑް އޮފް ޑިޕާޓްމަންޓް މުޒްނީ "ސަން"އަށް މިއަދު ވިދާޅުވީ އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނައި އިސްލާހުގެ ހެޔޮ ބަދަލު ބައެއް ސަރަހައްދީ ބަނދަރުތަކުން މިހާރު ފެންނަން ފަށާފައިވާ ކަމަށެވެ. އެގޮތުން އެންމެ ބޮޑު ކުރިއެރުމެއް އައީ، އައްޑޫގައި ގާއިމްކޮށްފައިވާ ހިތަދޫ ސަރަހައްދީ ޕޯޓުގެ ޓްރެފިކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ ބޮޑު ކުރިއެރުމެއް އައިސްފައިވަނީ ހިތަދޫ ޕޯޓަށް. މިދިޔަ މަސްތަކަށް ބަލާއިރު ޖުލައި މަހު ހިތަދޫ ޕޯޓަށް އައިސްފައިވަނީ 33 ކޮންޓެއިނަރު. އޮގަސްޓް މަހު އައީ 54 ކޮންޓެއިނަރު އަދި ސެޕްޓެމްބަރު މަހު އައީ 68 ކޮންޓެއިނަރު،" މުޒްނީ ވިދާޅުވި އެވެ.

ކުޅުދުއްފުށި ޕޯޓްސް ލިމިޓެޑްގެ ޗީފް މެނޭޖަރު މުހައްމަދު އަހުމަދު ވެސް "ސަން"އަށް ވިދާޅުވީ އިމްޕޯޓްސް އެކްސްޕޯޓުގެ ގާނޫނަށް އިސްލާހު ގެނައި ފަހުން އެ ބަނދަރަށް ޖުމުލަކޮށް ގެނެސްފައިވަނީ 20 ފޫޓާއި 40 ފޫޓުގެ ކޮންޓޭނަރު ހިމެނޭ 25 ޓީ.އީ.ޔޫ ކަމަށެވެ.

"ކުރިއާ އަޅާބަލާއިރު އެނާޖީ ޑްރިންކް އެތެރެކުރި މިންވަރު އިތުރުވި ކަމަށް ފާހަގަކުރެވޭ. ދެން އެބަހުރި ވެހިކަލް ޝިޕްމަންޓްތަކެއް ވެސް." އޭނާ ވިދާޅުވި އެވެ.

ކުރިން ވެސް ވާހަކަ ދެއްކެވި މުޒްނީ ވިދާޅުވީ ކުރިއާ އަޅާބަލާއިރު ކުޅުދުއްފުށީ ޕޯޓަށް މުދާ އެތެރެކުރި މިންވަރު ކުރިއާ އަޅާބަލާއިރު މާބޮޑު ބަދަލެއް އައިސްފައި ނުވާ ކަމަށާއި މާމިގިލީ ބަނދަރަށް އެއްވެސް މުދަލެއް އެތެރެކޮށްފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް މިކަމުގެ ހެޔޮ ބަދަލު މުސްތަގްބަލުގައި އަތޮޅުތަކުން ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ އަތޮޅުތަކުގެ ތަރައްގީއަށް ސަރުކާރުން ކޮށްދިން ވަރަށް ރަނގަޅު ކަމެއް. ކުރިއަށް އޮތް ތަނުގައި އަތޮޅުތައް ކުރިއަރައިގެންދާނެ." މުޒްނީ ވިދާޅުވި އެވެ.

comment ކޮމެންޓް