ދިރާގުން ފިޔަވައްޗަށް ހިލޭ އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދީފި

ފިޔަވަތީގެ ކުލާސް ރޫމެއްގެ ތެރެއިން ---

ދިރާގުން ފިޔަވައްޗަށް އިންޓަނެޓުގެ ހިދުމަތްދީ، އޮންލައިން ކުލާސްތައް ހިންގުމަށް ވަސީލަތް ގާއިމްކޮށްދީފިއެވެ.

މިހާރުވެސް ދިރާގުން ދަނީ އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ފިޔަވަތީގެ ކޮމްޕިއުޓާ ލެބަށް ހިލޭ އިންޓަނެޓް ފޯރުކޮށްދެމުންނެވެ.

ކޮވިޑް19 ގެ މި ދަނޑިވަޅުގައި އިންޓަނެޓްގެ ބޭނުން އިތުރަށް ޖެހިފައިވާތީ، ލެބްގެ އިތުރުން ކްލާސް ރޫމް ތަކުގައި ކުދިންގެ ސްކޫލް ޕްރޮގްރާމްތައް އޮންލައިންކޮށް ކުރިއަށް ގެންދެވޭނެ އިންޒިޒާމަށް ބޭނުންވެފައި އޮއްވާ ދިރާގުން ވަނީ އެ ހިދުމަތް ފޯރުކޮށްދީފައެވެ.

ފިޔަވަތީގައި 99 ދަރިވަރުން ފައުންޑޭޝަން ލެވެލް އިން ފެށިގެން ގްރޭޑް ހަތަކާ ހަމައަށް އޮންލައިން ކްލާސްތަކުގައި ބައިވެރިވެއެވެ.

ދިރާގުގެ އިންޓަނެޓްގެ ނިޒާމު މެދުވެރިކޮށް ދަރިވަރުންނަށް ފިޔަވަތިން ބާއްވާ ހާއްސަ ހަރަކާތްތަކުގައި ވެސް އޮންލައިންކޮށް ބައިވެރިވެވޭނެއެވެ.

އެކަމާ ގުޅިގެން ފިޔަވަތީގެ ސީއީއޯ ޒީނާ ގާސިމް ވަނީ ކޮވިޑް19 ގެ މި ހާލަތުގައި، އޮންލައިންކޮށް ހުރިހާ މަސައްކަތްތަކެއް ކުރަން މަޖުބޫރުވެފައިވާ މިދަނޑިވަޅުގައި، އެއްވެސް ހަރަދަކާނުލާ އިންޓަނެޓް ޕެކޭޖާއެކު، އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު ފިޔަވަތީގެ ކުދިންނަށް ފަހިކޮށް ދެމުން ދާތީ އެކަމަށް ޝުކުުރު އަދާކުރައްވައިފައެވެ.

އަދި އޭގެ އިތުރަށްވެސް ދިރާގުން ފިޔަވައްޗާމެދު ބަހައްޓާ ގާތްކަމާއި ވެދޭ އެހީތެރިކަމަށް ޒީނާ ވަނީ ޝުކުރު އަދާކުރައްވައިފައެވެ. ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ފާއިތުވި އަހަރު ތަކުގައިވެސް ކުޑަކުދިންގެ ހިޔާ ތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

comment ކޮމެންޓް