ހުއްދަ ދޭނީ ރައްކާތެރިކަމުގެ ޝަރުތުހަމަވާ ގެސްޓްހައުސްތަކަށް: މިނިސްޓްރީ

ޓޫރިސްޓުންތަކެއް ތޮއްޑޫ މަގެއްގެ މަތިން ހިނގާފައި ދަނީ:-- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހު

ކޮވިޑް19 އާ ގުޅިގެން މާޗު 17 ވަނަ ދުވަހު ރާއްޖޭގެ ގެސްޓްހައުސްތައް ބަންދުކުރުމަށް ފަހު އަންނަ މަހުގެ 15ގައި އަލުން ގެސްޓްހައުސްތައް ހުޅުވާލާ އިރު، އޮޕަރޭޓު ކުރުމުގެ ހުއްދަ ދޭނީ ސަލާމަތީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ފުރިހަމަކޮށްފައިވާ ގެސްޓްހައުސްތަކަށް ކަމަށް ޓޫރިޒަމް މިނިސްޓްރީ އިންް ބުނެފި އެވެ.

އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައްސަދު ރިޒާ ވިދާޅުވީ ގެސްޓްހައުސް ހުޅުވުމުގެ ހުއްދަ ދޭނީ ކޮވިޑ19 ސޭފް ޕްލޭން އެކުލަވާލާ ގެސްޓްހައުސްތަކަށް ކަމަށެވެ. އެގޮތުން ގެސްޓްހައުސްތަކުން އެކުލަވާލާ ޕްލޭން މިނިސްޓްރީ އަށް ފޮނުވުމުން މިނިސްޓްރީ އިން އެ ޕްލޭން ބަލައި ހުއްދަ ދޭނީ ރަށު ކައުންސިލުން ގެސްޓްހައުސް އަށް ގޮސް، ޕްލޭނާ އެއްގޮތަށް ހުރިތޯ ޗެކް ކުރުމަށް ފަހު ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަމަވާ ނަމަ ކަމަށެވެ.

އެގޮތުން ކޮންމެ ގެސްޓްހައުސް އަކުން ވެސް ހާއްސަ ފޯކަލް ޕޮއިންޓެއް ގާއިމް ކުރަންޖެހޭނެ ކަމަށާއި އައިސޮލޭޝަން އަށް ހާއްސަ ކޮޓަރިތަކެއް ހުންނަން ޖެހޭނެ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތައް އަންގައިދޭ ނިޝާންތަކާއި ޕޯސްޓަރުތައް ގެސްޓްހައުސްގައި ފެންނަ ގޮތަށް ބަހައްޓަން ޖެހޭ އިރު ޕީޕީއީ ވެސް އެކަށީގެންވާ މިންވަރަކަށް ހުންނަން ޖެހެ އެވެ. ހުރިހާ ސްޓާފުންނަށް ކޮވިޑް19ގެ މައުލޫމާތު ދީ މި ހާލތުގައި މަސައްކަތް ކުރާނެ ގޮތުގެ އިރުޝާދު ދޭން ޖެހެ އެވެ.

މީގެ އިތުރުން ސްޓާފުންނަށް ހާއްސަ މަސައްކަތު ޔުނިފޯމު ބަދަލުކޮށް ގެއަށް ދިޔުމުގެ ކުރިން ފެންވެރުމުގެ އިންތިޒާމު ގެސްޓްހައުސްގައި ހަމަޖައްސަން ޖެހެ އެވެ.

ގެސްޓްހައުސް ހުޅުވުމުގެ ކުރިން ރަށުގެ ރައްޔިތުންނަށް ބައްޔާ ބެހޭ މައުލޫމާތުދީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަހުލުވެރި ކުރަން ޖެހެ އެވެ. ގެސްޓްހައުސް އޮޕަރޭޓުކުރާ ރަށްރަށުގައި ހާއްސަ ފްލޫ ކްލިނިކެއް ގާއިމްކޮށް އެތަނުގައި އެކަށީގެންވާ މިންވަރަކަށް ޕީޕީއީ އާއި ޓެސްޓު ކިޓްގެ ސްޓޮކް އަބަދު ވެސް ބަހައްޓަންޖެހެ އެވެ.

ގެސްޓްހައުސް ހިންގާ ރަށްރަށުގެ ޓެކްސީތަކުގައި ޕާޓިޝަން ޖަހަން ޖެހޭއިރު ރައްޔިތުން ވެސް އާންމު ތަންތަނަށް ނިކުންނަށް ޖެހޭނީ މާސްކު އަޅައިގެންނެވެ.

މާލެ ސަރަހައްދުގެ ގެސްޓުހައުސްތައް ހުޅުވުމުގެ ހުއްދަ ދެވޭނީ މާލެ ސަރަހައްދުން ނަގާ ސާމްޕަލްތައް ޕޮޒިޓިވްވާ މިންވަރު 28 ދުވަސް ވަންދެން ފަސް ޕަސެންޓުގައި ހިފެހެއްޓުމުންނެވެ. އެއީ ސާމްޕަލްގެ އަދަދުން ބަލާނަމަ ދުވާލަކު 1000 ސާމްޕަލް އަށްވުރެ މަދު ނޫން އަދަދަކުން ޕޮޒިޓިވް ޕަސެންޓޭޖު ފަހަކަށް ވުރެ ދަށުގައި ހިފެހެއްޓުމުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ރާއްޖޭގެ 86 ރަށުގައި 10،000 އަށްވުރެ ގިނަ ގެސްޓްހައުސް އެނދު ހުރި އިރު 6000 އަށްވުރެ ގިނަ ރައްޔިތުންގެ އާމްދަނީ އާއި ވަޒީފާ ގުޅިފައި ވަނީ ގެސްޓްހައުސް ސިނާއަތަށެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ 10 ޕަސެންޓަކީ ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިން ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުންޏެވެ.

https://sun.mv/143611

comment ކޮމެންޓް