މާސްގެ ދެކުނު ތަނޑީގައި ގިނަ އަދަދެެއްގެ ފެންގަނޑުތަކެއް ހުރި ކަމަށް ދިރާސާއަކުން ދައްކައިފި

މާސް އިން ފެންގަނޑުތަކެއް ފެނުން-- ފޮޓޯ: ނާސާ އެސްޓްރޯބައޮލޮޖީ

ސޫރުދަ ނިޒާމުގައިވާ ގުރަހަތަކުގެ ތެރެއިން މާސްގެ ދެކުނު ތަނޑީގެ އަޑީގައި ގިނަ ފެންގަނޑުތަކެއް ހުރިކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

މީގެ ދެ އަހަރުކުރިން ވެސް ވަނީ މާސްގެ މާޝިއަން ސާފޭސްގެ ދަށުގައި ބޮޑު ލޮނު ފެންގަނޑެއް އޮތް ކަމަށް ދިރާސާއަކުން ދައްކައިފަ އެވެ. އަދި މި ދިރާސާގައިވާ ގޮތުން މާސްގެ އެހެނިހެން ބައެއް ހިސާބުތަކުގައި ވެސް މިފަދަ ފެން އެކުލެވޭ ސަރަހައްދުތަކެއް ހުރިކަމަށް ވަނީ ލަފާކުރެވިފަ އެވެ. ސެޕްޓެމްބަރު މަހުގެ 28ގައި ޝާއިރު ކުރި މި ދިރާސާއާ އެކު މާސްގައި ދިރުމެއް ވޭތޯ ކުރެވޭ ބަހުސަށް އިތުރު ކުރިއެރުންތަކެއް ވަނީ ލިބިފަ އެވެ.

މާސް އިން ފެންގަނޑުތަކެއް ފެނުން-- ފޮޓޯ: ދަ އިންޑިޕެންޑެންޓް

ދުނިޔޭގެ އެންޓާޓިކް ގްލޭސިއާސްގެ ދަށުގައިވާ ފެންގަނޑުގެ ދިރާސާތައް ހެދުމުގައި ވެސް މުހިންމު ރޯލެއް އަދާކުރި އެލެނާ ޕެޓިނެލީ އިސްވެ ކުރި މި ދިރާސާ ކޮށްފައި ވަނީ މާސިސް ނުވަަތަ މާސް އެޑްވާންސްޑް ރާޑާ ސަބްސާފޭސް އެންޑް އައޮނެސްފިއާ ސަރައުންޑިން ބޭނުން ކޮށްގެންނެވެ. މިއީ ޔޫރޮޕިއަން ސްޕޭސް އޭޖެންސީ އިން ފޮނުވާފައިވާ މާސްގެ ވަށައިގެން ދަތުރުކުރާ ޖައްވީ އުޅަނދެކެވެ.

މީގެކުރިން 2018ގައި، މި ވަސީލަތް ބޭނުންކޮށްގެން ހޯދިފައި ވަނީ މާސްގެ ސާފޭސް ދަށުގައިވާ ފެންގަނޑެކެވެ. އެ ދިރާސާއަށް ފަހު މާސްގައި އޭލިއަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަަކަށް ވެސް އިތުރު މައުލޫމާތުތަކެއް އެއްކުރެވިގެން ދިޔަ އެވެ.

އެހެންނަމަވެސް، އެ ދިރާސާ އެންމެ ފުރިހަމަ ނޫންކަމަށް ބުނެ ބައެއް ސައިންސްވެރިން ވަނީ މި ހޯދުންތަކާ ގުޅޭ ގޮތުން ސުވާލު އުފައްދައިފަ އެވެ. އެގޮތުން މިއީ މާސްގެ ގުދުރަތީ ވެއްޓާއި އަދި މާސް އުފެދިފައިވާ ގޮތާ މެދު އެކަށީގެންވާ މައުލޫމާތު ނެތި ހޯދުނު ނަތީޖާތަކެއްކަމަށް ބުނެ ފާޑުކިޔުނެވެ. އެހެންކަމުން އެއީ ހަގީގީ ފެންގަނޑެއްކަމާ މެދު އޭރު އޮތީ ސުވާލު އުފެދިފަ އެވެ.

އެންމެ ފުރަތަމަ ފެނުނު ފެންގަނޑަކީ ދެކުނު ތަނޑީގެ 1.5 ކިލޯ މީޓަރުގެ އަޑިން ފެނުނު 20 ކިލޯމީޓަރު ބޮޑު / (ފުޅާ) ފެންގަނޑެކެވެ.

ނަމަވެސް މިފަހަރު ފެނިފައި މިވަނީ އެންމެ ފެންގަނޑެއްގެ ބަދަލުގައި ގުޅިފައިވާ ބައިވަރު ފެންގަނޑުތަކެކެވެ.

މާސް އިން ފެންގަނޑުތަކެއް ފެނުން-- ފޮޓޯ: ދަ އިންޑިޕެންޑެންޓް

އޮސްޓްރޭލިއާގެ ޔުނިވާސިިޓީ އޮފް ކުއީންސްލޭންޑްގެ ޕްލެނެޓަރީ ސައިންޓިސްޓެއް ކަމުގައިވާ ގްރެޒިއެލާ ކެޕެރެލީ ވިދާޅުވާ ގޮތުގައި އެކި ކަހަލަ މެޓީރިއަލްތަކުން ރާޑަރު ސިގްނަލް ރިފްލެކްޓް ކުރާ މިންވަރު ތަފާތުވެ އެވެ. އަދި ސަބްސާފޭސްތަކުން ރިފްލެކްޓް ކުރާ ރާޑަރު ސިގްނަލްތަކަށް ވުރެ، ފެނުން މި ސިގްނަލްތައް ރިފްލެކްޓް ކުރާވަރު މާބޮޑަށް ވެސް އިތުރުވާނެ އެވެ. އެހެންކަމުން ދުނިޔޭގައި ޓެސްޓުކުރެވި ނަތީޖާ ޔަގީންކުރެވިފައިވާ މި ޓެކްނިކް ބޭނުންކޮށްގެން މާސްގައި ވެސް ފެން ހުރިކަން ޔަގީންކުރެވޭނެ އެވެ.

މީގެ އިތުރުން މި ފަހުގެ ދިރާސާގައިވާ ގޮތުން، މި ފެންގަނޑުތަކުގައި ހުރިކަމަށް ބެލެވެނީ ވަރަށް ލޮނުކަން ގަދަ ފެނެކެވެ. ސަބަބަކީ މާސްގެ މި ސަރަހައްދަކީ ވަރަށް ފިނިގަދަ ސަރަހައްދަކަށް ވުމުން، އާދައިގެ ފެން ގަނޑުނުވެ ހުރުމަކީ ވަރަށް ނާދިރު ކަމެކެވެ. ނަމަވެސް، ލޮނަކީ ފެން ގަނޑުވާ މިންވަރު ދަށްކޮށްދޭ މާޢްދާއަަަކަށްވުމުން ދިގު މުއްދަތަކަށް ފެން ގަނޑުވިޔަ ނުދީ ހިފަހައްޓައިދޭނެ އެވެ. އަދި މާސްއަކީ މީގެކުރިން ހެދިފައިވާ ދިރާސާތަކުން އެނގޭ ގޮތުގައި ލޮނު އެކުލެވޭ ކެލްސިއަމް، މެގްނީޒިއަން އަދި ސޯޑިއަމް ފަދަ މާއްދާތައް ގިނަ އަދަދަކަށް ހިމެނޭ ތަނެކެވެ.

comment ކޮމެންޓް