ސްޓާފުން ޗުއްޓީއަށް ދާއިރު ވަކިން 14 ދުވަސް ކަރަންޓީނަށް ދޭން އެދެފި

ވީއައިއޭގައި ފަތުރުވެރިއަކަށް ސްޓާފަކު ހިދުމަތް ދެނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރިސޯޓުތަކުގެ މުވައްޒަފުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ޓޫރިޒަމް މިނިސްޓްރީ އިން ރިސޯޓުތަކުގެ މެނޭޖުމެންޓުތަކަށް އިލްތިމާސް ކޮށްފި އެވެ.

މިރޭ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު އައްސަދު ރިޒާ ވިދާޅުވީ މުވައްޒަފުން މިހާލަތުގައި ވަމުންދާ ގުރުބާނީ ފާހަގަ ކުރައްވާ ކަމަށެވެ.

އާންމު ސިއްހަތުގެ ގާނޫނު ބުނާގޮތުން ކޮވިޑް-19އިގެ ސަބަބުން ކަރަންޓީނުގައި ތިބެންޖެހޭ މީހުންނަށް ހާއްސަ ޗުއްޓީއެއް ހަމަޖައްސަން ޖެހޭނެ އެވެ.

މުވައްޒަފުން އޮފް ދުވަސްތައް އެއްކޮށްގެން ނުވަތަ އަހަރީ ޗުއްޓީގައި ދާއިރު ޗުއްޓީ ދުވަސްތަކުގެ އިތުރަށް އިތުރު 14 ދުވަސް ކަރަންޓީނަށް ދިނުމަށް އައްސަދު ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

"އަޅުގަނޑު ވަރަށް ބޮޑަށް އެދެން ރިސޯޓު ހިންގާ މެނޭޖުމެންޓުގެ ފަރާތުން ސްޓާފުންނަށް ގާނޫނީ ގޮތުން ލިބޭ ލީވްތަކެއް އެބަ ހުރޭ. އޮފް ޑޭސް ކަލެކްޓިވްކޮށް ނަގައިގެން ރަށްރަށަށް ފެމެލީ ކައިރިއަށް ދާއިރުވެސް އަދި އެނުއަލް ލީވް ނަގައިގެން ދާއިރުވެސް 14 ދުވަހުގެ ކަރަންޓީނު ހޭދަކޮށްފައި ދެން ފެމެލީ ގާތަށް ނިކުންނަ އިރު މި އޮންނަނީ ޗުއްޓީ އެއްކޮށް ގެއްލިފައި. އެގެ ބަދަލުގައި އަޅުގަނޑު އެދެން މެނޭޖުމެންޓުތަކުގެ އަރިހުން ސްޓާފުން ޗުއްޓީ އަށް ވަޑައިގަންނަވާއިރު ކަރަންޓީނަށް އިތުރު 14 ދުވަސް ދިނުމަށް،" އައްސަދު ވިދާޅުވި އެވެ.

ރިސޯޓުތަކުން ރަށްރަށަށް ދާނަމަ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަންޖެހޭނެެ ކަމަށް އެޗްޕީއެގެ ގައިޑްލައިން ބުނެފައިވެ އެވެ.

އައްސަދު ވަނީ ރާއްޖޭގެ ޓޫރިޒަމް ކޮޅަށް ޖަހައި އިގްތިސޯދު ދިރުވަން ޓޫރިޒަމް އިންޑަސްޓްރީ އިން ކުރާ މަސައްކަތް ފާހަގަކުރައްވާ ޝުކުރު އަދާކުރައްވައިފަ އެވެ.

comment ކޮމެންޓް