މިއަދު ރާއްޖެއިން ޕޮޒިޓިވްވީ 59 މީހުން

މެއި 28، 2020: މާލޭގެ އެކި ސަރަހައްދުތަކުގައި އާރް އާރް ޓީމްތަކުން މަގުމަތިންދާ މީހުންގެ ރެންޑަމް ސާމްޕަލް ނެގުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު ރާއްޖެއިން ކޮވިޑް 19 އަށް ޕޮޒިޓިވްވީ 59 މީހުން ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

އެޗްޕީއޭ އިން އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ފާއިތުވި 24 ގަޑިއިރު ތެރޭ ޕޮޒިޓިވްވި 59 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 54 މީހުންނާއި އަތޮޅުތެރެއިން ޕޮޒިިވްވި ފަސް މީހެކެވެ. އެއީ ޖުމްލަ 47 ދިވެހިންނާއި 12 ބިދޭސިންނެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 10،157 އަށް އަރައިފަ އެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާރު ރާއްޖެއިން ބައްޔަށް ފަރުވާ ހޯދަމުން ދަނީ 1166 މީހުންނެވެ. ހޮސްޕިޓަކުގައި 82 މީހުން ތިިބިއިރު ދެ މީހަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައެވެ. އަދި ތިން މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށް އެޗްޕީއޭ އިންް ބުންޏެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި 612 މީހުން އެބަތިއްބެވެ.

މިހާތަނަށް ޖުމްލަ 8،950 މީހުން ކޮވިޑް 19 އިން ރަނގަޅުވެފައިވާއިރު މިދިޔަ 24 ގަޑިއިރު ތެރޭ 103 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިވަގުތު 22 ރަށުގައި ކޮވިޑުގެ 38 ކޭސް އެބައޮތެވެ. އަދި 23 ރިސޯޓެއްގައި ކޮވިޑަށް ޕޮޒިޓިވް 11 ފަތުރުވެރިންނާއި 24 ސްޓާފުން އެބަތިއްބެވެ.

ރާއްޖެއިން ބަލީގައި މަރުވެފައިވަނީ 34 މީހުންނެވެ.

comment ކޮމެންޓް