ތިނަދޫގައި އަޅާ ކޮވިޑް ފެސިލިޓީގެ މަސައްކަތް އަންނަ މަހު ނިމޭނެ

ތިނަދޫ ކޮވިޑް ފެސިލިޓީގެ މަސައްކަތް ކުރަނީ -- ފޮޓޯ: އެމްޓީސީސީ

ގދ. ތިނަދޫގައި އަޅާ ކޮވިޑް ފެސިލިޓީގެ މަސައްކަތް އަންނަ މަހުގެ 14 ވަނަ ދުވަހަށް ނިންމާލަން މަސައްކަތް ކުރަމުންދާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

ތިނަދީގައި ގާއިމްކުރަނީ 22 އެނދުގެ ކޮވިޑް ފެސިލިޓީއެކެވެ. އެ ފެސިލިޓީ ގާއިމް ކުރުމުގެ މަސައްކަތް ފެށީ 25 ސެޕްޓެމްބަރު ވަނަ ދުވަހުއެވެ.

އެމްޓީސީސީ އިން ބުނީ މަސައްކަތުގެ 15 ޕަސެންޓް މިހާރު ނިންމާލެވިފައިވާ ކަމަށެވެ.

ތިނަދޫގައި ގާއިމްކުރާ ކޮވިޑް ފެސިލިޓީގައި އިންޓެންސިވް ކެއާ ޔުނިޓެއް (އައިސީޔޫ) އެއްވެސް ގާއިމް ކުރަން ވަނީ ނިންމާފައެވެ.

ތިނަދޫގައި ކޮވިޑަށް ފަރުވާދޭނެ ފެސިލިޓީ އެއް ގާއިމް ކުރަން ނިންމީ އެ ރަށުން ޕޮޒިޓިވްވި ބަލިމީހަކު ގއ ވިލިނގިލީގައި ހުންނަ ރީޖަނަލް ކޮވިޑް ފެސިލިޓީ އަށް ފަރުވާ ދޭން ގެންދިޔުމުން، ބަލިމީހާ ވިލިނގިއްޔަށް އަރުވަން ދެކޮޅު ހަދައި އެ ރަށުގެ ބަޔަކު މުޒާހަރާ ކުރުމުންނެވެ. ފަހުން ބަލިމީހާ އިތުރު ފަރުވާ އަށް މާލެ ގެނައީ ސީޕްލޭނެއް ޗަޓާރުކޮށްގެން ނެވެ.

އެ ހާދިސާއަށްފަހު ކޮވިޑް ފެސިލިޓީ އެހެން ރަށަކަށް ބަދަލު ކުރަން ވަނީ ގޮވާލައިފައެވެ. ނަމަވެސް ފަހުން ހުވަދު އަތޮޅުން ބައްޔަށް ޕޮޒިޓިވްވި މީހުންނަށް ވަނީ ވިލިނގިލީ ފެސިލިޓީ އިިން ފަރުވާދީފައެވެ.

comment ކޮމެންޓް