ދާއިމީ ހައްލަކީ ވެކްސިން، ލިބެންދެން ރާއްޖޭގެ އިންފެކްޝަން ރޭޓު ކޮންޓްރޯލް ކުރަން ޖެހޭ: އެމްޔޫ މަނިކު

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ(މަޓީ)ގެ ޗެއާމަން އެމްޔޫ މަނިކު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހީންގެ ދިރިއުޅުމަށްޓަކައި ވެސް ރާއްޖޭގައި ކޮވިޑްގެ އިންފެކްޝަން ރޭޓް ކޮންޓްރޯލު ކުރަން ޖެހޭ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއާމަން މުހައްމަދު އުމަރު މަނިކު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ޓޫރިޒަމް ދުވަހާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ނެރުނު ސަޕްލިމެންޓުގައި އެމްޔޫ މަނިކު ވިދާޅުވީ ބޯޑަރު އަލުން ހުޅުވާލި ފަހުން ޓޫރިސްޓުން އަންނަނީ އާދައިގެ މިންވަރަކަށް ކަމީ ސިއްރެއް ނޫން ކަމަށެވެ.

"ޓޫރިޒަމް ސިނާއަތް ކުރިން އޮތް ފެންވަރަށް ހަގީގަތުގައި ގެންދެވޭނީ ކޮވިޑް19އަށް ވެކްސިނެއް ލިބި، ދުނިޔޭގެ ފެންވަރުގައި ވެކްސިނޭޝަން ކުރިއަށް ގެންގޮސްގެން. މިކަން ހާސިލު ކުރެވެންދެން އެންމެންގެ ދިރިއުޅުމަށްޓަކައި ވެސް ޑޮމެސްޓިކް އިންފެކްޝަން ރޭޓު ވީހާ ވެސް ދަށްކުރަން އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ." އެމްޔޫ މަނިކު ވިދާޅުވި އެވެ.

ކޮވިޑް19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރީ މާޗު މަހުގެ ފަހުކޮޅު އެވެ.

އެމްޔޫ މަނިކު ވިދާޅުވީ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ޖުލައި 15ވަނަ ދުވަހު ބޯޑަރު އަލުން ހުޅުވާލުމުން ރިސޯޓުތަކާއި ލިވަބޯޑްތަކަށް ފަތުރުވެރިން އަންނަން ފެށުމުން މި ސިނާއަތް މަޑުމަޑުން ހިނގައިގަންނަން ފަށާފައިވާ ކަމަށެވެ. އަދި އޮކްޓޫބަރު 15 ވަނަ ދުވަހު މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓްހައުސްތައް ހުޅުވާނެކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ މިކަމުގެ ސަބަބުން ރަށްރަށުގެ އިގްތިސާދު އަލުން އިޔާދަވާން ފަށާނެ ކަމަށެވެ.

ރާއްޖޭގެ އިގްތިސާދު އެންމެ ބޮޑަށް ބަރޯސާވަނީ ފަތުރުވެރިކަމުގެ ސިނާއަތަށް ކަމަށާއި މި ސަބަބާހުރެ ކޮވިޑް19ގެ ގެއްލުން މި ސިނާއަތުގެ އިތުރުން މުޅި ގައުމުގެ އިގްތިސާދަށް ފޯރާފައިވާ ކަމަށް އެމްޔޫ މަނިކު ވިދާޅުވި އެވެ. އެހެން ނަމަވެސް ގުޅިގެން މަސައްކަތްކޮށްފި ނަމަ މިކަމުން އަރައިގަނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ދެ އަހަރު ފަހުން ދިވެހި ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރު ފުރޭއިރު، މިހާ ކުރު މުއްދަތެއްގެ ތެރޭގައި ޖީޑީޕީއާއި ވަޒީފާގެ ބާޒާރުގެ އެންމެ ބޮޑު ހިއްސާދާރަކީ މި ސިނާއަތް ކަން މަނިކު ފާހަގަކުރެއްވި އެވެ. އަދި ވަރަށް އާދައިގެ ގޮތަކަށް ފަތުރުވެރިކަން ފެށި ރާއްޖެއަކީ މިހާރު ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ފަތުރުވެރިކަމުގެ މަންޒިލްތަކުގެ ތެރެއިން އެއް މަންޒިލްކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

comment ކޮމެންޓް