ލުބްނާންގައި ސަރުކާރެއް އެކުލަވާނުލެވުމުން ފްރާންސްގެ ރައީސް ކޯފާވެއްޖެ

ފްރާންސްގެ ރައީސް މެކްރޮން ލުބްނާނަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން--

ލުބްނާނުގައި އާ ސަރުކާރެއް އެކުލަވާލުމުގައި ކުރިއެރުމެއް ނުލިބޭތީ ފްރާންސްގެ ރައީސް އިމާނުއަލް މެކްރޮންގެ ކޯފާ ވެއްޖެ އެވެ.

ލުބްނާނުގެ ވެރިރަށް ބެއިރޫތުގައި ގޮވި ގޮވުމަށް ފަހު އެގައުމުގެ ސަރުކާރު އިސްތިއުފާދިނެވެ. އޭގެ ފަހުން އެގައުމުގެ ބޮޑުވަޒީރަަކަށް ވަޑައިގެންނެވީ މުސްތަފާ އަދީބު އެވެ. ނަމަވެސް އެމަނިކުފާނު މިދިޔަ އާދިއްތަ ދުވަހު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އަދީބު އިސްތިއުފާ ދެއްވީ ސަރުކާރު އެކުލަވާލުމުގައި ކުރިމަތިވި ހުރަސްތަކާ ގުޅިގެންނެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެކްރޮން ވިދާޅުވީ ލުބްނާނުގެ ސިޔާސީ ފަރާތްތަކުން ގައުމީ މަސްލަހަތަށް ވުރެ މަސައްކަތްކުރަނީ އަމިއްލަ ފައިދާއަށް ކަމަށެވެ.

"ސަރުކާރު އެކުލަވާލުމަށް ސީޔާސީ ވެރިންވި ވައުދުތަކަށް އެމީހުން އެވަނީ ހިޔާނާތްތެރިވެފައި،" މެކްރޮން ވިދާޅުވި އެވެ.

ބެއިރޫތުގެ ގޮވުމުގައި އެ ސިޓީގެ ބޮޑުބައެއް ހަލާކުވެ ލުބްނާން ވަނީ އިގްތިސާދީ ކާރިސާއެއްގެ ތެރެއަށް ވެއްޓިފަ އެވެ. ފްރާންސުން މީގެ ކުރިން ވަނީ ލުބްނާނަށް އެހީ ދޭނެކަމަށް ވިދާޅުވެފަ އެވެެ.

ނަމަވެސް އެހީ ބޭނުން ނަމަ އިސްލާހީ ބަދަލުތަކަށް ތަންދޭ ބޭފުޅުންނަށް ސަރުކާރުން ޖާގަ ދޭން ޖެހޭނެ ކަމަށް މެކްރޯން ވިދާޅުވި އެވެ.

ލުބްނާނުގައި މިހާރު އޮންނަ އުސޫލުގެ ދަށުން ސަރުކާރުގެ ބާރުތައް ހިއްސާކުރަނީ އެކި ދީންތަކާއި މަޒްހަބްތަކަށް ނިސްބަތްވާ ބޭފުޅުންނެވެ. ނަމަވެސް އެ އުސޫލުތައް އުވާލުމަށް އެދި ލުބްނާނުގައި ގިނަ ބަޔަކު މިފަހަކަށް އައިސް ދަނީ އަޑުއުފުލަމުންނެވެ.

މެކްރޮން ވަނީ ލުބްނާނުގެ ހިޒްބުﷲ ޖަމާއަތަށް ވެސް ވަރުގަދަ ބަހުގެ ހަމަލާއެއް ދެއްވައިފަ އެވެ. ހިޒްބުﷲ ޖަމާއަތަކީ ހަގީގަތުގައި ވެސް ސިޔާސީ ޕާޓީއެއްތޯ ނޫނީ އިރާނުން ފަންޑުކުރާ ޓެރަރިސްޓް ޖަމާއަތެއްތޯ ވެސް މެކްރޮން ވަނީ ސުވާލުއުފައްދައިފަ އެވެ.

ލުބްނާނުގައި އެންމެ ފަހުން އެކުލަވާލަން އުޅުނު ސަރުކާރުގައި ވެސް ހިޒްބުﷲ ޝާމިލްވެ އެވެ.

މެކްރޮން ވިދާޅުވީ ހިޒްބުﷲ އިން ލުބްނާނުގެ ރައްޔިތުންގެ ވިސްނުމަށް އިހްތިރާމްކުރަން ޖެހޭނެ ކަމަށާއި ނަމަވެސް ހިޒްބުﷲ އިން އުޅެނީ އެ ޖަމާއަތަކީ މާވަރުގަދަބައެއް ކަމަށް ހެދިގެން ކަމަށެވެ.

ލުބްނާނަށް މިނިވަންކަން ލިބުމުގެ ކުރިން އެގައުމު އޮތީ ފްރާންސްގެ އިސްތިއުމާރުގެ ދަށުގަ އެވެ. ސިޔާސީ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ފްރާންސް އިން އަނެއްކާ ވެސް ދަނީ ލުބްނާނާއި މެދުއިރުމައްޗަށް އަތްގަދަކުރުމަށް މަސައްކަތްކުރަމުންނެވެ.

މެކްރޮން ކޯފާވެގެން ބަހުގެ ހަމަލާތަކެއް ދެއްވި އިރު ފްރާންސްގެ އިގްތިސާދީ ހާލަތު ގޯސްވެ 2018 އިން ފެށިގެން "ޔެލޯ ވެސްޓް"ގެ ނަމުގައި ބޮޑެތި މުޒާހަަރާތަކެއް އެގައުމުގެ ރައްޔިތުން ދަނީ ބާއްވަމުންނެވެ. ކޮރޯނާއާ ގުޅިގެން އެ މުޒާހަރާތައް މަޑުޖެހުނު ނަމަވެސް ރައްޔިޔުން މަޑުމަޑުން އަނެއްކާ ވެސް އެ މުޒާހަރާތައް ވަނީ ކުރިއަށްގެންދަން ފަށައިފަ އެވެ.-- އަލްޖަޒީރާ

comment ކޮމެންޓް