ކޮވިޑް ނަތީޖާ 15 މިނެޓުން ލިބޭ ކޮވިޑް "އެންޓިޖެން" ޓެސްޓު ރާއްޖެއަށް ތައާރަފުކޮށްފި

މެޑްޓެކްއިން 15 މިނެޓުން ނަތީޖާ ލިބޭ ކޮވިޑް19 ޕޯޓަބަލް އެންޓިޖެން ޓެސްޓު ރާއްޖެއަށް ތައާރަފުކޮށްފި އެވެ.

މި ޓެސްޓަކީ ލެބޯޓްރީ ތަހުލީލު ކުރަން ބޭނުންކުރާ އާލާތްތައް އުފެއްދުމުގެ އެންމެ ކުރީގައި އުޅޭ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެމެރިކާގެ އެބޮޓް ލެބޯޓްރީން އުފައްދާފައިވާ ޓެސްޓެކެވެ. މެޑްޓެކްއަކީ އެބޮޓްގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އެވެ.

ކޮވިޑް ވައިރަސްގެ އަސަރު ހަށިގަނޑުން ރަނގަޅުވުމުން ވައިރަސްގެ އެންޓިބޮޑީ ހުރި މިންވަރު ދެނެގަންނަން ހަދާ އެންޓިބޮޑީ ޓެސްޓާއި ހިލާފަށް އަލަށް ތައާރަފުކުރި މި އެންޓިޖެންޓެސްޓަކީ ހަށިގަނޑުގައި ހުންނަ އެކްޓިވް ވައިރަސް ދެނެގަންނަން ހަދާ ޓެސްޓެކެވެ.

އެގޮތުން މި ޓެސްޓަކީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ވެދޭނެ އުފެއްދުމެކެވެ.

މީގެ އިތުރުން މި ޓެސްޓު ކިޓުގެ ސަބަބުން ކޮންޓެކްޓް ޓްރޭސިންގައި އެކްޓިވް އިންފެކްޝަން ހުރި މީހުން ދެނެގަތުމަށް ޓެސްޓުކުރުމާއި އާބާދީގެ ބޮޑުބައެއް ޓެސްޓު ކުރުން އަދި ކޮވިޑަށް ޝައްކު ކުރެވޭ މީހުން އަވަހަށް ޓެސްޓު ކުރުމަށް މަގުފަހިވެގެންދާނެ އެވެ.

އެބޮޓްއިން ބުނީ އަލަށް ތައާރަފުކުރި އެފްޑީއޭ އީޔޫއޭ އެޕްރޫވަލް ލިބިފައިވާ މި ޓެސްޓަކީ ނޭސަލް ސްވޮބް ބޭނުންކޮށްގެން ކްރެޑިޓް ކާޑު ސައިޒުގެ ކިޓަކުން ވީހާ ވެސް އަވަހަށް އަދި ހެޔޮ އަގެއްގައި ކޮވިޑް19އަށް ގިނަ ބަޔަކު ޓެސްޓު ކުރެވޭނެ މަގުފަހިކޮށްދޭނެ ޓެސްޓެއް ކަމަށެވެ.

ކަމާބެހޭ ފަރާތްތަކަށް އިތުރު ލުޔެއް ދިނުމަށްޓަކައި އެބޮޓްއިން ވަނީ މި ޓެސްޓާ ގުޅޭ ހާއްސަ އެޕްލިކޭޝަނެއް ތައާރަފުކޮށް، ފޯނުން ޓެސްޓުގެ ނަތީޖާ ފެންނާނެ ގޮތް ވެސް ފަހިކޮށްދީފަ އެވެ.

އެބޮޓްގެ އަމާޒަކީ މި ޓެސްޓާއެކު އަންނަ މަހުން ފެށިގެން ކޮންމެ މަހަކު ވެސް މަދުވެގެން 50 މިލިއަން ޓެސްޓު ހެދުމެވެ.

އިތުބާރު ހިފޭ 'ލެޓަރެލް ފްލޯ ޓެކްނޮލޮޖީ' ބޭނުންކޮށްގެން އުފައްދާފައިވާ މި ޓެސްޓުގެ ސެންސިޓިވިޓީއަކީ 97.1 ޕަސެންޓެވެ. އަދި ސްޕެސިފިސިޓީއަކީ 98.5 ޕަސެންޓު ކަމަށް ކްލިނިކަލް ތަހުލީލުތަކުން ޔަގީންކަން ދޭ ކަމަށް އެބޮޓްއިން ވަނީ ބުނެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް