ޖަޕާނުން ރާއްޖެއަށް 47.5 މިލިއަން ޑޮލަރުގެ ލޯނު އެހީ

ޖަޕާން އިން ރާއްޖެއަށް 47.5 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ---

ޖަޕާނު ސަރުކާރުން ރާއްޖެއަށް 47.5 މިލިއަން ޑޮލަރުގެ ލޯނުގެ އެހީއެއް ދީފިއެވެ.

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ ޖަޕާނާއި ރާއްޖެއާ ދެމެދު ލޯނު އެހީގެ އެއްބަސްވުމުގައި ވަނީ ސޮއިކުރައްވާފައެވެ. ރާއްޖޭގެ ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އަދި ޖަޕާނުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެގައުމުގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ މިއަދު ދިން ލޯނުގެ އެހީއަކީ ޖަޕާނުން މިހާތަނަށް ރާއްޖެއަށް ފޯރުކޮށްދީފައިވާ އެންމެ ބޮޑު ލޯނުގެ އެހީ ކަމަށެވެ.

އެ ލޯނު ދައްކައި ނިންމުމަށް 15 އަހަރުގެ މުއްދަތެއް ދީފައިވާއިރު ގްރޭސް ޕީރިއަޑްގެ ގޮތުގައި ހަތަރު އަހަރު ދީފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އެ ލޯނު އެހީއަކީ 0.01 ޕަސެންޓްގެ އިންޓްރެސްޓެއް ނަގާގޮތަށް ދީފައިވާ ލޯނުގެ އެހީއެއް ކަމަށެވެ.

"އިންޓްރެސްޓް ރޭޓް އާ ބަލާފައި 15 އަހަރު ދުވަހަށް ހިސާބު ޖެއްސުމުން އެއީ ބޮޑު އެހީއެއް،" ޝާހިދު ވިދާޅުވިއެވެ.

ޖަޕާނުން ވަނީ ރާއްޖެއަށް ބޮޑެތި އެހީތަކެއް އެކި ރޮނގުތަކުން ފޯރުކޮށްދީފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ޖަޕާނުން ފޯރުކޮށްދޭ އިންސާނީ ތަރައްގީގެ އެތައް ހިދުމަތެއް ވަނީ ދިވެހީން ބޭނުންކޮށްފައި ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުންވެސް ވަނީ އިގްތިސޯދީގޮތުން ވަރަށް ބޮޑު ދަތިތަކަކާ ކުރިމަތިލާން ޖެހިފައި ކަމަށެވެ. އެހެންނަމަވެސް އެ ދަނޑިވަޅުގައިވެސް ޖަޕާނުން އެހާބޮޑު އެހީތެރިކަމެއް ދިނުމަކީ ފާހަގަ ކުރެވޭ ކަމެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކެއިކޯ ވިދާޅުވީ މިއަދު ދިން ލޯނަކީ އިމާޖެންސީ ސަޕޯޓް ލޯނެއް ކަމަށާއި އެ ލޯނުގެ ބޭނުމަކީ ގައުމުގެ އިގްތިސޯދު އިތުރަށް ވަރުގަދަކޮށް ތަރައްގީއަށް އެހީއެއް ފޯރުކޮށްދިނުން ކަމަށެވެ.

އަދި ކުރިއަށް އޮތް ތަނުގައިވެސް ޖަޕާނުން ދާނީ ރާއްޖެއާއެކު ގާތް ގުޅުމެއް ބާއްވައި އިތުރަށް އެކީގައި މަސައްކަތް ކުރަމުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް