ޑިއުޓީ މައާފުކުރުމުން އެމްޓީސީސީން އިންޖީނުތަކުގެ އަގު ކުޑަކޮށްފި

-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްޓީސީސީން ވިއްކާ އިންޖީނުތަކުގެ އަގަށް ބޮޑު ބަދަލުތަކެއް ގެނެސް، "މާބޮޑަށް ވެސް އަގުހެޔޮވެއްޖެ"ގެ ނަމުގައި ކެމްޕޭނެއް ފަށައިފި އެވެ.

އެމްޓީސީސީ ކަށަވަރު ޝޯރޫމްގައި ބޭއްވި ހަފްލާގައި މި ކެމްޕޭން އިފްތިތާހު ކޮށްދެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް، 'މާބޮޑަށް ވެސް އަގުހެޔޮވެއްޖެ' ކެމްޕޭން އިފްތިތާހު ކޮށްދެއްވަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްޓީސީސީން ވިއްކާ އިންޖީނުތަކުގެ އަގުހެޔޮ ކުރީ އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ސަރުކާރުން ގެނައި އިސްލާހުގައި މެރިން އިންޖީން އަދި އިންޖީނާ ގުޅުން ހުރި ސާމާނުން ނަގާ ޑިއުޓީ މައާފު ކުރުމުންނެވެ.

އެމްޓީސީސީން އިންޖީނު ވިއްކާ އަގުތަކަށް ގެނައި ބަދަލާއެކު ސުޒުކިީ އިންޖީނުތައް 50،000 ރުފިޔާއާ ހަމައަށް އަދި ޔަންމާ އިންޖީނު 700،000 ރުފިޔާއާ ހަމައަށް އަގުހެޔޮވެގެންދާނެ އެވެ. އެކި ރޭންޖްތަކުގެ އިންޖީނުގެ އަގަށް އަންނަ ބަދަލު ތަފާތު ވާނެ އެވެ.

އެ ހަފްލާގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ މެރިން އިންޖީނުގެ ޑިއުޓީ މައާފު ކުރުމަކީ މީގެ އެތައް އަހަރުތަކެއް ކުރީއްސުރެ މަސްވެރިން ދެކެމުން އައި ހުވަފެނެއް ކަމަށެވެ. އަދި މި ބަދަލުގެ ސަބަބުން އަލަށް މަސްވެރިކަމަށް ނިކުންނަ ފަރާތްތަކަށް ވެސް ވަރަށް ބޮޑު ފަސޭހަތަކެއް ވެގެންދާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް-- ސަން ފޮޓޯ/ފަޔާޒު މޫސާ

"އަޅުގަނޑުމެން ވިއްކާ ބައެއް އިންޖީނުތަކުން ގާތްގަނޑަކަށް 700،000 ރުފިޔާ އަގުހެޔޮވެގެން އެބަދޭ މި ޑިއުޓީ ކަނޑާލުމުން. މިއީ ކުޑަ އަދަދެއް ނޫން. ބައެއް އިންޖީނުތަކުން އެއްލައްކަ ރުފިޔާ، އަދި ސުޒުކީ އައުޓްބޯޑު އިންޖީނުތަކުން ގާތްގަނޑަކަށް ބައިލައްކަ ރުފިޔާ ކުޑަވެގެން އެބަދޭ. އަލަށް މަސްވެރިކަމަށް ނިކުންނަ ފަރާތްތަކަށް ވެސް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ މި ބަދަލާ ގުޅިގެން،" އާޒިމް ވިދާޅުވި އެވެ.

އިންޖީނުގެ އިތުރުން ދޯނިފަހަރު ބަންނައިރު ބޭނުންކުރާ ސްކޮޓް ބާޑާ ރެސިން ވިއްކާ އަގުތައް ވެސް އެމްޓީސީސީން ވަނީ ކުޑަކޮށްފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި އިންޖީން ސްޕެއާ ޕާޓްސް ވިއްކާ އަގުތަކުން ވެސް ހެޔޮ ބަދަލެއް ފެންނާނެ ކަމަށް އެކުންފުނިން ބުނެ އެވެ.

comment ކޮމެންޓް