ޓިކްޓޮކް މަނާކުރުން ވަގުތީގޮތުން ހުއްޓާލަން އަންގައިފި

ޓިކްޓޮކް--

އެމެރިކާގައި ޓިކްޓޮކް ބޭނުންކުރުން މަނާކުރުމަށް ނިންމާ ނިންމުން ވަގުތީ ގޮތުން ހުއްޓާލުމަށް ނުވަތަ މަޑުޖައްސާލުމަށް އެގައުމުގެ ފެޑެރަލް ކޯޓަކުން އަމުރުކޮށްފި އެވެ.

ޓިކްޓޮކް އެމެރިކާގައި ބޭނުންކުރުން މަނާކުރުމަށް އެގައުމުގެ ރައީސް ޑޯނަލްޑް ޓްރަމްޕް ނިންމުމުން އެމެރިކާ ސަރުކާރަށް ދައުވާ ކުރުމަށް ޓިކްޓޮކްގެ ބެލެނިވެރި ކުންފުނި "ބައިޓްޑާންސް" ވަނީ މައްސަލައެއް ކޯޓަށް ހުށަހަޅާފަ އެވެ.

ދާދި ފަހުން އެމެރިކާގެ ފެޑެރަލް ކޯޓެއްގެ ގާޒީ ވަނީ އެމެރިކާގައި ޓިކްޓޮކް މަނާކުރުން ވަގުތީގޮތުން ހުއްޓުމަށް އަމުރުކޮށްފައެވެ. އެއާއެކު ޓިކްޓޮކް ޑައުންލޯޑްކުރުން ފަދަ ހިދުމަތްތައް މަނާކުރުމަށް ނިންމާފައިވާ ނިންމުން ވަގުތީ ގޮތުން ހުއްޓާލަން ޖެހޭނެ އެވެ.

އެ ނިންމުމަކީ ޓިކްޓޮކްގެ ކޮޅަށް ލިބުނު ކާމިޔާބީއެކެވެ. ބައިޓްޑާންސް އިން ބުނެފައިވަނީ ޓިކްޓޮކް ހުއްޓުވަން އެމެރިކާއިން ނިންމި ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށެވެ. އެހެންކަމުން އެ މައްސަލަ އިތުރަށް ބެލުމަށްޓަަކައި ޓިކްޓޮކް ބޭން މަޑުޖައްސާލުމަށް އެކުންފުނީން ހުށަހަޅާފައިވެއެވެ.

އެ މައްސަލައާ ގުޅިގެން ކޯޓުގައި އެމެރިކާގެ ސަރުކާރުން ބުނެފައިވަނީ ޓިކްޓޮކް އަކީ އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީއަށް އޮތް ނުރައްކަލެއް ކަމަށެވެ. އަދި އެ ކުންފުނީން އެމެރިކާގެ އާންމުންގެ ޒާތީ މައުލޫމާތު ބޭނުންކުރާ ކަމަށްވެސް ސަރުކާރުގެ ވަކީލުން ވަނީ ބުނެފަ އެވެ.

ނަމަވެސް ބައިޓްޑާންސް ކުންފުނީގެ ވަކީލުން ވަނީ އެކަން ދޮގުކޮށްފަ އެވެ.

ފެޑެރަލް ގާޒީގެ ނިންމުން ޓިކްޓޮކްއާ އެއްކޮޅަށް ނިންމުމުގެ ފަހަތުގައިވާ ސީދާ ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.

comment ކޮމެންޓް