ހައްޔަރުކުރި ނޫސްވެރިޔާ ދިޔައީ ޗައިނާއަށް ޖާސޫސް ކޮށްދެމުން: އިންޑިއާ

ހައްޔަރުކުރި ނޫސްވެރިޔާ ރަޖީވް ޝަރުމާ--

ހައްޔަރުކުރި ނޫސްވެރިޔާ ރަޖީވް ޝަރުމާ ދިޔައީ ޗައިނާ އަށް ޖާސޫސް ކޮށްދެމުން ކަމަށް އިންޑިއާ އިން ބުނެފި އެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ފުލުހުން ބުނީ ރަޖީވް ދިޔައީ ސިއްރު މައުލޫމާތުތައް ޗައިނާގެ ޖަސޫސީ އިދާރާއަށް ފޯރުކޮށްދެމުން ކަމަށެވެ.

އެ މައްސަލާގައި ނޭޕާލްގެ ފިރިހެނަކާއި ޗައިނާގެ އަންހެނަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

އުމުރުން 61 އަހަރުގެ ރަޖީވްއަކީ އިންޑިއާގެ ޓްރިބިއުން ނޫހުގެ ޗީފް އެޑިޓަރެވެ. އެ ނޫހަކީ އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަޖިތު ދޮވާލް އުފެއްދެއްވި ތިންކްޓޭންކް ވިވެކަނާޑާ އިންޓަނޭޝަނަލް ފައުންޑޭޝަން (ވީއައިއެފް)އާ ވެސް ގުޅިފައިވާ ނޫހެކެވެ.

ރަޖީވް ހައްޔަރުކުރި ދުވަހު ލިންކްއިންޑްގައި އޭނާ ކުރި ޕޯސްޓެއްގައި ބުނީ ޗައިނާ އާއި އިންޑިއާއާ ދެގައުމުން ސުލްހަވާން މިފަހުން ނިންމި ނަމަވެސް ޗައިނާއަށް އިތުބާރުނުކުރެވޭ ކަމަށެވެ.

އިންޑިއާ އާއި ޗައިނާއާ ދެމެދު މިދިޔަ އޭޕްރީލުން މޭ މަހާ ދެމެދު ވަނީ ދެ ގައުމު ގުޅޭ ބޯޑަރު ސަރަހައްދުގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައިފަ އެެވެ.

ދިއްލީގެ ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކުރި ނޭޕާލްގެ ޝޭރު ސިންގް ނަމަކަށް ކިޔާ މީހާ ދިޔައީ ރަޖީވްއަށް ފައިސާ ފޯރުކޮށްދެމުން ކަމަށެވެ.

ދިއްލީގެ ފުލުހުން އިތުރަށް ބުނީ ޝަރުމާ އެތަކެއް ލިޔުންތަކެއް ޗައިނާއަށް ފޯރުކޮށްދިން ކަމަށާއި އަދި ޗައިނާގެ ސަރުކާރާ ގުޅުން އޮންނަ ގްލޯބަލްޓައިމްސްއަށް ވެސް އޭނާ ލިޔެދީފައިވާ ކަމަށެވެ. -- ދަހިންދޫ

comment ކޮމެންޓް