ގައުމީ ގުރުއާން މުބާރާތް އޮންލައިންކޮށް ބޭއްވުމަށް ވިސްނަނީ

ގައުމީ ގުރުއާން މުބާރާތުގެ ބައިވެރިއަކަށް ރައީސް ސޯލިހް އިނާމް އަރުވަނީ --- ފޮޓޯ: ރައީސް އޮފީސް

ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވާ ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތް މިއަހަރު އޮންލައިންކޮށް ކުރިއަށް ގެންދިޔުމާ މެދު މަޝްވަރާކުރައްވައިފި އެވެ.

ގުރުއާން މުބާރާތް އޮންލައިންކޮށް ކުރިއަށް ގެންދިޔުމާ ގުޅޭގޮތުން މިއަދު މަޝްވަރާކުރައްވާފައިވަނީ ނައިބު ރައީސް ފައިސަލް ނަސީމް، ރާއްޖޭގެ ދީނީ އިލްމުވެރިންނާ މަޝްވަރާކުރެއްވުމަށް ބޭއްވެވި ބައްދަލުވުމެއްގެ ތެރެއިންނެވެ.

އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.

ކޮވިޑް-19ގެ ހާލަތާ ގުޅިގެން މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތް ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށް އެ މަރުކަޒުން ވަނީ މި މަހުގެ ތިނެއްގައި ހާމަކޮށްފައެވެ.

ކޮންމެ އަހަރަކު ބާއްވަމުން އަންނަ ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތް ކެންސަލްކޮށްލުމަށް ނިންމާފައިވާއިރު އެ މުބާރާތަކީ ރާއްޖޭގެ އެކިކަންކޮޅުތަކުން ގިނަ އަދަދަކަށް ސްކޫލުކުދިން ބައިވެރިވަމުން އަންނަ މުބާރާތެކެވެ.

މިދިޔަ އަހަރު ކުރިއަށް ގެންދިޔަ 33 ވަނަ ގައުމީ ގުރުއާން މުބާރާތުގައި 1،273 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

މިއަދު ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމުގައި ވަނީ ރާއްޖެއިން ބޭރުގައި އުޅޭ ދިވެހީންނަށް އިސްލާމް އަދި ގުރުއާން މާއްދާތަކެއް ނަގައިދިނުމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ. އަދި އެ ކްލާސްތައް ކުރިއަށް ގެންދާނީ އޮންލައިންކޮށް ކަމާ މެދުވެސް އެ ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.

comment ކޮމެންޓް