ބާ ކައުންސިލް އިމްތިހާނު 283 ދަރިވަރަކު ފުރިހަމަ ކޮށްފި

ޖުަލައި، 17، 2019: ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ބާ ކައުންސިލް ހާޒިރު ކުރުން --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ވަކީލު ކަމުގެ ހުއްދަ ހޯދުމަށް ބާ ކައުންސިލްގެ ތަމްރީން ޕްރޮގްރާމް 283 ދަރިވަރަކ ފުރިހަމަ ކޮށް އިމްތިހާން ނިންމައިފި އެވެ.

ބާ އިމްތިހާނު ފުރިހަމަ ކުރުމުން ނޫން ގޮތަކަށް ވަކީލު ކަމުގެ ހުއްދަ ނުލިބޭނެ ކަމަށް ގާނޫނީ ފަންނުގެ ގާނޫނުގައި ބުނެފައިވެ އެވެ.

އެއް މަސް ދުވަހުގެ އެ ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށް 283 ދަރިވަރަކު ޓެސްޓް ހަދާފައިވާ ކަމަށް ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު މިއަދު ވަނީ ވިދާޅުވެފަ އެވެ.

މައުމޫން ހަމީދު ވިދާޅުވީ، މިއަދު އިމްތިހާން ފުރިހަމަ ކުރި 283 ދަރިވަރުންނަށް ވަކީލް ކަމުގެ ލައިސެންސް ދޫ ކުރުމަށް ރަސްމިއްޔާތެއް ބޭއްވުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ބާ ކައުންސިލްގެ އިމްތިހާން 283 ދަރިވަރަކު ފުރިހަމަ ކުރި ނަމަވެސް އެ ތަމްރީން ޕްރޮގްރާމްގައި 321 ދަރިވަރުން ވަނީ ބައިވެރިވެފަ އެވެ.

ބައިކީ ތިބި ދަރިވަރުންނަށް އިމްތިހާންގައި ބައިވެރިވެފައި ނުވަނީ އޮންލައިންކޮށް ކުރިއަށް ގެންދިޔަ އެ ތަމްރީން ޕްރޮގްރާމްގައި ޓެސްޓްގައި އިށީދެވޭ ވަރަށް އެޓެންޑެންސް ނުލިބުމުގެ ސަބަބުންނެވެ.

ގާނޫނީ ފަންނުގެ ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވަނީ، މިހާރު ހުއްދަ ނުލިބި ތިބި ވަކީލުންނަށް ހާއްސަކޮށްގެން ބާ ކައުންސިލުން ހިންގާ އެއްމަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމުން ވަކީލު ކަމުގެ ހުއްދަ ދޭން ޖެހޭނެ ކަމަށެވެ. ނަމަވެސް، އެ ތަމްރީނު ޕްރޮގްރާމު ހަދައިގެން ވަކީލު ކަމުގެ ހުވާ ކުރާ މީހުންވެސް އެންމެ އަވަހަށް ބާއްވާ ބާ އިމްތިހާނެއްގައިވެސް ބައިވެރިވާން ވަނީ ލާޒިމް ކޮށްފަ އެވެ.

ބާ ކައުންސިލުގެ ތަމްރީނު ޕްރޮގްރާމުގައި ހިމެނެނީ މައިގަނޑު ފަސް ބައެކެވެ. އެއީ މޯލްޑިވިއަން ލީގަލް ސިސްޓަމް، ކްރިމިނަލް ޕްރޮސީޖާ، ސިވިލް ޕްރޮސީޖާ، ޕްރޮފެޝަނަލް އެތިކްސް އަދި ޑްރާފްޓިން އެވެ. އޭގެ އިތުރުން ދިވެހި ބަސް ބޭނުންކުރުމާ ބެހޭގޮތުންވެސް އެ ތަމްރީނު ޕްރޮގްރާމުގައި ކިޔަވައިދޭނެ އެވެ.

ގާނޫނީ ފަންނުގެ ބިލަށް ގެނައި އިސްލާހުގައިވާ ގޮތުން އެ ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރާ ތާރީހުން ފެށިގެން ގިނަވެގެން 21 ދުވަހުގެ ތެރޭގައި ގާނޫނީ ވަކީލު ކަމުގެ ހުވާ ކުރުމުގެ އިންތިޒާމު ބާ ކައުންސިލުން ހަމަޖައްސަން ވާނެ އެވެ.

comment ކޮމެންޓް