އުމްރާއަށް ގެންދަން ބޭނުންވާ މީހުން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި

އުމުރާގެ އަޅުކަމަށް ދިވެހިންތަކެއް ފުރަނީ-- ފޮޓޯ: ހައްޖު ކޯޕަރޭޝަން

ރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީއިން ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީއިން ބުނެފައިވަނީ ޕްރޮޕޯސަލް ފޮތް މާދަމާއިން ފެށިގެން އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ދޫކުރާނެ ކަމަށެވެ. ފޮތް ދޫކުރާނީ ހެނދުނު 0900 އިން 1200 އަށް ކަމަށާއި ކައުންޓަރުން ފޮތް ގަންނަން ލިބޭނީ 5،000 ރުފިޔާއަށް ކަމަށް މިނިސްޓްރީއިން ބުނެފައިވެއެވެ.

މިނިސްޓްރީއިން ބުނީ ޕްރޮޕޯސަލް ހުށަހަޅާނީ ސިޓީ އުރައެއްގައި ބަންދުކުރުމަށްފަހުގައި ކަމަށެވެ.

ޕްރޮޕޯސަލްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 11 ވާ އާދިއްތަ ދުވަހުން ފެށިގެން އެ މަހުގެ 15 ނިޔަލަށް ކަމަށް މިނިސްޓްރީއިން ބުނެއެވެ. އަދި ޕްރޮޕޯސަލް ގަނެފައި ނުވާ ފަރާތްތަކުގެ ޕްރޮޮޕޯސަލް ބަލައި ނުގަންނާނެ ކަމަށް މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީއިން ބުނީ ރާއްޖެއިން މީހުން އުމްރާއަށް ގެންދިޔުމާ ބެހޭގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ 24 ގައި ގެޒެޓްކޮށްފައިވާ އުސޫލުގައިވާ ގޮތުގެ މަތީން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅޭނީ އުސޫލުގެ ފަސްވަނަ މާއްދާގައިވާ ޝަރުތުތައް ފުރިހަމަވާ ކުންފުނިތަކަށް ކަމަށެވެ.

comment ކޮމެންޓް