އެމްޓީސީސީގެ ހިއްސާއަކަށް ދެ ރުފިޔާ ބަހަން ފާސްކޮށްފި

އެމްޓީސީސީގެ 2019ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ-- ފޮޓޯ/އެމްޓީސީސީ

އެމްޓީސީސީގެ 2019ވަނަ އަހަރީ އާންމު ޖަލްސާ ބާއްވައިފި އެވެ.

މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގެ "ފަހިވޯޓް" މެދުވެރިކޮށް ބޭއްވި އެ ޖަލްސާގައި 44 ހިއްސާދާރުން ވަނީ ބައިވެރިވެފަ އެވެ.

އެ ޖަލްސާގައި 2019ވަނަ އަހަރުގެ ހިއްސާގެ ފައިދާއަށް، މޫނުމަތީ އަގު ފަސް ރުފިޔާގެ ހިއްސާއަކަށް ދެ ރުފިޔާ ބަހަން އެމްޓީސީސީން ވަނީ ފާސްކޮށްފަ އެވެ.

މިދިޔަ 2019 ވަނަ އަހަރު އެމްޓީސީސީ އަށް ސާފު ފައިދާގެ ގޮތުގައި 53.3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ 2018ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނު 34،2 މިލިއަން ރުފިޔާއަށްވުރެ 55.5 ޕަސެންޓު އިތުރު އަދަދެކެވެ.

އެ ޖަލްސާގައި ކުރިއަށް އޮތް އަހަރު އެމްޓީސީސީގެ އޮޑިޓަރުންގެ ގޮތުގައި ޕްރައިސް ވޯޓާހައުސް ކޫޕާސް (ޕީޑަބްލިއުސީ) ކަނޑައަޅަން ވަނީ ފާސްކޮށްފަ އެވެ.

މީގެ އިތުރުން އެމްޓީސީސީގެ ބޯޑަށް އާ ޑިރެކްޓަރުން ވެސް މިއަދުގެ ޖަލްސާގައި ވަނީ އައްޔަންކޮށްފަ އެވެ. ސަރުކާރުގެ ފަރާތުން އެމްޓީސީސީގެ ބޯޑަށް އައްޔަންކޮށްފައިވަނީ ޗެއާމަން މުހައްމަދު ފަހީމް، ސީއީއޯ އާދަމް އާޒިމް، އެގްޒެކެޓިވް ޑިރެކްޓަރު ޝާހިދު ހުސައިން މޫސާ، ސިނާން އަލީ އަދި އަލްއުސްތާޒް މުހައްމަދު ފަރީދު އެވެ.

އާންމު ހިއްސާދާރުން ތަމްސީލުކުރަން ބޯޑަށް ކުރިމަތިލާފައި ވަނީ ދެ ފަރާތަކުންނެވެ. އޭގެ ތެރެއިން އާންމުންގެ ފަރާތުން ބޯޑަށް އައްޔަންކޮށްފައިވަނީ ނަސްރަތު މުހައްމަދު (ހެޕީނައިޓް، ގއ. ވިލިނގިލި) އެވެ.

comment ކޮމެންޓް