އުރީދޫއިން ވީއައިއޭގައި ފުރަތަމަ ފަހަރަށް ޑިޖިޓަލް ކިއޯސްކެއް ބަހައްޓައިފި

އުރީދޫއިން ވީއައިއޭގައި ބެހެއްޓި ޑިޖިޓަލް ކިއޯސްކް-- ފޮޓޯ/އުރީދޫ

ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ހާއްސަކޮށްގެން އުރީދޫގެ ހިދުމަތްތައް އަމިއްލައަށް ހިދުމަތް ހޯދޭ ޑިޖިޓަލް ކިއޯސްކްއެއް އުރީދޫއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބަހައްޓައިފި އެވެ.

މިކަމަށް ހާއްސަކޮށް މިއަދު ވީއައިއޭގައި ބޭއްވި ހަފްލާގައި މި ކިއޯސްކް އިފްތިތާހުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އެވެ. އެ ހަފްލާގައި މިނިސްޓަރުގެ އިތުރުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދުއާއި އެމްއޭސީއެލްގެ އެމްޑީ އަދި ސީއީއޯ ގޯޑަން އެންޑްރޫ ސްޓުއާޓް އަދި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހްމަދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އުރީދޫއިން ވީއައިއޭގައި ޑިޖިޓަލް ކިއޯސްކް ބަހައްޓަން ބޭއްވި ހަފްލާގެ ތެރެއިން-- ފޮޓޯ/އުރީދޫ

އުރީދޫއިން ބުނީ 24 ގަޑިއިރު ހިދުމަތް ލިބޭ މި ޑިޖިޓަލް ކިއޯސްކް މެދުވެރިކޮށް ސިމްކާޑު ރަޖިސްޓްރީ ކުރުމާއި ދޫކުރުން ފަދަ ހިދުމަތް ލިބޭނެ ކަމަށެވެ. އަދި މި ކިއޯސްކްއަކީ މި ދުވަސްވަރު ކަސްޓަމަރުންނާއި މުވައްޒަފުންގެ ސަލާމަތަށް ވެސް މުހިންމު ހިދުމަތެއް ކަމަށް އެކުންފުނިން ބުނެ އެވެ.

ޑިޖިޓަލް ކިއޯސްކް މެދުވެރިކޮށް ލިބޭ ހިދުމަތްތަކުގެ ތެރޭގައި؛

  • ޓޫރިސްޓް ސިމް ކާޑު ގަތުން
  • ބިލަށް ފައިސާ ދެއްކުން
  • ރީޗާޖް ހިދުމަތްތައް
  • އެމް-ފައިސާ އެކައުންޓަށް ކޭޝް އިންކުރުން ހިމެނެ އެވެ.

އުރީދޫ މޯލްޑިވްސްއިން ދާދި ފަހުން ވަނީ "ވިޒިޓް މޯލްޑިވްސް ނައު"ގެ ނަމުގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރަން ޑެސްޓިނޭޝަން މާކެޓިންގް ކެމްޕޭނެއްވެސް ފަށާފަ އެވެ.

މި ކެމްޕޭންގައި ދުނިޔޭގެ 10 ގައުމަކުން 117 މިލިއަން މީހުންނަށް ވާސިލްވުމަށް އަމާޒު ހިފައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ބާރު ސްޕީޑެއްގައި ކުރިއެރުވުމަށް އުރީދޫއިން އެހީތެރިކަމާއި އެއްބާރުލުންދޭނެއެވެ.

comment ކޮމެންޓް