ޓެރަރިސްޓު ގައުމުތަކުގެ ލިސްޓުން ނެގުމަށް އިސްރާއިލާ ގުޅުން ގާއިމްކުރަން ސޫދާނުން ދެކޮޅު ހަދައިފި

ސޫދާންގެ ބޮޑުވަޒީރު އަބްދުﷲ ހަމްދޮކް އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭއޯއާއެކު--

ޓެރަރިސްޓް ގައުމުތަކުގެ ލިސްޓުން ނެގުމަށް އިސްރާއިލާ ގުޅުން ގާއިމްކުރަން ޝަރުތުކުރުމުން ސޫދާން އިން އެކަމާ ދެކޮޅު ހަދައިފި އެވެ.

ދާދި ފަަހުން ސޫދާންގެ ވަފުދެއް ޔޫއޭއީ އަށް ކުރި ޒިޔާރަތުގައި އެކަމާ ގުޅޭ ވާހަކަތައް ވަނީ ބާއްވައިފަ އެވެ.

ސޫދާންގެ ބޮޑުވަޒީރު އަބްދުﷲ ހަމްދޮކް ވިދާޅުވީ ޓެރަރިސްޓު ގައުމުތަކުގެ ލިސްޓުން ނެގުމާ އިސްރާއިލާ ގުޅުން ގާއިމްކުރުމަކީ ވަކި ދެކަމެއްކަން އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭއޯއަށް ދަންނަވާފައިވާ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ވަކި އެއްޗެއް ބުނަން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް އިން ވަނީ ދެކޮޅު ހަދައިފަ އެވެ.

ދާދި ފަހުން ޔޫއޭއީ އަދި ބަހްރެއިން އިން ވެސް ވަނީ ރަސްމީކޮށް އިސްރާއިލާ ގުޅުން ގާއިމްކޮށްފަ އެވެ.

ސޫދާންގެ ވެރިކަމުން މިދިޔަ އަހަރު ދުރުކުރި ޖެނެރަލް އޮމަރު އަލް ބަޝީރުގެ ވެރިކަމުގައި ސޫދާންއަކީ އިސްރާއިލާ ވަރަށް ދެކޮޅު ގައުމެކެވެ.

ބަޝީރުގެ ވެރިކަން ވައްޓާލައި އިންތިގާލީ ސަރުކާރެއް ގާއިމްކުރި ނަމަވެސް ޓެރަރިސްޓް ގައުމުތަކުގެ ލިސްޓުގައި ސޫދާން އޮތުމުން އެގައުމަށް ޑެޓް ފައިނޭންސާއި އިގްތިސާދު ހަމައަކަށް އެޅުވުމުގައި އެގައުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފަ އެވެ.

ޓެރަރިސްޓު ޖަމާއަތްތަކަށް މަދަދު ދޭ ކަަމަށް ބުނެ ޓެރަރިސްޓު ގައުމުތަކުގެ ލިސްޓަށް އެމެރިކާ އިން ސޫދާން ލީީ 1993 ވަނަ އަހަރު އެވެ.-- އަލްޖަޒީރާ

comment ކޮމެންޓް