ވޯލްޑް އެކްސްޕޯ އަށް ރާއްޖޭގެ ޕެވިލިއަން ޑިޒައިންކޮށްދޭނެ ބަޔަކު ހޯދަނީ

އެކްސްޕޯ 2020 ގައި ރާއްޖޭގެ ޕެވިލިއަން ޑިޒައިން ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފި އެވެ.

ކޮންމެ ފަސް އަހަރަކުން އެއް އަހަރު ބާއްވާ ވޯލްޑް އެކްސްޕޯ އަންނަ އަހަރު ބާއްވާނީ ޔޫއޭއީގެ ދުބާއީގައެވެ. އިކޮނޮމިކް މިނިސްޓްރީ އިން ބުނީ އެކްސްޕޯ ގައި ބައިވެރިވުމަށް ޔޫއޭއީ އިން ރާއްޖެއަށް ދައުވަތު ދީފަައިވާ ކަމަށާއި އެ ދައުވަތު ސަރުކާރުން ގަބޫލުކޮށް، ޔޫއޭއީގެ ސަރުކާރަށް އަންގާފައިވާ ކަމަށެވެ.

މީގެ ކުރިން އެ އެކްސްޕޯ ބާއްވަން ނިންމާފައި އޮތީ މިއަހަރުގެ އޮކްޓޯބަރު މަހު އެވެ. ނަމަވެސް ކޮވިޑް19 އާއި ގުޅިގެން އެކްސްޕޯ އަންނަ އަހަރަށް ވަނީ ފަސްކޮށްފަ އެވެ. އެއާއެކު މިހާރު އެކްސްޕޯ ބާއްވަން ނިންމާފައިވަނީ އެކެއް އޮކްޓޫބަރު 2021 އިން 31 މާޗް 2022 އަށް ޔޫއޭއީގެ ދުބާއީގަ އެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ބުނީ މި އެެކްސްޕޯގައި ރާއްޖޭގެ ޕެވިލިއަންގެ ކޮންސެޕްޓް ޑިޒައިން ކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އޮކްޓޯބަރު ހަތަރުވަނަ ދުވަހުގެ ގެ ކުރިން ލެޓާ އޮފް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅަން ޖެހެ އެވެ.

އެ މަސައްކަތައް ބިޑް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އޮންނާނީ ހަމައެކަނި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހާޅާ ފަރާތްތަކަށް ކަމަށާއި ބިޑް ޕްރޮޕޯސަލް ހުށަހަޅާނީ އޮކްޓޯބަރު ހަތެއްގެ ކުރިން ކަމަށް މިނިސްޓްރީ އިން ބުންޏެެވެ.

comment ކޮމެންޓް