ސަފާރީ ކޭސް: ދެ މަސް ދުވަސް ވީއިރުވެސް ދައުވާއެއް ނުކުރެވޭ

ޖުލައި 12، 2020: ރޭޕް ކުރުމާއި ދެކޮޅަށް "ޖާގައެއް ނެތް" ނަމުގައި ހޮޓަލް ޖެންކައިރީ ކުރި މުޒާހިރާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ ޖޫން މަސް ތެރޭ ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުވާ މައްސަލައިގައި ދައުވާ ކުރުން ލަސްނުވާނެ ކަމަށް ފުލުހުން ބުނި ފަހުން އެ މައްސަލައިގައި ދައުވާ ނުކުރެވި ދެ މަސް ދުވަސް ފާއިތުވެއްޖެ އެވެ.

އެ މައްސަލައިގައި މީގެ ދެ މަސް ދުވަސްކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އަބްދުލް މަންނާން ޔޫސުފް ވިދާޅުވެފައި ވަނީ، "ދައުވާ ކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށް، އަދި މާ ލަސްތަކެއް ނުވެ ދައުވާ ކުރަން ފޮނުވާނެ" ކަމަށެވެ.

ޖުލައި 16 ވަނަ ދުވަހު އެ މައްސަލައާ ގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑީސީޕީ މަންނާނުގެ އިތުރުން މައްސަލަ ތަހުގީގުކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ސްޓޭޝަން ޗީފް އިންސްޕެކްޓަރު މަރިޔަމް އަޒްމާ އަދި ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ބަޝީރު ވެސް ބައިވެރިވެޑައިގެންނެވި އެވެ.

އެ ބައްދަލުވުމުގައި މާ ބޮޑު އާ މައުލޫމާތެއް ހާމަކޮށްފައިނުވާއިރު ފުލުހުން ވަނީ މައްސަލައިިގައި ދައުވާ ކުރުމާ މެދު ޕްރޮސެކުއުޓާ ޖެނެރަލްއާއެކު މަޝްވަރާ ކުރަމުންދާ ކަމަށް އެދުވަހު ބުނެފަ އެވެ. މައްސަލައާ ގުޅިގެން 11 މީހެއްގެ ބަޔާން ނަގާފައިވާއިރު އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންނަށް ދައުވާ ކުރެވޭވަރަށް ތަހުގީގަށް ކުރިއެރުން ލިބިފައިވާ ކަމަށްވެސް ޑީސީޕީ މަންނާން އެ ދުވަހު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަބޫލު މިކުރަނީ ދައުވާއެއް ކުރެވޭނެ ކަމަށް. އެހެން ނަމަވެސް އެކަން ނިންމަވާނީ ޕީޖީން. އެކަމާ ގުޅޭ ގޮތުން ޕީޖީއާއެކު މި ދަނީ މަޝްވަރާ ކުރަމުން،" މަންނާނު ވިދާޅުވި އެވެ. އަދި މާ ލަސްތަކެއް ނުވެ އެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށްވެސް ޑިސީޕީ މަންނާނު އޭރު ވިދާޅުވި އެވެ.

އެ ބައްދަލުވުމަށް ދެ މަސް ދުވަސް ފާއިތުވެފައިވާއިރު މިއަދު "ސަން" އިން މައްސަލައާ ގުޅޭ އެންމެ ފަހުގެ މައުލޫމާތަށް އެދުމުން ފުލުހުން ބުނީ، އެ މައްސަލައިގައި ތަހުގީގުގައި ފުރިހަމަކުރަންޖެހޭ މަސައްކަތްތައް ފުރިހަމަ ކުރުމަށް ޕީޖީ އޮފީހާ އަދި މަޝްވަރާކުރަމުންދާ ކަމަށެވެ. މައްސަލައިގެ ދައުވާ ކުރަން އެހާގިނަ ދުވަސް ވަނީ ކީއްވެގެންތޯ ސުވާލުކުރުމުން ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ދުވަސްވާ ސީދާ ސަބަބު ސާފުކުރަން މަސައްކަތް ކުރާ ކަމަށެވެ.

ކޭސް ހިނގައިދިޔައީ ކިހިނެތް؟

ޖޫން 25 ވަނަ ދުވަހު ހުޅުމާލޭ ފަޅުތެރޭ އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ރިޕޯޓުކޮށްފައިވަނީ އޭގެ އަނެއް ދުވަހު ފަތިހު 5:00 ގައި އެވެ. އެ މައްސަލަ ރިޕޯޓުކުރީ އެދުވަހު ފަތިސް ގަޑީގައި ހުޅުމާލެ ލަކުޑި ޖެޓީ ސަރަހައްދުގައި އެ އަންހެން މީހާ އާއި އިތުރު ދެ ފިރިހެނަކު ތިއްބާ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުން އެތަނަށް ގޮސް މައުލޫމާތު އޮޅުންފިލުވުމުންނެވެ.

އެތަނުން އަންހެން މީހާ އޭނާއަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ބުނި ކަމަށާއި، އެހިސާބުން ތުހުމަތުވާ ދެ މީހުންވެސް ހައްޔަރުކޮށް، ޖިންސީ ގޯނާގެ މައްސަލައެއްގެ ގޮތުގައި ތަހުގީގު ފެށިގެން ދިޔަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މައްސަލައިގެ ތުހުމަތުގައި އެ ދެ މީހުން ހައްޔަރުކުރުމަށް ފަހު ހަމަ އެ ދުވަހު ވަނީ ދޫކޮށްލައިފަ އެވެ.

އެ މައްސަލައިގައި ތުހުމަތު ކުރެވޭ އެކަކީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ފިރިކަލުންނެވެ. އެހެން ކަމުން މި މައްސަލަ ބެލުމުގައި ސިޔާސީ ނުފޫޒު ވަރަށް ބޮޑަށް ވަދެފައިވާކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކޮށްފައިވާއިރު އަނިޔާ ލިބުނު އަންހެން މީހާގެ ވާހަކަތައް ބަދަލު ކުރަން އޭނާއަށް ފައިސާވެސް ހުށަހަޅާފައިވާކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެ އެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ މައްސަލައިގެ ތަހުގީގަށް ތުހުމަތު ކުރެވެނީ ހައްޔަރު ކުރި ދެ މީހުންނަށް ކަމަށެވެ. އަދި އެ ދެމީހުންނަށް ކުރަނީވެސް ޖިންސީ ގޯނާގެ ތުހުމަތު ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުުގައި ޑެޕިއުޓީ ކޮމީޝަނާ އޮފް ޕޮލިސް މަންނާން ވާހަކަ ދައްކަވަނީ: ސަފާރީ ކޭސްގައި ދައުވާ ކުރާ ވަރަށް ހެކި އެބަހުރި ކަމަށް ވިދާޅުވި --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އެހެންނަމަވެސް ސަފާރީގައި ޖިންސީ ގޯނާއަށް ވުރެ ބޮޑު ކަމެއް ހިނގައިދިޔަކަމަށް ބެލެވޭކަމަށް ފުލުހުން ބުނެފައިވާއިރު އެ މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހުން ދޫކޮށްލީ އެއީ މައްސަލަ އެންމެ އެދެވޭ ގޮތަށް ތަހުގީގުކުރުމަށް ހުރަސް އެޅޭ ކަމެއް ނޫން ކަމަށް ބުނެފަ އެވެ.

ފުލުހުން ބުނިގޮތުގައި މައްސަލައިގެ ތަހުގީގަށް އަދި އަންހެން މީހާ ޑޮކްޓަރަށް ދެއްކުމުގައިވެސް ފުލުހުން އަމަލުކޮށްފައިވަނީ އޮންނަ އުސޫލާއި އެއްގޮތަށްކަމަށް އަދި މައްސަލައިގައިި މާ ބޮޑެތި ލަސްތަކެއް ނެތްކަމަށެވެ.

އެ މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތުގެ މައްޗަށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް އޮފް މޯލްޑިވްސްއިންވެސް ދަނީ ބަލަމުންނެވެ.

comment ކޮމެންޓް