އާ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރެއް ހަމަޖައްސައިފި، ނަޒީރަށް މަގާމު ގެއްލިއްޖެ

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ހަމަޖެއްސި އާއިޝަތު ރިޒުނާ --

އާ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ބޭފުޅަކު ހަމަޖެއްސުން، އެ މަގާމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޑރ. އަބްދުﷲ ނަޒީރަށް މަގާމު ގެއްލިއްޖެ އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ބުނީ، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް މ.ބަނަފްސާވިލާ، އާއިޝަތު ރިޒުނާ މިއަދު ހަމަޖައްސަވައިފައިވާ ކަމަށެވެ.

އެ މަގާމަށް ހަމަޖެއްސި ރިޒުނާގެ އިތުރު ތަފްސީލެއް ޑީޖޭއޭ އިން ނުދެ އެވެ.

މިދިޔަ އަހަރު ޑިސެމްބަރު މަހު އާ ޗީފް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ހުޅުވާލީ، އެ މާގާމުގައި ހުންނެވި ޑރ. އަބްދުﷲ ނަޒީރުގެ މަގާމު ގެއްލޭ ގޮތަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ގާނޫނަށް ރައްޔިތުން މަޖިލީހުން ގެނައި އިސްލާހާ ގުޅިގެންނެވެ.

ޑިސެމްބަރ 4، 2019: ކޯޓު އޮފިޝަރުންނަށް ބޭއްވި ތަމްރީން ޕްރޮގްރާމް ނިމުން ފާހަގަކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގާނޫނަށް ގެނައި އިސްލާހާ އެކު، ކުރިން ސުޕްރީމްކޯޓުގެ ބެލުމުގެ ދަށުގައި އޮތް ޑީޖޭއޭ މިހާރު ހިންގަމުން އަންނަނީ، ޖޭއެސްސީގެ ދަށުންނެވެ. އެ މީހަކު އައްޔަންކޮށް ވަކިކުރުމުގެ ބާރުވެސް އޮންނަނީ ޖޭއެސްސީއަށެވެ. އަދި އަލުން ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރަކު އައްޔަން ކުރާ ހިސާބުން މިހާރު ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރުގެ މާގާމު ގެއްލެ އެވެ.

އެހެންކަމުން އެ މާގަމަށް އާ ބޭފުޅަކު ހަމަޖެއްސުމުން ކުރިން އެ މަގާމުގައި ހުންނެވި ޑރ. ނަޒީރު މަގާމު ވަކިވީ އެވެ. އޭރު އޮތް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން އޭނާ އެ މަގާމަށް ހަމަޖައްސާފައިވަނީ ނޮވެމްބަރު 28، 2018ގަ އެވެ.

ފަސް އަހަރުގެ މުއްދަތަކަށް ހޮވާ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރެއްގެ މުސާރައަކީ، 47،500 ރުފިޔާ އެވެ. ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އިދާރީ ހިންގުމުގެ ދާއިރާއިން ނުވަތަ ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީއެއް އޮތުމާއި އިދާރީ ހިންގުމުގެ ދާއިރާއިން ނުވަތަ ގާނޫނީ ދާއިރާއިން މަދުވެގެން 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާން ޖެހެ އެވެ.

comment ކޮމެންޓް