މަނާ ގަޑީގައި ވެހިކަލް ދުއްވުމާ ބޭރުގައި އުޅުން އިތުރުވެއްޖެ: ފުލުހުން

ކާފިއު ވަގުތު ފުލުހުން މަގުމަތީގައި ހަރަކާތްތެރި ވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 ފެތުރުން ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބޯ ނުލަނބާ މިންވަރު އިތުރުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ކޮވިޑު19 ފެތުރުން ކޮންޓްރޯލު ކުރުމަށް ރޭގަނޑު އަށަކުން ފަތިހު ފަހަކަށް ވެހިކަލް ދުއްވުމާއި ރޭގަނޑު 10 އިން ފަތިހު ފަހަކަށް ބޭރަށް ނިކުމެ އުޅުން ވަނީ މަނާކޮށްފައެވެ.

މިރޭ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކާއެކު ނަތީޖާ ފެންނަމުންދާ ކަމަށައި ބަލި ފެތުރުން ކޮންޓްރޯލުވަމުން ދަނިކޮށްް އެކަން ބަދަލުކޮށްލުންވެސް އޮތީ ރައްޔިތުންގެ އަތްމަތީ ކަމަށެވެ. އެ ފުރުސަތު ނުދިނުމަށް ޝަރީފް ވަނީ އެދިވަޑައިގެންފައެވެ.

"މިހާރު ފާހަގަ ކުރެވޭ ކަންތަކުގެ ތެރޭގައި، މި ފަހަކަށް އައިސް މިހާރު މަނާގަޑިތަކުގައި ވެހިކަލް ދުއްވުން އިތުރުވުމާ އާންމު ރައްޔިތުން މަގުމަތިން ފެންނަލެއް އިތުރުވަމުން ދަނީ. މިއީ އަޅުގަނޑަށް ހީވަނީ މި ބުނާ ސަލާމަތީ އައްސޭރިއަށް ދާން އެޅިދާނެ ހުރަހެކޭ،" ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރޭގަނޑު އެއްޗެހި ދުއްވުން މަނާގަޑިތަކުގައި ހަތަރު ފުރޮޅުލީ ވެހިކަލާ ސައިކަލު މަގުމަތީ އިތުރުވާކަން ފާހަގަވާކަމަށެވެ. ފުރަތަމަ ގަވައިދު ތަންފީޒު ކުރަން ފެށިއިރު ރަނގަޅު ނަތީޖާ އެއް ފެންނަމުން ދިޔަ ނަމަވެސް މިހާރު އަނެއްކާވެސް މަނާ ގަޑިތަކުގައި އެއްޗެހި ދުއްވާ މިންވަރު އިތުރުވެފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"މަގުމައްޗަށް ނިކުންނަ އާންމު ރައްޔިތުންގެ އަދަދުވެސް އިތުރުވަމުންދާކަން އެބަ ފާހަގަ ކުރެވޭ. މިކަންތައް ތަކަކީ ފަރުވާކުޑަކޮށްފިނަމަ، އިތުރަށް ނަތީޖާ ގޯސްވެދާނެ ކަންތައް،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ރޭގަނޑު 9:30 ގެ ފަހުން ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓުތަކުން ހިދުމަތް ދިނުން މަނާ ނަމަވެސް މަނާ ގަޑީގައިވެސް ހުޅުވައިގެން ހިދުމަތްދޭ ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓުތައް އިތުރުވަމުންދާ ކަމަށެވެ.

ރޭގަނޑު ޑެލިވަރީގެ ހިދުމަތް ދިނުން މަނާ ގަޑިތަކުގައި، ފާޅުކަން ބޮޑުކޮށް އެކަން ކުރަމުންދާ ކަމަށާއި، ބައެއް ފަރާތްތަކުން އެކަން ކުރަނީ ކުންފުނިތަކުގެ ނަން ޖެހި ޓީޝާޓުލައި، ދަބަސް އަޅުވައިގެން ކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ ގިނަ އަދަދެއްގެ ބަޔަކަށް އެޓެންޑުކޮށް ނަސޭހަތްދީ ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

ޖޫރިމަނާ ކުރިނަމަވެސް އެއް ރެއަކު ތަކުރާރުކޮށް ހިދުމަތްދޭތަން ވެސް ފެންނަ ކަމަށާއި ނަސޭހަތް ދީގެން ހައްލު ނުވުމުން ފުލުހުންގެ ބެލުމުގެ ދަށަށް ޑެލިވަރީ ކުރާ މީހުން ގެންދަން ޖެހޭ ހިސާބަށް ދާކަން ޝަރީފް ފާހަގަ ކުރެއްވިއެވެ. ޑެލިވަރީ ކުރާ މީހުން ލައްވައި އެކަން ކުރުވާ މީހުން، އެކަންތައް ހުއްޓުވުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވައިފައެވެ.

"މިގޮތަށް ހުއްޓުވާ މީހުންގެ ތެރޭގައި ލައިސަންސް ނުނަގާ އުޅަނދު ދުއްވާކަން ފާހަގަކުރެވޭ. މީގެ ތެރޭ ދިވެހިންވެސް ބިދޭސިންވެސް ފާހަގަ ކުރެވޭ. މިއީ މަނާކޮށްފައިވާ ކަމަށްވާއިރު،މިކަންތައް ކުރުވާ ފަރާތްތަކާމެދުވެސް އަޅުގަނޑުމެން ކުރިއަށް އޮތްތަނުގައި ފިޔަވަޅު އަޅަމުންދާނަން" ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ކަސްރަތުކުރާ މީހުން ރޭގަނޑު 10ގެ ފަހުން މަގުމަތީ އުޅެކަން ފާހަގަ ކުރެވޭ ކަމަށާއި ކޮންމެ މީހަކުވެސް އެމީހަކު ކުރާ ކަމެއް ކޮށް ނިންމަިއ ގެއަށް ދެވޭތޯ ބެލުމަށް ޝަރީފް އިލްތިމާސް ކުރެއްވިއެވެ.

މިހާލަތުގައި ހުސް ބިންތަކުގައި ސެލްފް ޑިފެންސް ކްލާސްތަކާއި ސްވިމިން ކްލާސްތައް ކުރިއަށްގެންދާކަން ފާހަގަ ކުރެވޭ ކަމަށާއި މިއީ މަނާ ކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

"މިކަންތަކަށް ހުއްދައެއް ނުދެވޭނެ. މިކަންތައް މަނާ ކުރެވޭނެ،"

ޝަރީފް ވިދާޅުވީ ހަފްތާ ބަންދުގައި ބޭރުން ފެންނަ ބިދޭސިންގެ އަދަދު ގިނަ ކަމަށާއި ޕާކުތަކާ ހުސްތަންތަނުގައި ބިދޭސިން ގިނަވާ ކަމަށެވެ. ޝަރީފް ވަނީ މިހާލަތުގައި ހެދިފައިވާ ގަވައިދުތަކަށް ބިދޭސިން އަހުލުވެރިކޮށް އެއަށް ބޯލަނބަން ހަނދާން ކޮށްދިނުމަށް ބިދޭސިންގެ ބެލެނިވެރި ފަރާތްތަކުގެ ކިބައިން އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ޝިފްޓު ޑިއުޓީ އަދާ ކުރާ ފަރާތްތަކަށް ދެވިފައިވާ ހުއްދައިގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދާތަން ފެންނަކަމަށް ވެސްް އޭނާ ވިދާޅުވިއެވެ.

އަތޮޅު ތެރެއިިން މާލެ އަންނަ އުޅަނދުގައި މަސައްކަތްކުރާ މީހުން މާލެ ފައިބާކަން ފާހަގަވާ ކަމަށާއި މާލެ ފޭބުމުގެ ގަވައިދަށް ބޯނުލަނބައި އުޅޭނަމަ ބަލި ފެތުރުން ކޮންޓްރޯލު ކުރުމުގައި ދަތިވާނެކަން ޝަރީފް ފާހަގަ ކުރެއްވިއެވެ.

މިހާތަނަށް، މާސްކު ނާޅައިގެން 3،677 މީހަކަށް ނަސޭހަތްދީ، 1،798 މީހަކު ވަނީ ޖޫރިމަނާކޮށްފައެވެ. އަދި މަނާ ގަޑީގައި މަގުމަތީ އުޅެގެން 4،433 މީހަކަށް ނަސޭހަތްދީ، 2،195 މީހަކު ވަނީ ޖޫރިމަނާ ކޮށްފައެވެ. ވެހިކަލް ދުއްވުން މަނާ ގަޑީގައި ވެހިކަލް ދުއްވައިގެން 4،321 މީހަކަށް ނަސޭހަތްދީ، 781 މީހަކު ވަނީ ޖޫރިމަނާ ކޮށްފައެވެ.

comment ކޮމެންޓް