މަގުތައް ހަލަބޮލިވާތީ ކަންބޮޑުވެއްޖެ، އެހެން ނުހައްދަވާ

އޮގަސްޓު 23، 2020: މާލޭ ސަރަހައްދުގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ރޭގަނޑު 8:00އިން ފެށިގެން ފަތިހު 5:00 ވަންދެން އެއްގަމު އުޅަނދު ދުއްވަން މަނާ ކުރުން -- ސަން ފޮޓޯ -- ފަޔާޒު މޫސާ

މި ހަފްތާ ބަންދުގައި ފެނިގެން ދިޔައީ ކަންބޮޑުވާ މަންޒަރެއް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ހަފްތާ ބަންދު ފެނިގެންދިޔައީ އުއްމީދު ކުރި ގޮތާ ހިލާފަށް ކަމަށެވެ.

"ތަކުރާރުކޮށް ދަންނަވަމުން މި ގެންދަނީ ކޭސްތައް މަދުވިނަމަވެސް އަދިވެސް އަޅުގަނޑުމެން މިހާރު މިކުރަމުންދާ ކަންކަން ކުރިއަށް ގެންދަން ޖެހޭނެ ކަމަށް،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

މި ފިޔަވަޅުތަކުގައި ދެމިތިބެން ޖެހޭ ސަބަބުވެސް ރައްޔިތުންނާ ހިއްސާކޮށްފައިވާނެކަން ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ.

"މި ދެދުވަހު އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ދަތުރު ދިޔުމާ ޕާޓީ ބޭއްވުމާ. މަގުމައްޗަށް ވަރަށް ގިނަ އަދަދަކަށް މީހުން ނިކުތުމާ. މިކަހަލަ ކަންކަން. މިއީ އަނެއްކާވެސް ގްރީން ޒޯނަށް ދާންއެޅޭ ހުރަހަކަށް ވެގެންދާނެ. [ގްރީން ޒޯނަށް] ދާން ނަގާ މުއްދަތު ގިނަ ވާނެ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ބައްޔަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 10،000 އިން މައްޗަށް ގޮސްފައިވާއިރު، މިހާރު މަސައްކަތަކަށްވާން ޖެހޭނީ ބަލި ޖެހޭ މިހުންގެ އަދަދު ވީހާވެސް މަދުކުރުމަށް ކަމަށެވެ.

މިދިޔަ ޖުލައި، އޮގަސްޓު މަހުގެ ތެރޭގައި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު އުޅުނީ އެވްރެޖުކޮށް ދުވާލަކު 100 މީހުންނަށްވުރެ މަތީގައެވެ. ބަލި ކޮންޓްރޯލު ކުރުމަށް އެޅި ފިޔަވަޅުތަކާއެކު މި އަދަދު މިހާރު ވަނީ ދަށްވާން ފަށައިފި އެވެ.

ޑރ ނަޒްލާ ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވުމަކީ ރާއްޖެއިން ބަލި ނެތުނީ ނޫން ކަމަށެވެ. ބަލި ފެތުރޭ މިންވަރު ދަށްވިނަމަވެސް ފިޔަވަޅުތަކަށް ފަރުވާކުޑަކުރާނަމަ، އަނެއްކާވެސް ކޭސްތައް އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

comment ކޮމެންޓް