ގެސްޓުހައުސް ހިންގާ ރަށަކުން އެހެން ރަށަކަށް ދާނަމަ ކަރަންޓީނުވާން ޖެހޭނެ

އޭޕްރީލް 15، 2020: ކޮވިޑް19 ޖެހިފައިވާ މީހަކު މާލެއިން ފެނުމާ ގުޅިގެން، 24 ގަޑިއިރަށް މާލެ ސަރަހައްދު ބަންދުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ މަހުގެ 15 ގައި މާލެ ސަރަހައްދު ފިޔަވާ އެހެން ސަރަހައްދުތަކުގެ ގެސްޓުހައުސްތައް ހުޅުވާލަން ނިންމާފައިވާއިރު، ގެސްޓްހައުސް ހިންގާ ރަށަކުން އެހެން ރަށަކަށް ދަތުރުކުރާނަމަ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަންޖެހޭނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

އެޗްއީއޯސީ އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު މިރޭ ވިދާޅުވީ ޓްރެވަލް ރިލޭޓެޑް ކަރަންޓީނާ ގުޅޭ އުސޫލު މުރަޖައާ ކޮށްފައިވާނެ ކަމަށެވެ. އަދި ގެސްޓްހައުސް ހިންގާ ރަށްރަށުން އެއްރަށުން އަނެއްރަށަށް ދަތުރުކުރުމާ ގުޅޭ އުސޫލުގެ ތަފްސީލު ވަރަށް އަވަހަށް އާންމު ކުރައްވާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެޗްޕީއޭ އިން އާންމުކޮށްފައިވާ ގައިޑްލައިން އަށް ބަލާއިރު، ރާއްޖެއިން ބޭރުން އަންނަ މީހުން މާލޭގައި އަދި ރަށްރަށުގައިވެސް ހޯމް ކަރަންޓީނު ފުރިހަމަ ކުރަންޖެހެއެވެ. މީގެ އިތުރުން މާލެއިން ރަށްރަށަށް ދާ މީހުންނާއި މާލެއިން ރިސޯޓުތަކަށް ދާ މީހުން އަދި އޮޕަރޭޝަނަލް ރިސޯޓުތަކާއި އޮޕަރޭޝަނަލް ނޫން ރިސޯޓުތަކުން ރަށްރަށަށް ދާ މީހުން 14 ދުވަހުގެ ކަރަންޓީނު މުއްދަތު ހަމަކުރަންޖެހެއެވެ.

މީގެ އިތުރުން މާލެއިން ނުވަތަ ކޮވިޑުގެ ކޮމިޔުނިޓީ ސްޕްރެޑެއް އޮތް ރަށަކުން އިންޑަސްޓްރިއަލް މަސައްކަތް ކުރާ ރަށަކަށް އަދި އިންޑަސްޓްރިއަލް މަސައްކަތް ކުރާ ރަށަކުން އެހެން ރަށަކަށް ދާނަމަވެސް ކަރަންޓީނު ފުރިހަމަ ކުރަންޖެހެއެވެ.

ރާއްޖެއިން ބޭރުން އަންނަ މީހުންގެ ތެރެއިން ކަރަންޓީނު މުއްދަތު ހަމަކުރަންޖެހެނީ ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ވޯކް ޕާމިޓްގައި އަންނަ މީހުން އަދި އެމީހުންގެ ޑިޕެންޑެންޓުންނެވެ.

ކަރަންޓީނުވާން އެދޭ މީހުން ހާލު ބެލުން ޕޯޓަލްގައި ރެޖިސްޓްރީވާން ޖެހެއެވެ. އަދި ކަރަންޓީނު މުއްދަތު ފުރިހަމަ ކުރާނެތަން ކަނޑައަޅަން ޖެހެނީ އަމިއްލަ އަށެވެ.

ކޮވިޑުގެ ކޮމިޔުނިޓީ ސްޕްރެޑު އޮތް ރަށްރަށުންނާއި ރާއްޖެއިން ބޭރުން ރިސޯޓުތަކުގައި މަސައްކަތް ކުރުމަށް އަންނަ/ ދާ މީހުން ކަރަންޓީނު ވުމަށް ރިސޯޓު މެދުވެރިކޮށް ޓޫރިޒަމް މިނިސްޓްރީ އަށް ހުށަހަޅަން ޖެހެއެވެ. ރިސޯޓަށް ދިޔުމުގެ ދަތުރު ހަމަޖައްސަން ޖެހޭނީ ރިސޯޓު މެދުވެރިކޮށް އެމީހަކު އަމިއްލަ އަށެވެ.

މީގެ އިތުރުން މާލެއިން ނުވަތަ ކޮވިޑް19 ފެތުރޭ ރަށަކުން އިންޑަސްޓްރިއަލް މަސައްކަތް ކުރާ ރަށަކަށްދާ މިހުން މަސައްކަތަށް ނިކުމެވޭނީ އެ ރަށެއްގައި ކަރަންޓީނުވެ، ކޮވިޑަށް ޓެސްޓުކޮށް ނަތީޖާ ނެގެޓިވް ވުމުންނެވެ. މިގޮތަށްދާ ފަރާތްތައް ކަރަންޓީނުވުމަށް އެދޭނީ [email protected] އަށް ހުށަހަޅައިގެންނެވެ. މިގޮތަށް ހުށަހެޅުމަށްފަހު ހާލުބެލުން ޕޯޓަލްގަިއ ރެޖިސްޓްރީ ވާން ޖެހެއެވެ.

comment ކޮމެންޓް