ދޯ ވިލަންގެ ޝޫޓިން ޖަނަވަރީ މަހު ފަށަނީ

ދޯ ވިލަން އިން ފެނިގެންދާ ތަރިން---

ޑައިރެކްޓަރު މޯހިތު ސުރީ ޑައިރެކްޓްކޮށް 2014 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު އޭކް ވިލަންގެ ސީކުއަލް "ދޯ ވިލަން"ގެ ޝޫޓިން އަންނަ ޖަނަވަރީ މަހު ފެށުމަށް ނިންމައިފި އެވެ.

އެކްޓަރު ޖޯން އަބްރަހަމް، ދިޝާ ޕާޓްނީ، އަރުޖުން ކަޕޫރު އަދި ތާރާ ސުތައިރާ ލީޑު ރޯލުން ފެނިގެންދާ މި ފިލްމު އެންމެ ފުރަތަމަ ރިލީޒްކުރަން ނިންމީ އަންނަ ޖަނަވަރީ މަހު އެވެ. ނަމަވެސް ކޮވިޑް19ގެ ރޯޅިއާ އެކު މި ފިލްމުގެ މަސައްކަތް މިއަހަރު ފެށިފައިނުވުމުގެ ސަބަބުން މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ މެދުތެރޭގަ އެވެ.

އަންނަ ޖަނަވަރީ މަހު ޝޫޓިން ފަށާއިރު އެއްވެސް ބުރޭކެއް ނުނަގައި ޝޫޓިން އެއްކޮށް ނިންމާލާނެ ކަމަށް ޚަބަރުތައް ބުނެ އެވެ. ވަރުގަދަ އެކްޝަން މަންޒަރުތަކެއް ހިމެނޭ މި ފިލްމު ޝޫޓްކުރަން ފެށުމުގެ ކުރި ތަރިން ޓްރެއިނިން ހަދާނެ އެވެ.

ދޯ ވިލަން އަށް އެންމެ ފުރަތަމަ އަރުޖުންގެ ބަދަލުގައި ހަމަޖެއްސީ އަދިތްޔާ ރޯއީ ކަޕޫރެވެ. ނަމަވެސް އަދިތްޔާ އާއި ޑައިރެކްޓަރު މޯހިތު އާއި ހިޔާލު ތަފާތުވުމުގެ ސަބަބުން އޭނާ އަމިއްލައަށް އެ ފިލްމު ދޫކޮށްލީ އެވެ.

އެ ފިލްމުން ފެނިގެންދާ ބަތަލާ ތާރާ ސުތައިރާ ފެނިގެންދާނީ ލަވަކިޔުންތެރިއެއްގެ ރޯލުންނެވެ. ތާރާ ކުޅޭ ރޯލު ހާމަކުރި ނަމަވެސް ފިލްމުން ފެނިގެންދާނެ އެހެން ކާސްޓުންގެ ރޯލު ހާމަކޮށްފައެއްނުވެ އެވެ.

އެ ފިލްމުގެ ފުރަތަމަ ބައިން ފެނިގެން ދިޔައީ ސިދާތު މަލްހޮތުރާއާއި ޝްރަދާ ކަޕޫރެވެ.

"އޭކް ވިލަން" އަކީ ބޮކްސް އޮފީހުގައި 162.69 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދި ކާމިޔާބު ފިލްމެކެވެ.

comment ކޮމެންޓް