ކުޅުދުއްފުށިން އިތުރު ދެ މީހަކު ޕޮޒިޓިވް ވެއްޖެ

ކުޅުދުއްފުށި -- ފޮޓޯ/ އިރުޝާދު އަބްދުއްރަހްމާން

ކުޅުދުއްފުއްޓާއި މާލެ އާއި ދެމެދު ދަތުރު ކުރާ "ފާޅު" ބޯޓުން އިއްޔެ ޕޮޒިޓިވްވި ކޭހާއި ގުޅުންހުރި އިތުރު ދެ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ފާޅު ބޯޓުގެ ކެޕްޓަން ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން ކުޅުދުއްފުށި ވަނީ މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައެވެ. މީގެ އިތުރުން އެ ބޯޓު ހދ. ނޮޅިވަރަމަށް ދަތުރުކޮށްފައިވާތީ އެ ރަށްވެސް އޮތީ މޮނީޓަރިންގައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ބުނީ ފާޅު ބޯޓުން އިއްޔެ ފެނުނު ކޭސް އާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ވެސް ކުރިއަށް އެބަ ދާކަމަށެވެ.

މިއަދު ޕޮޒިޓިވްވި ދެ މީހުންނަކީވެސް އެ ބޯޓުގައި މަސައްކަތްކުރާ ދެ މީހުން ކަމަށާއި އެ މީހުންގެ ސާމްޕަލް ނަގައި ޓެސްޓުކޮށްފައިވަނީ އިއްޔެ ފެނުނު ކޭސްގެ ކޮންޓެކްޓުން ކަމަށް ވާތީ ކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރޭގެ 6:00 ގެ ނިޔަލަށް ރާއްޖެއިން ޖުމްލަ 10،014 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. މީގެ ތެރެއިން 8،673 މީހުން ބަލިން ރަނގަޅުވެފައިވާއިރު މިހާރު ބައްޔަށް ފަރުވާ ހޯދަމުން ދަނީ 1،300 މީހުންނެވެ. ބަލީގައި 34 މީހުން ވަނީ މަރުވެފައެވެ.

comment ކޮމެންޓް