ކަނޑުއޮތްގިރީގައި އަލުން މަސް ބަންދު ކުރަން ފަށަނީ

ކަނޑުއޮތްގިރި

ކ. ކަނޑުއޮތްގިރީގައި އަނެއްކާވެސް އާންމުންނަށް މަސް ބަންދުކޮށްދިނުމުގެ ހިދުމަތް ދޭން ނިންމައިފިއެވެ.

މިފްކޯ އިން ބުނީ އެ ކުންފުނީގެ ފްރެޝްފިޝް ޕްރޮސެސިން ޕްލާންޓް "ކަނޑުއޮތްގިރީ ފިޝްވިލެޖު"ން އާއްމު ފަރާތްތަކަށް ދެމުންއައި މަސް ބަންދު ކޮށްދިނުމުގެ ހިދުމަތް ދުވަސްތަކަކަށް މެދުކަނޑާލާފައި އޮތުމަށްފަހު އަލުން އެ ހިދުމަތް ދޭން ނިންމާފައިވާ ކަމަށެވެ.

އާންމުންނަށް މަސް ބަންދުކޮށްދިނުމުގެ ހިދުމަތް ދޭން ނިންމީ މަސްވެރިކަމުގެ ސިނާއަތް ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ބޮޑުކަންނެލީގެ އިތުރުން ފަރުމަހުގެ ބާވަތްތައް ވެސް ބަންދުކޮށް ރާއްޖެއިން ބޭރުކުރެވޭ މަހުގެ ބާވަތްތައް އިތުރު ކުރުމާއި، އެކްސްޕޯޓު ކުރުމުގައި އާއްމުންގެ ބައިވެރިވުން އިތުރުކުރުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

އޭގެ އިތުރުން ރާއްޖެއިން އެކްސްޕޯޓު ކުރާ ތާޒާ މަހުގެ ބާވަތްތައް އިތުރުވެގެން ދިޔުމުން، ރާއްޖެއަށް އެތެރެވާ ބޭރު ފައިސާގެ މިންވަރު އިތުރުވެގެން ދިޔުމުގެ މަގުތަނަވަސް ކުރުމަކީވެސް މި ހިދުމަތް އަލުން ފެށުމުގެ މަގުސަދެއް ކަމަށް މިފްކޯ އިން ބުންޏެވެ.

މިފްކޯ އިން ބުނީ ކަނޑުއޮތްގިރީގައި ބޮޑުކަންނެއްޔާއި ފަރުމަސް ބަންދު ކުރުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ފޯމް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ކަނޑުއޮތްގިރީގެ ވަސީލަތްތައް ހުރި މިންވަރުން ފުރުސަތު ދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

"ކަނޑުއޮތްގިރީ ފިޝްވިލެޖްގައި މަސް ޕެކްކުރުމަށް އެދި ހުށަހަޅާފޯމް" މިފްކޯގެ ވެބްސައިޓްއިން https://mifco.com.mv/download އިން ޑައުންލޯޑު ކުރެވޭނެއެވެ.

comment ކޮމެންޓް