ޑަބްލިއުއެޗްއޯއިން ރާއްޖެއަށް އައިސީޔޫ ސާމާނާއި ލެބޯޓްރީ ތަކެތި ހަދިޔާކޮށްފި

ޑަބްލިއުއެޗްއީގެ ފަރާތުން ރާއްޖެއަށް ސިއްހީ އާލާތްތައް ހަދިޔާ ކުރުން -- ފޮޓޯ/ ހެލްތް މިނިސްޓްރީ

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ފަރާތުން ރާއްޖެއަށް ސިއްހީ އާލާތްތަކެއް ހަދިޔާކޮށްފި އެވެ.

ހެލެތް މިނިސްޓްރީން މިއަދު ބުނީ، ކޮވިޑް19އާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެ ގޮތުންނާއި ސިއްހީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން އެ ޖަމިއްޔާއިން މިއަދު ރާއްޖެއަށް ބައެއް އާލާތްތަކެއް ހަދިޔާކޮށްފައިވާ ކަމަށެވެ. ހަވާލުކުރި ތަކެތީގެ ތެރޭގައި ހިމެނެނީ އައިސީޔޫ ގައި ބޭނުން ކުރާ އާލާތްތަކާއި ލެބޯޓްރީ އާލާތްތަކެވެ.

މި ތަކެތި މިނިސްޓްރީއާ ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި ދަރުބާރުގޭ، އެޗްއީއޯސީގައި ބޭއްވި ރަސްމިއްޔާތެއްގައި ޑަބްލިއުއެޗްއޯގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑރ. އަރުވިންދު މާތޫރެވެ.

މިނިސްޓްރީން ބުނީ، މިއަދު ހަވާލުކުރި ތަކެތީގެ ތެރޭގައި ޕޯޓަބަލް ޑިޖިޓަލް އެކްސްރޭ އާއި ލެބޯޓަރީ އާލާތްތަކާއި ޓެސްޓްކިޓްތައް ކަމަށެވެ.

އެތަކެއްޗާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ އައިސީޔޫތަކާއި ލެބޯޓްރީތައް އިތުރަށް ތަރައްގީކުރެވިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ އާލާތްތަކުގެ އަދަދަދެއް މިނިސްޓްރީން އަދި ހާމައެއް ނުކުރެ އެވެ.

ޑަބްލިއުއެޗްއޯއިން ވަނީ މީގެ ކުރިންވެސް ސިއްހީ ބައެއް އާލާތްތައް ރާއްޖެއަށް ހަދިޔާކޮށްފަ އެވެ. އެގޮތުން ޕީސީއާރުޓެސްޓްކިޓާއި ޖީން އެކްސްޕާޓް ކާޓްރިޖްގެ 15،000އަށް ވުރެ ގިނަ ކާޓްރިޖް އެ ޖަމިއްޔާއިން މީގެ ކުރިންވެސް ވަނީ ހަދިޔާކޮށްފަ އެވެ.

comment ކޮމެންޓް