ކުޅުދުއްފުށިން މީހަކު ޕޮޒިޓިވްވެ ރަށަށް އަރާ ފޭބުން މަނާކޮށްފި

ކުޅުދުއްފުށި ސިޓީ: -- ފޮޓޯ/ ޕީއެސްއެމް

ހދ. ކުޅުދުއްފުށިން ކޮވިޑް 19 އަށް މީހަކު ޕޮޒިޓިވްވެ އެރަށަށް އަރާ ފޭބުން މަނާކޮށްފި އެވެ.

ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް "ސަން" އަށް ވިދާޅުވީ ކުޅުދުއްފުށި މޮނީޓަރިންއަށް ލީ ބޯޓެއްގެ ކްރޫއަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ކަމަށެވެ.

"ސަން" އަށް އެނގިފައިވާގޮތުގައި ޕޮޒިޓިވްވެފައިވަނީ ކުޅުދުއްފުއްޓާ މާލެއާ ދެމެދު ދަތުރުކުރާ ބޯޓެއްގެ ކެޕްޓަނެވެ.

ކެޕްޓަން ޕޮޒިޓިވްވުމާ ގުޅިގެން ހދ. ނޮޅިވަރަމްވެސް މިހާރު ވަނީ މޮނީޓަރިންގެ ހާލަތަށްގެނެސްފައެވެ.

ކުޅުދުއްފުށީ ކައުންސިލްއިން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ ކުޅުދުއްފުށީގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަކިގޮތެއް އަންގަންދެން އެރަށުން ފޭބުމާއި އެ އޭޖެންސީގެ ހުއްދަނެތި އެރަށަށް އެރުން މަނާކޮށްފައިވާ ކަމަށެވެ.

އިތުރަށް ބަލަން ޖެހޭ ކަންކަންބަލާ އެހެން އެންގުމެއް އަންގަންދެން، ކުޅުދުއްފުއްޓަކީ ލިޔުން ނެރެފައިވާ ވަގުތުން ފެށިގެން މޮނީޓާ ކުރެވެމުންދާ ރަށެއްކަމުގައި ކަނޑައަޅައިފީމެވެ." ކައުންސިލްއިން ނެރުނު ބަޔާނުގައި ވެއެވެ.

ކުޅުދުއްފުށިން މީގެ ކުރިން ކޮވިޑް-19އަށް މީހަކު ޕޮޒިޓިވްވެފައެއް ނުވެެއެވެ.

comment ކޮމެންޓް