މާލެއާއި މެލޭޝިއާ ދެމެދު ހާއްސަ ފްލައިޓެއް އަންނަ މަހު

މޯލްޑިވިއަންގެ އޭ321 މާފަރު އެއާޕޯޓުގައި: އޭސް ޓްރެވެލްސް އިން މެލޭޝިއާއާ ދެމެދު ހާއްސަ ދަތުރެއް ބާއްވާއިރު މީގެކުރީންވެސް ވަނީ މޯލްޑިވިއަން ފްލައިޓެއް ޗާޓަރުކޮށްފައި -- ފޮޓޯ: މޯލްޑިވިއަން

އޮކްޓޯބަރު މަހުގައި ރާއްޖެއާއި މެލޭޝިއާ ދެމެދުގައި ޗާޓަރު ފްލައިޓެއް ބޭއްވުމަށް އޭސް ޓްރެވެލްސް އިން ނިންމައިފި އެވެ.

އޭސް ޓްރެވެލްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ، އޮކްޓޯބަރު މަހުގެ ޗާޓަރު ފްލައިޓް ވަނީ އަންނަ މަހުގެ 31 ވަނަ ދުވަހަށް ތާވަލުކޮށްފައި ކަމަށެވެ.

ފިރާގު ވިދާޅުވިގޮތުގައި އެ ފްލައިޓުގެ ޓިކެޓުގެ އަގު އުޅޭނީ 410 ޑޮލަރާއި 580 ޑޮލަރާ ދެމެދުގައި ކަމަށެވެ. އަދި ވަންވޭ ދަތުރު ދެވޭގޮތަށް ކުރާ އެ ދަތުރުގައި ފަސިންޖަރުންނަށް މާލެއިން މެލޭޝިއާއަށް ދެވޭއިރު މެލޭޝިއާގައި ތިބި މީހުންނަށް ރާއްޖެ އާދެވޭނެ ކަމަށްވެސް ފިރާގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ފްލައިޓުގައި ދަތުރުކުރާ ފަސިންޖަރުންނަށް 30 ކިލޯގެ އެލަވެންސް އެއް ދެވޭނެ ކަމަށެވެ.

އެ ފްލައިޓަށް ބުކިން ކުރަން ފަށާނީ އަންނަ ހޯމަ ދުވަހުން ފެށިގެން ކަމަށް އޭނާ ފާހަގަކޮށްފައިވެ އެވެ.

އޭސް ޓްރެވެލްސް އިން ވަނީ މޯލްޑިވިއަން އިން ޗާޓަރުކުރި ފްލައިޓެއްގައި މިދިޔަ މަހުގައި މެލޭޝިއާއަށް ނުދެވިފައި ތިބި ރާއްޖޭގެ 50 ދަރިވަރެއް އެގައުމަށް ގެންގޮސްފަ އެވެ.

އެއީ ދަރިވަރުން އެދިގެން، އޭސް ޓްރެވަލްސްއިން އިންތިޒާމު ކުރި ދަތުރެކެވެ.

ކޮވިޑް19 އާ ގުޅިގެން، ރާއްޖެއިން ބޭރުގައި ދިރިއުޅެމުން ދިޔަ ގިނަ އަދަދެއްގެ ދިވެހީން ވަނީ ރާއްޖެ ގެނެސްފަ އެވެ. ނަމަވެސް ގިނަ ގައުމުތަކަކުން ބޯޑަރުތައް ބަންދުކޮށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ގިނަ އަދަދެއްގެ ކިޔަވާ ކުދިންނަށް އަނބުރާ ދެވޭނެ ގޮތެއް ވަނީ ނުވެފަ އެވެ.

comment ކޮމެންޓް