ފަލަސްތީނުގައި އިންތިހާބުތައް ބޭއްވުމަށް ހަމާސް، ފަތަހަ އެއްބަސްވުމަކަށް

ފަލަސްތީނުގައި އިންތިހާބުތައް ބާއްވަން އެއްބަސްވުމަކަށް އާދެވިއްޖެ ކަން ހާމަ ކުރުމުން ފަލަސްތީނުގެ ރައްޔިތުން އުފާ ފާޅު ކުރަނީ -- ފޮޓޯ: އަނަދޮލޫ

ގުދުސް (ސެޕްޓެމްބަރު 25): ފަލަސްތީނުގައި 2006ގެ ފަހުން ފުރަތަމަ ފަހަރަށް އިންތިހާބުތައް ބޭއްވުމާ ބެހޭ ގޮތުން އެސަރަހައްދުގައި ވެރިކަން ކުރާ ހަމާސް އާއި ފަތަހަ އަށް އެއްބަސްވުމަކަށް އާދެވިއްޖެ ކަމަށް ދެ ފަރާތުގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

ފަތަހައިގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ފަލަސްތީން އޮތޯރިޓީގެ ލީޑަރު މަހުމޫދު އައްބާސް އާއި ހަމާސް ޕޮލިޓިކަލް ޗީފް އިސްމާއީލް ހަނިއްޔާއާ ދެމެދުގެ ހެދި އެއްބަސްވުމުގެ ދަށުން އިންތިހާބުތައް ބާއްވަން ހަމަޖެހިފައި ވަނީ ހަ މަސް ފަހުންނެވެ. އަދި ފުރަތަމަ ގާނޫނު ހަދާ މަޖިލީހަށް މެމްބަރުން ހޮވުމަށާއި ރައީސަކު ހޮވުމަށް އިންތިހާބު ބޭއްވުމަށް ފަހު، ފަލަސްތީން ލިބަރޭޝަން އޯގަނައިޒޭޝަންގެ ސެންޓްރަލް ކައުންސިލުގެ އިންތިހާބު ބާއްވާނެ އެވެ.

ހަމާސްގެ އިސް އޮފިޝަލެއް ކަމަށްވާ ސާލި އަލް އަރޫރީ ވިދާޅުވި ގޮތުގައި ދެ ފަރާތުން އެއްބަސްވުމެއް ހަދާފައި ވަނީ ތުރުކީގައި ބޭއްވި މަޝްވަރާ ބައްދަލުވުންތަކެއްގަ އެވެ. އަދި އިންތިހާބުގައި ގާޒާ އާއި ގުދުސްގެ ރައްޔިތުންނަށްވެސް ވޯޓު ދެވޭނެ ގޮތް ހަދަން ވާނެ ކަމަށް ފަތަހަ ސެންޓްރަލް ކޮމިޓީން ފާހަގަ ކުރި އެވެ.

ފަލަސްތީނުގައި އެންމެ ފަހުން ބޭއްވި އިންތިހާބަކީ 2006 ވަނަ އަހަރު ބޭއްވި ޕާލިމެންޓު އިންތިހާބެވެ. އެ އިންތިހާބު ހަމާސްއިން ކާމިޔާބު ކޮށް، ފަތަހައާ އެކު ގުޅިފައިވާ ސަރުކާރެއް ގާއިމު ކުރި އެވެ. ނަމަވެސް އޭގެ ޖެހިގެން އައި އަހަރު އެ ސަރުކާރު ރޫޅި، ހަމާސް އިން ގާޒާގައި އަދި ފަތަހައިން ހުޅަނގު އައްސޭރީގައި ސަރުކާރު ގާއިމު ކުރި އެވެ. އަދި ދެ ފަރާތުގެ މެދުގައި އޮތް އަރާރުންތައް ނިމުމަކަށް ގެނައުމަށް މިހާތަނަށް ކުރި މަސައްކަތްތައް ވަނީ ނާކާމިޔާބުވެފަ އެވެ.

ނަމަވެސް ހަމާސް އާއި ފަތަހައާ ދެމެދު އާ މަޝްވަރާތައް ބާއްވާފައި ވަނީ އެމެރިކާގެ 'މެދުއިރުމަތީގެ ރޭވުން' ހާމަކޮށް، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އާއި ބަހުރައިން އިން އިސްރާއީލާ ގުޅުން ގާއިމު ކުރި ފަހުންނެވެ. އެ ރޭވުމުގެ ސަބަބުންނާއި އަރަބި ގައުމުތަކުން އިސްރާއީލާ އެކު ގުޅުން ބަދަހި ކުރަން ނިންމުމުން، ފަލަސްތީން ވަކި ދައުލަތަކަށް ހެދުމަށް ކުރަމުންދާ މަސައްކަތަށް ހުރަސް އެޅޭ ކަމަށް ފަލަސްތީނުގެ ރައްޔިތުން ބުންޏެވެ.

comment ކޮމެންޓް