މެލޭޝިޔާގެ ކަރަންޓީނު ފީ މަތިވެ، ދިވެހި ދަރިވަރުންގެ ކިޔެވުން ހުއްޓެނީ!

"އަޅުގަނޑުމެން ފުރަން ހަފްތާއެއްހާ ދުވަސް އޮއްވާ ކުއްލިއަކަށް މި ބަދަލު މި އައީ. މިހާރު އެބަ ޖެހޭ ކޮންމެ ކުއްޖަކު ދެ ހާސް ޑޮލަރު އަތުން ހިފައިގެން ދާން. ކިހިނެއް ދެތިން ދުވަސް ތެރޭ އެހާ ބޮޑު އަދަދެއް ހަމަޖައްސާނީ؟ އަޅުގަނޑުމެން މި އެދެނީ އަޅުގަނޑުމެންނަށް ކޮންމެސް އެހީތެރިކަމެއް ފޯރުކޮށްދިނުމަށް. ނޫން ނަމަ ބައެއް ކުދިންނަށް ނުފުރި، ކޯސް ދޫކޮށްލަން ވެސް ޖެހިދާނެ،" ކިޔެވުން އަލުން ފެށޭތީ މެލޭޝިޔާއަށް ފުރަން ތައްޔާރުވެފައިވާ ދިވެހި ޒުވާނަކު ބުންޏެވެ.

މެލޭޝިޔާ ސަރުކާރުން މީގެކުރިން އަމަލުކުރަމުން ދިޔަ އެސްއޯޕީގެ ދަށުން، ދަރިވަރުން ކަރަންޓީނު ވާން ދައްކަންޖެހޭ ފައިސާ އާއި ރިލީޒް ސާމްޕަލް އަށް ދައްކަންޖެހޭ އަގު ސަބްސިޑައިޒް ކޮށްދިނެވެ. މޯލްޑިވިއަން އާއި އޭސް ޓްރެވަލްގެ ފްލައިޓުގައި މެލޭޝިޔާއަށް ދާން ޓިކެޓު ނަގައިގެން ތިބި ކުދިން ވެސް ތައްޔާރުވެގެން، ފައިސާ ހަމަކޮށްގެން ތިބީ ސަބްސިޑައިޒް ކޮށްދީފައިވާ އަގު ތަކަށެވެ.

ނަމަވެސް މެލޭޝިޔާ ސަރުކާރުން ކަރަންޓީނުވާ ބިދޭސީ ދަރިވަރުންނަށް ދެމުން ދިޔަ ސަބްސިޑީ ކަނޑާލައި، ކަރަންޓީނު ފީ އެއްކޮށް ދައްކަންޖެހޭ ގޮތަށް އެސްއޯޕީއަށް ބަދަލު ގެނައީ މި މަހުގެ 23 ވަނަ ދުވަހު އެވެ. ހަމަ ކުއްލި ގޮތަކަށެވެ. އެ ބަދަލާއެކު ކަރަންޓީނުވާން މީގެކުރިން ދެއްކި 500 ޑޮލަރުގެ ބަދަލުގައި މިހާރު 1،128 ޑޮލަރު ދައްކަން ޖެހޭނެ އެވެ.

"އަޅުގަނޑުމެން ކިހިނެއްތޯ ކުއްލި ގޮތަކަށް މިހާބޮޑު އަދަދެއް ހަމަޖައްސާނީ. އެއީ އަދި ހަމައެކަނި ކަރަންޓީނުވާން ދައްކަން ޖެހޭ ފައިސާ. މީގަ އަދި އެއާޕޯޓުން ނަގަން ޖެހޭ ސްވަބް ޓެސްޓާ، ކަރަންޓީނު ނިންމާފަ ނަގަންޖެހޭ ރިލީޒް ސާމްޕަލް ނުހިމެނޭ. އަދި މަސް އެއްކޮށް އޮތީ. އެތައް ހަރަދެއް ހުންނާނެ،" ސެޕްޓެމްބަރު 30 ވަނަ ދުވަހުގެ ފްލައިޓުން ފުރަން ހަމަޖެހިފައިވާ ދަރިވަރަކު ބުންޏެވެ.

ފައިސާ ހަމަޖައްސަން ލިބުނު ހަފްތާއަކަށް ވުރެ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެ ފައިސާ އިންތިޒާމު ކުރެވޭނެ ކަމުގެ ޔަގީންކަމެއް ގިނަ ކުދިންނަކަށް ނެތެވެ. އަދި ކަރަންޓީނު ފައިސާ ހަމަޖެއްސުނު ނަމަވެސް، އެކޮޅަށް ގޮސް ދެން ކުރަން ހުރި ހަރަދުތައް ހަމަޖައްސާނެ ގޮތަކާ މެދު ގިނަ ކުދިން ތިބީ ހަދާނެ ގޮތެއް ނޭނގި ގޮތް ހުސްވެފަ އެވެ.

މެލޭޝިޔާއަށް ދާން ތައްޔާރަށް ތިބި ކުދިންގެ ތެރޭގައި ގިނައީ ސްޓޫޑެންޓް ލޯނު އަދި ސްކޮލާޝިޕްގައި ކިޔަވަމުން އަންނަ ދަރިވަރުންނެވެ. ކަރަންޓީނު ފައިސާ ހަމަނުޖެއްސިއްޖެނަމަ، އެކުދިންނަށް ނުފުރޭނެ އެވެ. ނުފުރިއްޖެނަމަ އެކުދިންގެ ޓިކެޓަށް ދެއްކި 380-550 ޑޮލަރުގެ ރީފަންޑެއް ވެސް ނުލިބޭނެ އެވެ.

"ގައިމުވެސް މި އޮތް ދުވަސްކޮޅު އަޅުގަނޑަކަށް އެ ފައިސާ ހަމަނުޖެއްސިއްޖެނަމަ ނުފުރޭނެ. ޓިކެޓަށް ދެއްކި ފައިސާ ވެސް އަނބުރާ ނުލިބޭނެ. އަނެއްކާވެސް ގެއްލުމެއް،" "ސަން" އާ ވާހަކަދެއްކި ކުއްޖަކު ބުންޏެވެ.

އޭސް ޓްރެވަލްސްގެ ފްލައިޓާއި މޯލްޑިވިއަންގެ ފްލައިޓުން މެލޭޝިއާއަށް ދާން 200 އަށްވުރެ ގިނަ ކުދިން ޓިކެޓު ނަގާފައި ވާއިރު، އޭގެ ތެރޭގައި ކްލާހަށް ހާޒިރުވުން މަޖުބޫރު ކުދިން އެބަ ތިއްބެވެ. ބައެއް ކޯސްތަކުގައި ކިޔަވާ ބިދޭސީ ދަރިވަރުންނަށް ދީފައިވާ ހަ ހަފްތާ އާއި އަށް ހަފްތާގެ ގްރޭސް ޕީރިއަޑުގެ ތެރޭގައި އެ ކްލާސްތަކަށް ހާޒިރު ނުވެވިއްޖެނަމަ، އެކުދިން ކޯސް ދޫކޮށްލަން ޖެހުމުގެ ބިރު ވެސް އެބަ އޮތެވެ.

"ދެ އަހަރު ނޫނީ އެއް އަހަރު އެއްކޮށް ކިޔަވާފަ، ކަރަންޓީނު ވާން ފައިސާ ނުދެއްކިގެން ކުދިން ކޯސް ދޫކޮށްލަން ޖެހި، ކިޔެވުން ހުއްޓެން ޖެހުމަކީ އިންސާފެއް ނޫން. އެކުދިންނަށް ލިބޭ ވަރަށް ބޮޑު ދެރައެއް މީ،" މެލޭޝިޔާގައި މެޑިސިން ކިޔަވާ ކުއްޖަކު ބުންޏެވެ.

ފައިސާ ހަމަޖެއްސުމުގައި ދެން ދިމާވާ އެންމެ ބޮޑު ދައްޗެއްގެ ގޮތުގައި، "ސަން" އާ ވާހަކަދެއްކި ދަރިވަރުން ފާހަގަކުރީ ޑޮލަރު ހޯދުމުގައި ދިމާވެފައިވާ ދަތިކަމެވެ. ކޮންމެސް ގޮތަކުން ފައިސާ ހަމަޖެއްސުނު ނަމަވެސް، ހަ ދުވަހުގެ ތެރޭގައި 200 އަށްވުރެ ގިނަ ކުދިންނަށް، ކޮންމެ ކުއްޖަކަށް 2،000 ޑޮލަރު ހަމަޖެއްސޭނެ ކަމުގެ އުންމީދެއް ނެތެވެ.

"މިހާރު ގިނަ ކުދިން ތިބީ ހަދާނެ ގޮތެއް ނޭނގިފައި. ކިޔެވުން ކުރިއަށް ގެންދަން އެކުދިން ރައްކާކޮށްފައި ހުރި ހުރިހާ ފައިސާއެއް މިކަމަށް ދުއްވާލާނީތޯ ނޫންތޯ ނިންމަން ޖެހިފައި. ބައެއް ކުދިންގެ އަތުގަ އެވަރަށް ރައްކާކޮށްފަ ވެސް ނެތް ފައިސާއެއް. ޖީބު ހުސްކޮށްލައިގެން ވެސް ފައިސާ ހަމަނުޖެއްސޭނެ ކުދިން ވެސް އެބަތިބި،" އިތުރު ކުއްޖަކު ބުންޏެވެ.

ދިވެހި ދަރިވަރުންތަކަކަށް ކުރިމަތިވެފައިވާ މި ހާސްކަމަށް ހައްލެއް ހޯދައިދިނުމަށް އެދި އެކުދިން އަންނަނީ ކަމާބެހޭ ހުރިހާ ދޮރުތަކެއްގައި ޓަކި ދެމުންނެވެ. ފަންސާހެއްހާ ކުދިން ސޮއިކޮށް، ރައީސް އޮފީހަށާއި ފޮރިން މިނިސްޓްރީއަށް ވެސް މިހާރު ވަނީ ޕެޓިޝަނެއް ހުށަހަޅައިފަ އެވެ.

މެލޭޝިޔާ ސަރުކާރުގެ އެސްއޯޕީއަށް ބަދަލު ގެނެސް، ދިވެހި ދަރިވަރުންނަށް ލުއި ދޭން އެދުމަކީ ނުކުރެވޭނެ ކަމެއްކަން އެކުދިން ވެސް ދަނެއެވެ. އެހެންކަމުން އެކުދިން އެދެނީ އެ މަގުން ކުރިއަށް ދިއުމަކަށް ނޫނެވެ.

އެކުދިންގެ ޕެޓިޝަނުގައި އެދިފައި ވަނީ، މިވަގުތު ކަރަންޓީނަށް ދައްކަން ޖެހޭ ފައިސާ ސަރުކާރުގެ ފަރާތުން ހަމަޖައްސައިދިނުމަށެވެ. އަދި ސަރުކާރުގެ ލޯނުގައި ކިޔަވާ ކުދިންގެ ލޯނުގެ ތެރޭގައި އެ ފައިސާ ހިމަނައިދިނުމަށެވެ.

"އޭރުން އަޅުގަނޑުމެން ކިޔަވާ ނިންމާފަ އައިސް ލޯނު ފައިސާ ދައްކަން ފަށާއިރު، އެ ފައިސާ ވެސް ދެއްކޭނެ. ސަރުކާރަށް ލިބޭ ގެއްލުމަކަށް ނުވާނެ،" ދަރިވަރަކު ބުންޏެވެ.

އަމިއްލަ ހަރަދުގައި ކިޔަވާ ކުދިންގެ ތެރޭގައި އެ ފައިސާ ހަމަޖެއްސޭނެ ގޮތެއް ނެތް ކުދިން އެބަ ތިއްބެވެ. އެކުދިންގެ އަތުން ކުއްލިއަކަށް އެވަރުގެ ހަރަދެއް ކުރެވެން ނެތުމުން، އެކުދިން އެދެނީ ސަރުކާރުގެ ނުވަތަ ކަމާބެހޭ ފަރާތްތަކުގެ އެހީއަށެވެ.

މިހާތަނަށް ވެސް ސަރުކާރުން އެކުދިންނަށް އެކި ކަންކަމުގައި އެހީތެރިވެދީފައިވާކަން ޝުކުރުވެރިކަމާ އެކު އެކުދިން ފާހަގަ ކުރިއެވެ. މިފަހަރު ވެސް އެކުދިން އެދެނީ އެފަދަ އެހީތެރި ކަމަކަށެވެ. އެ ނޫން ގޮތެއް އެކުދިންނަށް ނެތީމަ އެވެ.

އެ ފައިސާ ހަމަނުޖެއްސިއްޖެނަމަ ދަރިވަރުންތަކަކަށް ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ލިބިދާނެތީއެވެ. ޑިގްރީގެ ފަހު އަހަރު ކިޔެވުން ދޫކޮށްލަން ޖެހި، މި ހުރިހާ ދުވަހު ބޭރު ގައުމެއްގައި ކުރި މަސައްކަތް ފެނަށް ހިނގައިދާނެއެވެ. އެތައް ހުވަފެންތަކެއް ވިއްސިވިހާލިވެގެން ގޮސް، ޑިގްރީ ވެސް ނުލިބި، ލޯނުގެ ފައިސާ އަނބުރާ ދެއްކުމުގައި ހަޔާތުން ދުވަސްތަކެއް ދުއްވާލަން ޖެހިދާނެ އެވެ.

މެލޭޝިޔާ ސަރުކާރުން ބުދަ ދުވަހު އަމަލުކުރަން ފެށި އެސްއޯޕީއާ ގުޅިގެން، އެކުދިންނަށް ޕެޓިޝަނެއް ތައްޔާރުކޮށް، ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުނީ ބުރާސްފަތި ދުވަހުއެވެ. އެހެންކަމުން ކަމާބެހޭ ފަރާތެއްގެ ބަހެއް މިކަމުގައި ލިބޭނީ އެންމެ އަވަހަށް ވެސް އާދީއްތަ ދުވަހު އެވެ.

ނަމަވެސް ގޮތެއް ނުފެނި ފާއިތުވާ ކޮންމެ ސިކުންތަކީ އެކުދިންނަށް ލިބޭ ވަރަށް ބޮޑު ނުތަނަވަސްކަމެކެވެ. ކަންބޮޑުވުމެކެވެ. ބައެއް ކުދިންނަށް އެކުދިންގެ ކިޔެވުން ކުރިއަށް ގެންދެވޭނެ ކަމާމެދު ޖެހިގެން ދަނީ އިތުރު ސުވާލު މާކު ތަކެކެވެ.

"ގިނަ ކުދިންނަށް މިހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި ފައިސާ ހަމަޖެއްސޭކަށް ނެތް. އަޅުގަނޑުމެން މި އެދެނީ އެހީއަކަށް،" ދަރިވަރަކު ބުންޏެވެ.

comment ކޮމެންޓް