ހޯނޑެއްދޫން އިތުރު ޕޮޒިޓިވް ކޭސް އެއް

ގދ. ހޯނޑެއްދޫ --

ގދ. ހޯނޑެއްދޫން އިތުރު މީހަކު ކޮވިޑް19އަށް ޕޮޒިޓިވްވެ، އެރަށުން ބަލި ޖެހުނު މީހުންގެ އަދަދު 45 އަށް އަރައިފިއެވެ.

މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އެރަށުން އިއްޔެ ޕޮޒިޓިވްވީ، ކުރިން ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓުވެގެން ކަރަންޓީނު ފުރިހަމަކުރި މީހެއް ކަމަށެވެ.

އޭނާ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކޮށް މީގެ ދެ ދުވަސް ކުރިން ނެގި ރިލީޒް ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ. އޭނާއާއެކު ދެން ރިލީޒް ސާމްޕަލް ނެގި 10 މީހުންގެ ނަތީޖާ ވަނީ ނެގެޓިވްވެފައެވެ.

އެރަށުން ޕޮޒިޓިވްވީ މީހުންގެ ތެރެއިން 32 މީހަކު ބަލިން ރަނގަޅުވެފައި ވާއިރު، އެރަށުގައި އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 13 މީހެކެވެ.

އަދި އެރަށުން ޕޮޒިޓިވްވީ ދެމީހަކަށް ގއ. ކޮވިޑް ފެސިލިޓީގެ ވޯޑުގައި އަންނަނީ ފަރުވާދެމުންނެވެ.

ޑރ. ނަޒްލާ މިރޭ ވިދާޅުވީ އެރަށުން ޕޮޒިޓިވްވީ މީހުންގެ 230 ކޮންޓެކްޓުން ދެނެގަނެވިފައިވާ ކަމަށާއި، މިއަދު އެރަށުގައި ކުރިއަށް ގެންދިޔަ ހޯމް ވިޒިޓްތަކުން، ބަލީގެ އަލާމާތް ހުރި ބަޔަކު ފާހަގަވެ، އެމީހުންގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ.

މިއަދު ޖުމްލަ 11 މީހެއްގެ ސާމްޕަލް ނަގާފައިވާއިރު، އަދި ނަތީޖާ ނުލިބެއެވެ.

ހޯނޑެއްދޫއިން އެންމެ ފުރަތަމަ ޕޮޒިޓިވް ކޭސްތައް ފެނިިފައި ވަނީ މި މަހުގެ ތިން ވަނަ ދުވަހު އެވެ. އެ ދުވަހު ޕޮޒިޓިވްވެފައި ވަނީ ކަރަންޓީނުގައި ތިބި ހަތަރު މީހެކެވެ. އަދި ހަމަ އެ ދުވަހު އެމީހުންނާ ލިންކެއް ނެތް ދެ މީހެއްގެ ގައިން އަލާމާތްތައް ފެނިގެން އިތުރު ދެ މީހެއްގެ ގައިން ނެގުނު ސާމްޕަލްތައް ވަނީ ޕޮޒިޓިވްވެފަ އެވެ. އެ މީހުންނާ ބައްދަލުވި މީހުންގެ ފަރާތުން ރަށުގެ އެހެން މީހުންނަށް ވަނީ ބަލި ޖެހިފަ އެވެ.

އެޗްޕީއޭ އިން އަދި ވެސް އަންނަނީ، އެ ރަށަށް ބަލި ފެތުރުނު ގޮތް ތަހުގީގު ކުރަމުންނެވެ. އެރަށު ކަރަންޓީންގައި ތިބި މީހުން ބައެއް މީހުންނާ ބައްދަލު ކުރި ކަމަށް ވާހަކަ ދެކެވެ އެވެ. އެހެން ނަމަވެސް މިހާތަނަށް އައި އިރު އެ ވާހަކަތަކަކީ ސައްހަ މައުލޫމަތުތަކެއްކަން ކަށަވަރު ނުވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް