އިންޑިއާ ކާގޯ ބޯޓުގެ ދަތުރު: ޖަވާބު ނުލިބޭ ސުވާލުތަކެއް

އިންޑިއާ އާއި ރާއްޖެ އާއި ދެމެދު މުދާ އުފުލާ ފެރީ --- ފޮޓޯ؛ ޓްވިޓާ

ރާއްޖޭގެ އުތުރުން ހދ. ކުޅުދުއްފުއްޓާ އިންޑިއާގެ ކޮޗިންއާ ދެމެދު ފެރީގެ ދަތުރުތައް ފެށުމަށް އެންމެ ފުރަތަމަ ވާހަކަ ދެކެވުނީ ކުރީގެ ރައީސް، މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ.

ދެހާސް އެގާރަ ވަނަ އަހަރު ރާއްޖޭގައި ބޭއްވި ސާކް ސަމިޓަށް ފަހު އޭރު ސަރުކާރުން ނިންމާފައި އޮތީ އެއަހަރުގެ ޑިސެމްބަރު މަހު ދަތުރުތައް ފެށުމަށެވެ. އެ ދަތުރުތައް ފެށުމަށް ފީޒިބިލިޓީވެސް ހެދި ކަމަށާއި ދަތުރުތައް ފަށަން ތައްޔާރު ކަމަށްް އޭރު ސަރުކާރުން ހާމަކުރި އެވެ. ނަމަވެސް ރައީސް ނަޝީދުގެ ސަރުކާރުން 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހު ބަދަލުވި އިރުވެސް އެ ދަތުރުތައް ނުއެއް ފެށުނެވެ.

އެ ދަތުރުތަކާއެކު އިންޑިއާ އަށް ދާ ދިވެހިންނަށް އިތުރު ފަސޭހަތައް ވާނެ ކަމަށާއި ކުޅުދުއްފުއްޓަކީ ވިޔަފާރީގެ ހަބަކަށް ވާނެ ކަމަށްވެސް ސަރުކާރުން ބުންޏެވެ. އެ މަޝްވަރާތަކަށް އަމަލީ ސިފަ ނައިސް ވަނިކޮށް ސަރުކާރު ބަދަލުވެ، އެ މަސައްކަތް އޮތީ ހުއްޓިފަ އެވެ. ރައީސް ވަހީދާއި ޔާމީންގެ ވެރިކަމަށްފަހު އަނެއްކާވެސް އެމްޑީޕީގެ ސަރުކާރެއް އުފެދުނު ތަނާ ފެރީގެ ވާހަކައިގެ އަޑު ގަދަވި އެވެ.

މީގެ ކުރިން، ރައީސް ނަޝީދުގެ ވެރިކަމުގައި ފަށަން ތައްޔާރުވި ފެރީގެ ހިދުމަތް ނުފެށި ލަސްވީ އެ ދަތުރުތަކަށް ކުރިމަތިލި ކުންފުނިތަކުން އެކަމާ ދުރަށް ދިޔުމުންނެވެ. އޭރު އިންޑިއާގެ ނޫސްތަކުން ބުނެފައިވަނީ ރާއްޖެ-އިންޑިއާ ފެރީ ދަތުރުތަކަކީ އިގުތިސާދީ ގޮތުން ވަޔަބަލް، ދެކޮޅުޖެހޭ ކަމެއް ނޫން ކަމަށް އަމިއްލަ ކުންފުނިތަކަށް ގަބޫލު ކުރެވުނީ ކަމަށެވެ.

https://sun.mv/143070

މިދިޔަ އަހަރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގައި މި ދަތުރުތައް ފެށުމަށް އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފަ އެވެ. އެ އެމްއޯޔޫގެ ދަށުން ކުޅުދުއްފުއްޓާއި ކޮޗިން އަދި މާލެއާ އާ ދެމެދު ކާގޯ އުފުލާ ބޯޓު ފުރަތަމަ ދަތުރުގައި އެ ބޯޓު ހޮނިހިރު ދުވަހު ކުޅުދުއްފުއްޓަށް ވަނީ ބަނދަރުކޮށްފަ އެވެ.

އިންޑިއާގެ ނޫސްތަކުން އަދި ދެ ގައުމުގެ ސަރުކާރުންވެސް ސިފަކޮށްފައިވަނީ މި ދަތުރުތަކަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެ ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތައް ލިބޭނެ ކަމެއްގެ ގޮތުގަ އެވެ. ހާއްސަކޮށް އުތުރުގެ ވިޔަފާރިވެރިން މާލެއިން މުދާ ގަތުމަށް އޮތްނަ ބަރޯސާ ކުޑަކޮށް ސީދާ ކުޅުދުއްފުއްޓަށް ގެންދާ މުދަލާއެކު ތަކެތީގެ އަގު ހެޔޮވާނެ ކަމަށާއި މިއީ ކުޅުދުއްފުށި އުތުރުގެ މައި ވިޔަފާރި ހަބަށް ހެދުމުގެ ފެށުމުގެ ގޮތުގައިވެސް ވަނީ ސިފަކޮށްފަ އެވެ.

މިހާރު ޝެޑިއުލް އޮތްގޮތުން ދެ ގައުމު ދެމެދު މަހަކު ދެ ދަތުރު ބާއްވާނެ އެވެ.

ހޮނިހިރު ދުވަހު އައި ބޯޓުގައި 500 ޓަނުގެ ސިމެންތި އާއި އަދި އެހެނިހެން ބާވަތްތަކުގެ މުދާ ހިމެނޭ ދެ ކޮންޓެއިނަރު ގެނެސްފައިވެ އެވެ.

https://sun.mv/120858

ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ މި ދަތުރުތަކުގައި ރާއްޖެ ގެންނާނީ ރާއްޖޭގެ ވިޔަފާރިވެރިން ގެންނަ މުދާ ކަމަށެވެ. މި ދަތުރުތަކުގައި ދިވެހި ވިޔަފާރިވެރިންގެ މުދާ ނޫން އެހެން މުދަލެއް ނުގެންނާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. މި ކާގޯ ދަތުރުތަކުގެ ފަސޭހައަކީ ވަކި ޝެޑިއުލަކަށް ދަތުރުތައް ބޭއްވުން ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުން ޕެރިޝަބަލްސް އާއި ފަރުނީޗަރު އަދި ބޭހާއި މެޝިނަރީސް ފަދަ ތަކެތި ކާގޯ ބޯޓުގައި ރާއްޖެ ގެންނާނެއެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު 4.4 ބިލިއަން ރުފިޔާގެ މުދާ އިންޑިއާއިން ރާއްޖެ އެތެރެކޮށްފައިވެ އެވެ. އޭގެ ތެރޭގައި ކެއިން ބުއިމަށް ބޭނުންކުރާ ތަކެއްޗާއި ކޮންސްޓްރަކްޝަން ދާއިރާގައި ބޭނުންކުރާ މުދަލުގެ އިތުުރުން ބޭހާއި ކޮސްމެޓިކްސް އަދި އަންނައުނުވެސް ހިމެނެ އެވެ.

ދިވެހިން އާންމުކޮށް ބޭނުންކުރާ މޭވާ އާއި ތަރުކާރީގެ ބާވަތްތަކަކީ އާންމުކޮށް އިންޑިއާ އިން އެތެރެކުރާ ބާވަތްތަކެއް ނޫންކަން ތަފާސް ހިސާބުތަކުން ފެންނަން ހުއްޓެވެ. ނަމަވެސް ހިލަ، ހިލަވެއްޔާއި ބޭސް އަދި ބައެއް ކަހަލަ ކޮސްމެޓިކްސްގެ ބާވަތްތަކަކީ އިންޑިއާ އިން ގިނަ އަދަދަކަށް އެތެރެކުރާ ތަކެއްޗެވެ.

މި ދަތުރުތަކުގައި އިންޑިއާ އިން މޭވާ އެތެރެކޮށްގެން ވިޔަފާރިވެރިން ވިއްކަން ފަށައިފިނަމަ އެއީ އުތުރުގެ ދަނޑުވެރިންނަށް ލިބޭނެ ބޮޑު ނިކަމެތިކަމަކަށް ވާނެ އެވެ. ހާއްސަކޮށް އުތުރުގެ ތިން އަތޮޅުގެ ދަނޑުވެރިން، އެމީހުން ހައްދާ ތަކެތި މާކެޓުކޮށް ވިއްކާ އެއް ހަބަކީ ކުޅުދުއްފުއްޓަށްވެފައި އެ ސަހަރައްދުގެ އެންމެ ބޮޑު އާބާދީ އެއް އޮންނަ އެ ސިޓީ ބޭރުން ގެންނަ މޭވާ އާއި ތަރުކާރީ އަށް ބަރޯސާވާން ފަށައިފިނަމަ، އެ ދަނޑުވެރިންނަށް ފަސޭހަ އާމްދަނީ އެއް ލިބޭނެ ގޮތް ބަންދު ނުވާނެ ހެއްޔެވެ؟

ސަރުކާރުން ބުނެފައިވަނީ ކުދި ވިޔަފާރިތަކުންވެސް އިންޑިއާ އިން ރާއްޖެއަށް މުދާ އެތެރެ ކުރަމުންދާ ކަމަށެވެ. އަދި ފެރީ ދަތުުރުތަކާއެކު އިމްޕޯޓަރުންނަށް އާ ޕްލެޓްފޯމެއް ގާއިމްވީ ކަމަށާއި އިތުރު ވިޔަފާރިވެރިންނަށް ފުރުސަތުތައް ފަހިވާނެ ކަމަށް ސަރުކާރުން ބުންޏެވެ.

މި ދަތުރުތަކުގައި ރާއްޖެއިން އިންޑިއާ އަށް އެކްސްޕޯޓު ކުރާނީ ކޮން އެއްޗެއްތޯ މިއީ މިހާރު ކުރެވޭ އެންމެ ބޮޑު އެއް ބަހުސެވެ. ރާއްޖޭގެ އިމްޕޯޓާއި އަޅާބަލާއިރު އެކްސްޕޯޓު އުޅެނީ ވަރަށް ދަށުގައެވެ.

އާންމުކޮށް މަހާއި މަހުގެ އުފެއްދުންތައް ފިޔަވައި ރާއްޖެއިން އެކްސްޕޯޓުކުރަނީ ޕްލާސްޓިކުގެ ބާވްތަކެވެ. މި ދަތުރުތަކާއެކު ޕްލާސްޓިކާއި އެނޫންވެސް "ސްކްރޭޕް މެޓީރިއަލްސް" އެކްސްޕޯޓު ކުރުމުގައި އިތުރު ފަސޭހަތައް އަންނާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

މި ކާގޯ ފެރީގެ ދަތުރުތަކުގައި ބޭނުން ކުރަނީ ޝިޕިންގް ކޯޕަރޭޝަން އޮފް އިންޑިއާ(އެސް.ސީ.އައި)އިން އޮޕަރޭޓްކުރާ "އެމްސީޕީ" ނަމަކަށްކިޔާ ކާގޯ ބޯޓެކެވެ. އެސްސީއައިގެ ރާއްޖޭގެ އެޖެންޓެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ރާއްޖޭގެ ގައިމީ ޝިޕިން ކުންފުނި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)އެވެ.

އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު "ސަން" އަށް ވިދާޅުވީ ރާއްޖެއިން މި ކާގޯ ފެރީގައި ރާއްޖެއިން ބޭރަށް މުދާ އެކްސްޕޯޓު ކުރަން ބޭނުންވާ ފަރާތްތަކުން ކާގޯ ބުކް ކުރަން ޖެހޭނެ ކަމަށެވެ.

"ރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓު ކުރާއިރު ހަދާހެން ހަމަ އެ ޕްރޮސެސް އޮންނާނީ. މުދާ އެތެރެކުރަން ބޭނުންވާ ފަރާތްތަކުންވެސް ސަޕްލަޔަރުގެ ޝިޕިން އެޖެންޓު މެދުވެރިކޮށް ކުރިއަށް ގެންދަން ޖެހޭނީ،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްއެސްއެސްގެ ދައުރަކީ ޕޯޓް ކްލެޔަރެންސް ފަދަ ހަޒްބެންޑްރީ މަސައްކަތްތައް ކަމަށެވެ.

"މުދާ ހޯދަން، ސަޕްލަޔަރުން ހޯދަންވެސް އެބަ އެސިސްޓުކޮށްދެން،" ސައީދު ވިދާޅުވި އެވެ.

އެގޮތުން ރާއްޖެއަށް ޝައުގުވެރިކަން ހުންނަ ވިޔަފާރިތަކަށް ކޮޗިން އަދި ޓުޓިކޮރިން ކޮޅުގެ ކޮންޓެކްސްޓް ފޯރުކޮށްދޭ ކަމަށާއި، މި ކާގޯ ބޯޓުގައި އިންޑިއާގެ ކޮންމެ ސަރަހައްދަކުންވެސް މުދާ ގެނެވޭނެ ކަމަށް ސައީދު ވިދާޅުވި އެވެ.

މި ދަތުރުތަކަކީ ފީޒިބަލް ކަމަކަށް ވާނެތޯ "ސަން" އިން ސުވާލު ކުރުމުން ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވީ މި ދަތުރުތަކާއެކު މާލޭ ޕޯޓުގެ ތޮއްޖެހުން ކުޑަކޮށްދޭނެ ކަމަށެވެ.

"އަނެއްކޮޅުން އައްޑޫ، ކުޅުދުއްފުށި ބަނދަރުން އެތެރެކުރާ މުދަލުގެ ޑިޔުޓީ ވަނީ ކުޑަކޮށްފައި. މިއީ ވިޔަފާރިވެރިންނަށްވެސް ލިބޭނެ ހިތްހަމަޖެހުމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ކުޅުދުއްފުށީ ކައުންސިލުން ބުނެފައިވަނީ މި ދަތުރުތަކުގެ ސަބަބުން ރަށަށްވެސް ވިޔަފާރިތަކަށްވެސް ކުރިއެރުން އަންނާނެ ކަމަށެވެ.

"ޝެޑިއުލާއެއްގޮތަށް ދަތުރު ފެށީމާ ވިޔަފާރިވެރިންނަށް ފަސޭހަވާނެ. މި ސަރަހައްދުގައި އެބަތިބޭ ކުދި ވިޔަފާރިވެރިން ކޮންޓެއިނާ ހަޔާކޮށްގެން މުދާ ނުގެނެވޭނެ. ޝެޑިއުލް ދަތުރު ކުރާނަމަ، ކުދި ވިޔަފާރިވެރިންނަށް ވެސް މީގެ ފައިދާ ކުރާނެ،" ކައުންސިލްގެ ރައީސް އަބްދުލް ލަތީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ދަތުރުތަކަކީ ރަށަށްވެސް އަދި ރާއްޖޭގެ ވިޔަފާރިވެރިންނަށްވެސް ފައިދާކުރާނެ ކަމެއް ކަމަށެވެ.

"މި ސަރަހައްދުގެ ވިޔަފާރިތައް ކުރިއަރާނެ. ދެން އޮތްކަމަކީ [ރާއްޖޭގެ] އުފެއްދުންތެރިކަން އިތުރުކޮށް އެކްސްޕޯޓު ކޮށްގެން އާމްދަނީ އިތުރކުރާނެ މަގު ހޯދުން،" އަބްދުއްލަތީފް ވިދާޅުވި އެވެ.

ސަަރުކާރުން ބުނެފައިވަނީ 10-12 ދުވަސް ހޭދަވާ މި ދަތުރުތަކަކީ އިގްތިސޯދަށް ދިރުން އަންނާނެ ކަމެއް ކަމަށެވެ. ހާއްސަކޮށް ސަރުކާރުން ރާވާފައިވާ ރީޖަނަލް ހަބްތައް ތަރައްގީކުރުމުގައި މިއީ މުހިއްމު ދައުރެއް އަދާކުރާނެ ކަމެއްކަމަށް ސަރުކާރުން ބުންޏެވެ.

މީގެ އިތުރުން މިއީ އުތުރުގެ ރަށްތަކަށް ވިޔަފާރީގެ ގޮތުން ކުރި އެރުން ލިބި، ރާއްޖޭގެ އުފެއްދުންތައް އިންޑިއާގެ މާކެޓަށް އަދި އިންޑިއާ މެދުވެރިކޮށް ބައިނަލްއަގްވާމީ މާކެޓަށް ނެރުމަށް ފަސޭހަ ވެގެންދާނެ ދަތުރުތަކެއް ކަމަށްވެސް ސަރުކާރުން ސިފަ ކުރެ އެވެ.

އަނެއްކާވެސް ސުވާލަކީ މިއީ ދެމެހެއްޓެނިވި، ކާމިޔާބު ކަމަކަށް ވާނެ ހެއްޔެވެ؟ އިންޑިއާ ސަރުކާރުން ކަނޑައަޅާ ބޯޓެއްގައި، އިންޑިއާ އާއި ރާއްޖެ އާއި ދެމެދު ކުރާ މި "ވިޔަފާރި ދަތުރުތަކަކީ" ރާއްޖެ އަށް އޭގެ ސަބަބުން އިގްތިސޯދީ ކޮން ފައިދާ އެއް ކުރާނެ ދަތުރުތަކެއް ހެއްޔެވެ؟ ހުޅުވާލެވިފައިވާ ފްރީ މާކެޓެއްގައި ދެ ގައުމުގެ ސަރުކާރުން ބައިވެރިވެގެން ކާގޯ ދަތުރުތައް ބޭއްވުމަކީ ކޮން ކަހަލަ ކަމެއްހެއްޔެވެ؟ މިހާރުވެސް ކަނޑުމަގުންނާއި ވައިގެ މަގުން ވިޔަފާރިވެރިން އިންޑިއާ އިން މުދާ އިމްޕޯޓު ކުރާއިރު އެ ދަތުރުތަކަށް އަންނާނީ ކޮން ބަދަލެއް ހެއްޔެވެ؟

comment ކޮމެންޓް