ޗައިނާގެ އިކޮލޮޖީ އެންޑް އެންވަޔަރަމަންޓް މިނިސްޓްރީން ބޭއްވި ބައްދަލުވުމެއްގައި ރާއްޖޭގެ އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ބައިވެރިވެވަޑައިގެންފިއެވެ.
"ބަޔޯޑައިވަރސިޓީ ބިޔޯންޑް 2020، ބިލްޑިންގ އަ ޝެއަރޑް ފިއުޗަރ ފޮރ އޯލް ލައިފް އޮން އަރތް" ގެ ނަމުގައި ބޭއްވި މިނިސްޓަރުންގެ ބައްދަލުވުމަކީ އަންނަ ބުދަ ދުވަހު ބާއްވަން ހަމެޖެހިފައިވާ ޔުނައިޓެޑް ނޭޝަންސް ސަމިޓް އޮން ބަޔޯޑައިވަރސިޓީ އަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ބައްދަލުވުމެކެވެ. މިއީ އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 15 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް 15) ގެ ރިޔާސަތު ބަލަހައްޓާ ޤައުމުގެ ހައިސިއްޔަތުން ޗައިނާގެ މިނިސްޓްރީ އޮފް އިކޮލޮޖީ އެންޑް އެންވަޔަރަންމަންޓް އިން ބޭއްވި ބައްދަލުމެކެވެ.
ވާޗުއަލްކޮށް އެ ބައްދަލުވުމުގައި ބައިވެރިވެލައްވައި މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ވިދާޅުވީ ގުދުރަތީ ވެއްޓާމެދު އިންސާނުންގެ އަމަލުތައް ހުންނަ ގޮތުން ރާއްޖެފަދަ ގުދުރަތީގޮތުން ބޮޑު ކަނޑަކާއި ފަރެއް ލިބިފައިއޮންނަ ގައުމު ތަކަށް ކުރާ އަސަރު ވަރަށް ބޮޑު ކަމަށެވެ.
ރާއްޖެއަކީ ކުޑަ ގައުމަކަށްވެފައި ގައުމުގެ އިގްތިސާދާއި މީހުންގެ ދިރިއުޅުން ބިނާވަނީ ކަނޑުން ލިބޭ ދިރުމަށާއި ލިބިފައިވާ ގުދުރަތީ ރީތި ފަރަށާއި ފަރުގައި އުޅޭ ރީތި މަސްމަހާމެއްސަށްކަމަށާއި މަސްވެރިކަމަކީ ޒަމާނުއްސުރެ ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރަމުންއަންނަ ކަމެއް ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު އެންމެ ބޮޑަށް އޭގެ މައްޗަށް ބިނާވެފައިވާ ފަތުރުވެރިކަން ގުޅިފައިވަނީ ރާއްޖެއަށް ލިބިފައިވާ ގުދުރަތީ ރީތިކަމާއި ކަނޑުގެ ދިރުންތަކުގެ މުއްސަނދިކަމަށް ވީހިނދު މޫސުމީ ބަދަލުތަކުގެ ސަބަބުން އެ ދިރުންތަކަށް ލިބޭނެ ގެއްލުން ވަރަށް ބޮޑުކަމަށާއި އެހެންކަމުން އެ ގެއްލުން ކުޑަކުރުމަށް ހުރިހާ ގައުމެއްގެވެސް އެއްބާރުލުން ބޭނުންވާކަމަށެވެ.
އެހެންކަމުން އެ ކަމަށް އެކަށީގެންވާ ރަނގަޅު ޕޮލިސީތައް ހަދައި މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައިފިނަމަ ލިބޭ ގެއްލުން ކުޑަވާނެކަމަށާއި އަދި މި ޕޮލިސީތައް ތަންފީޒުކުރުމަށް އެކަށީގެންވާ ވަސީލަތްތައް ބޭނުންވާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ ސައިންސްވެރިން ފާހަގަކޮށްފައިވާ ގޮތަށް ކަނޑުގެ ދިރުންތައް ރައްކާތެރިކޮށް ބެލެހެއްޓުމަށް އެންމެ މަދުވެގެން ކަނޑުގެ ސަރަހައްދުގެ 30 އިންސައްތަ ހިމާޔަތްކުރަންޖެހޭކަމަށެވެ.
އެހެންކަމުން ކަނޑުގެ 30 އިންސައްތަ ރައްކާތެރިކުރުމަށް "ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވާސިޓީ"އިން 2021ން 2030އަށް ކަނޑައަޅާ ލަނޑުދަނޑިތަކުގެ ތެރޭގައި ލަނޑުދަނޑިއެއް ފާސްކުރުމަށް މިނިސްޓަރ ވަނީ ހުރިހާ ގައުމަކަށް ގޮވާލައްވާފައެވެ.