އަފްގާނިސްތާނުގައި އަންހެނުންނަށް ހާއްސަ ޖިމެއް ހުޅުވައިފި

އަފްގާނިސްތާނުގެ ޖިމުގައި އަންހެނުން

އަފްގާނިސްތާނުގެ ކަންދަހާރުގައި އަންހެނުނަށް ހާއްސަ ޖިމެއް ހުޅުވައިފި އެވެ.

ކަންދަހާރަކީ މުޅި އަފްގާނިސްތާނުގެ ވެސް އެންމެ "ކޮންޒަވޭޓިވް" ހިޔާލުގެ މީހުން ދިރިއުޅޭ ސަރަހައްދެެވެ.

އެ ޖިމް ހުޅުވާފައި ވަނީ އަފްގާނިސްތާނުގައި އަންހެނުންގެ ހައްގުގައި މަސައްކަތްކުރާ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ދުރާނީ އެވެ.

އެ ޖިމަށް ދުވާލަކު 50 އެއްހާ އަންހެނުން ދެ އެވެ.

މަރިޔަމް ބުނީ އެޖިމަށް އަންހެނުންގެ ހޫނު ތަރުހީބެއް ލިބިފައިވާ ކަމަށާއި ނަމަވެސް ފިރިހެނުންގެ ފަރާތުން ނުރުހުން އަމާޒުވި ކަމަށެވެ. އަދި މިއީ އިސްލާމީ ޝަރީއަތާ ހިލާފު ކަމެއް ކަމަށް ބައެއް ފިރިހެނުން ސިފަކުރިކަމަށް ވެސް މަރިޔަމް ބުންޏެވެ.

މަރިޔަމް މިހާރު ދަނީ އަންހެނުންނަށް ހާއްސަކޮށް ރޭޑިއޯ ސްޓޭޝަނެއް ވެސް ހިންގަމުންނެވެ. އަދި އޭނާއަށް އެމެރިކާގެ ކުރީގެ ފަސްޓް ލޭޑީ މިޝެލް އޮބާމާ ވަނީ "ވުމަން އޮފް ކަރޭޖް"ގެ އެވޯޑް އަރުވައިފަ އެވެ.

އަފްގާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން ބާލަން ތައްޔާރުވަމުން އަންނަ އިރު އަންހެނުންނަށް މިހާރު ލިބިފައި އޮތް މިނިވަންކަން ގެއްލި ތަލިބާނުންގެ ބާރު ގަދަވެދާނެ ކަމަށް ބައެއް ފަރާތްތަކުން މިހާރު ދަނީ ބުނަމުންނެވެ.

އަފްގާނިސްތާނުގައި ތަލިބާނުން ވެރިކަން ކުރިއިރު އެގައުމުގައި އަންހެނުންނަށް ތައުލީމް ދިނުމާއި މަހުރަމަކާ ނުލައި އަންހެނުން ބޭރަށް ދިއުން އޮތީ މަނާކޮށްފަ އެވެ.--ރޮއިޓާސް--

comment ކޮމެންޓް