އާމްދަނީގެ ގޮތުގައި 9.9 ބިލިއަން ރުފިިޔާ ލިބިއްޖެ

ރާއްޖޭގެ ރިސޯޓެއްގެ މަލަމަތި---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 9.9 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސްގެ ތަފާސް ހިސާބުތައް ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ހަފްތާގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ހަރަދު 17.8 ބިލިއަނަށް އަރަ އެވެ.

ފިނޭންސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ އެ މުއްދަތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި 17.1 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި އެ މުއްދަތުގައި ހަރަދުތައް ހުރީ 18.1 ބިލިއަނުގަ އެވެ.

މި އަހަރުގެ އެހާތަނަށް ދައުލަތަށް އެންމެ ބޮޑު އާމްދަނީ އެއް ލިބުނީ ޓެކުހުންނެވެ. ޓެކްސް އާމްދަނީގެ ގޮތުގައި މިމަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 7.7 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެންމެ ބޮޑު ހަރަދެއް ގޮސްފައި ވަނީ މުސާރަ އާއި އިނާޔަތްތަކަށެވެ. މި އަހަރުގެ މިހާތަނަށް މުސާރަ އާއި އިނާޔަތްތައް ދިނުމަށް 6.6 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ލޯނު ދެއްކުމަށް މި އަހަރުގެ މި ހާތަނަށް 683.5 މިލިއަން ހޭދަކޮށްފައިވެ އެވެ. ޕީއެސްއައިޕީ ޕްރޮޖެކްޓުތަކަށް 2.8 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވެސް ފިނޭންސްގެ ތަފާސްހިސާބުތައް ދައްކަ އެވެ.

comment ކޮމެންޓް