އާލު ސުއޫދުންގެ ރަސްކަމުގެ ނިޒާމު ވައްޓާލައި ސައޫދީގައި ޑިމޮކްރަސީ ގާއިމް ކުރުމަށްޓަކައި ސިޔާސީ ޕާޓީއެއް އުފައްދައިފި

ޔަހްޔާ އަސީރީ

ލަންޑަން (ސެޕްޓެމްބަރު 24) : ސައޫދީ އަރަބިޔާގައި ވެރިކަންކުރާ އާއިލީ ރަސްކަމުގެ ނިޒާމު ވައްޓާލައި ރައްޔިތުންގެ ވެރިކަމެއް ގެނައުމަށް ޓަކައި އެގައުމުގެ އިދިކޮޅު ފަރާތްތަކުން ސިޔާސީ ޕާޓީއެއް އުފައްދައިފި އެވެ.

"ނެޝަނަލް އެސެމްބްލީ ޕާޓީ" ނަމަކަށް ކިޔާ މި ޕާޓީ އުފައްދާފައި ވަނީ އެމެރިކާ އާއި ހުޅަނގުގެ އެހެން ގައުމުތަކުގެ އެހީތެރިކަމާއި ހިމާޔަތާ އެކު އާލު ސައޫދުގެ އާއިލާއިން ސައޫދީގައި ވިރާސީ ރަސްކަމެއް ކުރަމުން ގެންދާތާ 90 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެންނެވެ.

މި ޕާޓީ އުފައްދާފައި މިވަނީ އެމެރިކާ، ކެނެޑާ އަދި އިނިގިރޭސިވިލާތް ފަދަ އެތައްް ގައުމެއްގައި ދިރިއުޅޭ ސައޫދީ އިދިކޮޅު އެތަށް ލީޑަރުން ގުޅިވަޑައިގެންނެވެ. ސައޫދީއަށް ޑިމޮކްރެޓިކް ނިޒާމެއް ގެނަސް ވިރާސީ ރަސްކަމުގެ ނިޒާމު ވައްޓާލުމުގެ މަސައްކަތް އިދިކޮޅު ފަރާތްތަކުން ފާޅުގައި ފަށާފައި މިވަނީ ކޮވިޑް-19 އާ ގުޅިގެން ދެހަރަމްފުޅަށް ޒިޔާރަތް ކުރުމަށް ދުނިޔޭގެ ކަންކޮޅުތަކުގެ މުސްލިލުން ކުރާ ދަތުރުތައް ބަންދުވުމުގެ ސަބަބުންނާ އަދި ސައޫދީ އިގްތިސާދުގެ ލޭނާރުކަމަށްވާ ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި ވެއްޓިފައިވާތާ އަހަރެއްހާ ދުވަސްވުމުގެ ސަބަބުން ސައޫދީ ސަރުކާރަށް އިގްތިސާދީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ.

މީގެ އިތުުރުން ސައޫދީ އިސްކޮށް އޮވެގެން ޔަމަންގައި ކުރިޔަށް ގެންދާ ލޭއޮހޮރުވުން ބޮޑު ހަނގުރާމައިގެ ސަބަބުންނާ އަދި ސޫރިޔާއާއި ލީބިޔާފަދަ އަރަބި ގައުމުތަކުގައި ހިނގާ ދާޚިލީ ހަނގުރާމަތަކުގެ ތެރެއަށް ވެސް ސައޫދީ ވަންނަމުން ދިޔުމުގެ ސަބަބުން މިދަތިކަން އިތުރަށް ބޮޑުވެ ސައޫދީއަށް ލިބޭ އާމްދަނީއަށް ވުރެ ޚަރަދުތައް އިތުރުވުމުން ސައޫދީ ސަރުކާރުން ވަނީ ރައްޔިތުންގެ އަތުން ޓެކްސްޓްތައް ނެގުންފަދަ ކަންކަން ވެސް ކުރަން ފަށާފަ އެވެ. މިއީ ކުރިން ސައޫދީ ގައި ކުރާ ކަމެއްނޫނެވެ.

ސައޫދީ އިދިކޮޅު ލީޑަރެއްކަމަށްވާ ސައުދުލް ފަގީހް

މިދަނޑިވަޅަކީ ސައޫދީ ސަރުކާރުގެ ސިޔާސަތާއި ދެކޮޅުހަދާ ފަރާތްތަކަށް ބޮޑެތި އަދަބުތައްދީ، ސައޫދީ ސަރުކާރާ ދެކޮޅަށް ނުސީދާ ގޮތެއްގައި ވެސް ބަހެއްބުނާ ދީނީ އިލްމުވެރިންނާ އެނޫން ވެސް ފަރާތްތަކާ ދެކޮޅަށް އެގައުމުގެ ސަރުކާރުން ވަރަށް އަނިޔާވެރިގޮތެއްގައި ކުރިމަތިލައި އެތަށް ބަޔަކު ޖަލަށްލައި އަނެއްބައަކު ޝަރީއަތަކާނުލައި މެރުންފަދަ ޖަރީމާތައް ހިންގަމުން ގެންދާ ދުވަސްވަރެއްވެސް މެ އެވެ. ތުރުކީގައި ހުންނަ ސައޫދީ ކޮންސިއުލޭޓްގައި އެގައުމުގެ އިިދިކޮޅު ލިޔުންތެރިއެެއް ކަަމަށްވާ ޖަމާލްއަލް ޚާޝުގްޖީ ހައްޔަރުކޮށް ވަރަށް އަނިޔާވެރި ގޮތަކަށް މަރާލި މަރާލުން މިކަމުގެ ހެއްކަކަށް ފުދެ އެވެ.

މިއާއެކު ވެސް ދުނިޔޭގެ އެންމެ ބޮޑުބާރުކަމަށްވާ އެމެރިކާއާ އަދި ދުނިޔޭގައި ބާރުގަދަ ޔަހޫދީ ޒަޔަނިސްޓް ޖަމާއަތްތަކުގެ ތާއީދު ލިބިފައިވާ އާލުސުޢޫދު އާއިލާއިން ސައޫދީގައި ހިންގާ އާއިލީ ވިރާސީ ރަސްކަން ވައްޓާލުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. އާލު ސަައޫދުގެ ރަސްކަމުގެ ނިޒާމަކީ އިނގިރޭސީންގެ އިސްތިއުމާރީ ދުވަސްވަރު އެމީހުންގެ އެހީތެރިކަމާއެކު ގާއިމް ކުރި ނިޒާމެކެވެ. މިނިޒާމު މިހާރު ރައްކާތެރިކޮށް ހިމާޔަތް ކޮށްދެނީ އެމެރިކާއިންނެވެ.

އެމެރިކާއިން އާލު ސައޫދުންގެ ރަސްކަމުގެ ނިޒާމު ހިމާޔަތް ކުުުރުމަށް އާލު ސުއޫދު އާއިލާގެ ބާނީ އަބްދުލްއަޒީޒު އާލު ސައޫދާއި އެމެރިކާގެ އޭރުގެ ރައީސް ފްރެންކްލިން ރުޒަވެލްޓް އެއްބަސްވެ ވަޑައިގެންފައި ވަނީ 1945 ވަނަ އަހަރު ގެ ފެބްރުއަރީ މަހުގެ14 ވަނަ ދުވަހު އެމެރިކާގެ އަސްކަރީ މަނަވަރެއް ކަމަށްވާ ޔޫ އެސް އެސް ކުއެންސީ ގައި އެދެބޭފުޅުން ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގެ ތެރޭގަ އެވެ.

ކިންގް އަބްދުލްއަޒީޒް އެމެރިކާގެ އަސްކަރީ މަނަވަރެއްގައި 1945 ވަނަ އަހަރު އެމެރިކާގެ އޭރުގެ ރައީސް ފްރަންކްލިން ރުޒަވެލްޓާ ބައްދަލުކުރައްވަނީ ސައޫދީ އަށް ޑިމޮކްރަސީ ގެނަސްފިނަމަ ސައޫދީގެ ކަންކަމަށް އެގައުމުގެ ރައްޔިތުންގެ ބާރު ހިނގާނެތީ އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުންނާ ޔަހޫދީ ޒަޔަނިސްޓް ޖަމާއަތްތަކުން އެކަމަށް ހުރަސްއެޅުމަށް ކުރެވެން އޮތްހާ މަސައްކަތެއް ކުރާނެ އެވެ.

ނަމަވެސް ސައޫދީ ޢާއިލީ ރަސްކަން ވައްޓާލުމުގެ މަސައްކަތް އިދިކޮޅު ފަރާތްތަށް ގުޅިގެން ފާޅުގައި ފެށުމުގެ ހިއްވަރު އެބޭފުޅުންނަށް ލިބުމަކީ ސައޫދީ ސަރުކާރު ދުނިޔޭގެ ކުރިމަތީގައި އިތުރަށް ބޭޒާރުވެ އަދި ސައޫދީ ޝާހީ އާއިލާއަށް ކުރިމަތިވާ އާދަޔާ ޚިލާފު ބޮޑު ގޮންޖެހުމަކަށް ވެގެންދާނެ ކަމަށް މުރާސިލުން ބުނެ އެވެ.

އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުގެ އެހީތެރިކަމާ އެކު އަދި ފަރުދާގެ އަނެއް ފަރާތުން އިސްރާއީލާ ވެސް ގުޅިގެން ހިންގާ ސައޫދީ އާއިލީ ރަސްކަމުގެ ނިޒާމަކީ މިހާރު ދުނިޔޭގައިވާ މަދު އާއިލީ ރަސްކަމުގެ ނިޒާމުތަކުގެ ތެރެއިން އެންމެ ބާރުގަދަ، އެންމެ އަނިޔާވެރި އަދި އެންމެ ޚުދު މުޚްތާރު ރަސްކަމުގެ ނިޒާމު ކަމަށް ސައޫދީ އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.

އެހެންކަމުން އިދިކޮޅު ސިޔާސީ ޕާޓީއެއް އުފެދުނަސް އާލުސުޢޫދުގެ ރަސްކަން ކައިރި މުސްތަގުބަލެއްގައި ވައްޓާލުމަކީ ނުވަތަ ނިމުމަކަށް ގެނައުމަކީ ގާތްގަނޑަކަށް މުސްތަހީލް ކަމެއްކަމަށް ސައޫދީ އިދިކޮޅު ފަރާތްތަކުން ވެސް ގަބޫލުކުރެ އެވެ. އަދި ވަރުގަދަ ލޭ އޮހޮރުވުމެއްގެ ތެރެއިން ނޫނީ އެކަންވުން ވެސް ދުރުކަމަށް މުހައްލިލުން ދެކެ އެވެ. އަދި މިކަމާދެކޮޅަށް އާލު ސައޫދުގެ އާއިލާއިންނާ ސައޫދީ ރަސްކަމުގެ ނިޒާމުން މާތްވެގެންވާ އިސްލާމް ދީން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ވަރަށް ވަރުގަދައަށް ބޭނުންކުރާނެކަމަށް ސައޫދީ އަށް ރައްޔިތުންގެ ވެރިކަމެއް ގެނައުމަށްޓަކައި އުފެއްދި ނެޝަނަލް އެސެމްބްލީ ޕާޓީގެ އިސްވެރިޔާ ޔަޙްޔާ ޢަސީރީ ވިދާޅުވި އެވެ.

ކުރިން ސައޫދީ ވައިގެ ސިފައިންގެ އޮފްސަރެއްގެ ގޮތުގައި އުޅުއްވި އަސީރީއަކީ މިހާރު އިނގިރޭސިވިލާތުގައި ދިރިއުޅުއްވާ، ބޭފުޅެކެވެ. މި ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި އެހެން ބޭފުޅުންގެ ތެރޭގައި މަތީ ފެންވަރުގެ އެކަޑަމިކް ބޭފުޅެއްކަމަށްވާ ޑރ. މަޟާވީ ރަޝީދާއި އެހެން އިލްމުވެރިއެއް ކަމަށްވާ ސަޢީދު ބިން ނާޞިރު އަލްޣާމިދީ އާއި ޖަލަށްލާފައިވާ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. ސަލްމާން އަލްޢައުދާގެ ދަރިކަލުން ޢަބްދުﷲ އަލްޢައުދާއާއި އިދިކޮޅު މަޝްހޫރު ލީޑަރެއްކަމަށް އަޙްމަދު އަލްމުޝައިޚިޞް ގެއިތުރުން ޢުމަރު ބިން ޢަބްދުލްޢަޒީޒު ހިމެނިވަޑައިގަންނަވަ އެވެ. މީގެ އިތުރުން ވެސް ހުޅަނގުގެ ގައުމުތަކުގައި ދިރިއުޅުއްވާ ސައޫދީ އިދިކޮޅު އެތަށް ލީޑަރުން މި ޕާޓީ އުފެއްދުމުގައި ބައިވެރިވެ ވަޑައިގެންނެވި އެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް