އިސްރާއީލުގެ ވަފުދަކާއެކު އެގައުމުގެ މަތިންދާބޯޓެއް ބަހުރައިންއަށް ގޮސްފި

އިސްރާއީލުގެ ވަފުދަކާއެކު އެގައުމުގެ މަތިންދާބޯޓެއް އިއްޔެ ބަހުރައިންއަށް ގޮސްފައިވާ ކަމަށް ޓައިމްސް އޮފް އިސްރާއީލް އިން ވަނީ ރިޕޯޓުކޮށްފަ -- ފޮޓޯ: ފްލޭޝް90

ގުދުސް (ސެޕްޓެމްބަރު 23): އިސްރާއީލުގެ ވަފުދަކާއެކު އިއްޔެ އެގައުމުގެ މަތިންދާބޯޓެއް ބަހުރައިންއަށް ގޮސްފައިވާ ކަމަށް ޓައިމްސް އޮފް އިސްރާއީލްއިން ރިޕޯޓުކޮށްފި އެވެ.

އިސްރާއީލާއި ބަހުރައިންއާ ދެމެދު ބޭއްވި އެ ފުރަތަމަ ސީދާ، ކޮމާޝަލް ދަތުރުގައި އިސްރާއީލްގެ ބޮޑުވަޒީރުގެ އޮފީހުގެ ޑިރެކްޓާ ޖެނެރަލް އާއި ފޮރިން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލާއި ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ އިސް އޮފިޝަލުން ހިމެނޭ ކަމަށް ޓައިމްސްގައިވެ އެވެ.

އެ ފްލައިޓާ ބެހޭ މައުލޫމާތު އިސްރާއީލާއި ބަހުރައިންގެ ސަރުކާރުން ހާމަކޮށްފައި ނުވެ އެވެ. ނަމަވެސް އިއްޔެ ތެލް އަވީވް އިންޓަނޭޝަނަލް އެއާޕޯޓުން ބަހުރައިން އިންޓަނޭޝަނަލް އެއާޕޯޓަށް މަތިންދާބޯޓެއް ދަތުރުކޮށްފައިވާ ކަން ފްލައިޓްރޭޑާ24 ވެބްސައިޓުން ދައްކަ އެވެ. އެ ފްލައިޓު ދަތުރު ކުރީ ސައުދީ އަރަބިއާގެ ވައިގެ ސަރަހައްދު ހުރަސްކޮށްފަ އެވެ.

އެ ފްލައިޓު ބާއްވާފައި ވަނީ، މިދިޔަ ހަފްތާގެ އަންގާރައިގައި ބަހުރައިން އާއި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)އިން އިސްރާއީލާ އެކު ގުޅުން ގާއިމު ކުރަން އެއްބަސްވުންތަކުގައި ސޮއި ކުރި ފަހުންނެވެ. އެމެރިކާއިން މެދުވެރިވެގެން ބޭއްވި މަޝްވަރާތަކަށް ފަހު ބަހުރައިން އާއި ޔޫއޭއީއިން އިސްރާއީލާ ގުޅުން ބަދަހި ކުރަން އެއްބަސްވުންތަކުގައި ސޮއި ކުރީ ވައިޓް ހައުސްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެއީ އަރަބި ގައުމުތަކާއި އިސްރާއިލާ ދެމެދު ސޮއި ކުރެވުނު އެފަދަ ތިން ވަނަ އަދި ހަތަރު ވަނަ އެއްބަސްވުމެވެ. އެގޮތުން އިސްރާއިލް އަކީ ވަކި ދައުލަތެއް ކަމަށް ބަލައިގަނެ، އެގައުމާ އެކު ސުލްހައިގެ އެއްބަސްވުންތަކުގައި މީގެ ކުރިން ސޮއި ކުރި އަރަބި ދެ ގައުމަކީ މިސްރާއި އުރުދުން އެވެ. އެއީ 1979 އާއި 1994ގަ އެވެ.

އަރަބި ގިނަ ގައުމުތަކުން ބުނާ ގޮތުގައި އެ ގައުމުތަކުން އިސްރާއީލާ އެކު ގުޅުން ގާއިމު ކުރާނީ ފަލަސްތީނާއި އިސްރާއީލުގެ މައްސަލަ ހައްލުވުމުންނެވެ. އަދި ޔޫއޭއީ އާއި ބަހުރައިން އިން އިސްރާއީލާ އެކު ގުޅުން ބަދަހި ކުރަން ނިންމުމުން، ފަލަސްތީން ވަކި ދައުލަތަކަށް ހެދުމަށް ކުރަމުންދާ މަސައްކަތަށް ހުރަސް އެޅޭ ކަމަށް ފަލަސްތީނުގެ ރައްޔިތުން ބުންޏެވެ.

comment ކޮމެންޓް