ކޮވިޑްގެ ކޭސްތައް މަދުވުމުން ނިއުޒީލެންޑުން މާސްކު އެޅުމުގައި ލުއިތަކެއް ދީފި

ނިއުޒީލެންޑްގައި މީހަކު މާސްކު އަޅައިގެން--

ކޮވިޑްގެ ކޭސްތައް މަދުވުމުން އާންމު ތަންތަނުގައި މާސްކު އެޅުން މަޖުބޫރުކޮށްފައި އޮތްއޮތުމަށް ލުއިތަކެއް ދީފިއެވެ.

އެއާއެކު ރޭ ދަންވަރު 12 އިން ފެށިގެން މާސްކު އެޅުން ނިއުޒީލެންޑް އޮކްލޭންޑްގައި މަޖުބޫރެއް ނުވާނެއެވެ. ނަމަވެސް އަދިވެސް އޮކްލޭންޑްގައި ޕަބްލިކް ޓްރާންސްޕޯޓާއި މަތިންދާބޯޓުގައި މާސްކު މަޖުބޫރުވާނެއެވެ.

އޮކްލޭންޑަކީ ކޮރޯނާ އެންމެ ބޮޑަށް ފެތުރުނު ސަރަހައްދުވެސް މެއެވެ. އެތަނުގައި މިހާރު އެންމެ ގިނައިން އެއްފަހަރާ އެއްވެވެނީ 100 މީހުންނަށެވެ.

އޮކްލޭންޑް ފިޔަވައި ހަރުކަށި ފިޔަވަޅުތައް އެޅި ނިއުޒީލެންޑްގެ އެހެން ސަރަހައްދުތަކުން ކޮވިޑް ނުފެންނާތީ މިހާރު އެ ތަންތަނުގައި އެޅި ފިޔަވަޅުތައް މިހާރު ވަނީ އުވާލައިފައެވެ.

ކޮރޯނާއާ ދެކޮޅަށް ނިއުޒީލެންޑްއިން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު މިދިޔަ ޖޫން މަހު އެގައުމުން ވަނީ ބަލި ނައްތާލައިފައެވެ.

ނަމަވެސް މިފަހުން އަނެއްކާވެސް ދެވަނަ ރާޅެއް އެރުމުން ބައެއް ހިސާބުތައް ފުރަބަންދުކުރިއެވެ. އެފަހަރު އޮކްލޭންޑުން ބަލިނުފެންނަތާ 100 ދުވަސްފަހުން މިދިޔަ އޮގަސްޓްމަހު ގުޅުމެއް ނެތް އެތަކެއް ކްލަސްޓާތަކެއް ފެނިގެން ދިޔައެވެ. ނަމަވެސ އަނެއްކާވެސް އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު އޮކްލޭންޑުން އާ ކްލަސްޓާތައް ނުފެންނަތާ މިހާރު ހަފްތާއެއް ވަނީ ވެފައެވެ.

ނިއުޒީލެންޑުން މިހާތަނަށް ކޮވިޑް ޖެހިފައިވާ 1468 މީހުން ފެނިފައިވާއިރު ބަލީގައި 25 މީހުން ވަނީ މަރުވެފައެވެ.-- ބީބީސީ--

comment ކޮމެންޓް