ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަ އިސްލާހުތަކާ ގުޅޭގޮތުން އެމްޑީޕީ މެމްބަރުންގެ ހިޔާލު ހޯދަނީ

ފެބްރުއަރީ 21، 2020: އެމްޑީޕީން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކެމްޕެއިން، "ރަށްވެހި ފަތިސް" އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިލެކްޝަންސް ކޮމިޝަނުން ގެނައުމަށް ހުށަހަޅާ އިސްލާހުތަކަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އެމްޑީޕީގެ މެމްބަރުނަށް ހުޅުވާލައިފިއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ހުށަހަޅުމަށް ޑްރާފްޓެއް އެކުލަވާލައި ބަންޑާރަނައިބު އޮފީހަށް ފޮނުއްވުމަށް މަސައްކަތް ކުރަމުން ދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

އެ ޑްރާފްޓްގައި ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެންނަން ވަނީ ހިމަނައިފައެވެ.

އެމްޑީޕީން މިއަދު ބުނީ އީސީން ހުށަހަޅާ އިސްލާހުތަކާ ގުޅޭގޮތުން އެމްޑީޕީގެ މެމްބަރުންނަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ސެޕްޓެމްބަރު 27 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

މެމްބަރުންގެ ހިޔޔާލުތައް ފޮނުވާނީ އެ ޕާޓީގެ އީމެއިލް އެޑްރެސްއަށެވެ.

ގާނޫނަށް ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި ޕާޓީތައް ސަސްޕެންޑު ކުރެވޭ ގޮތް ހެދުން ހިމެނެއެވެ. މިހާރު ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން ސިޔާސީ ޕާޓީތައް ސަސްޕެންޑް ނުކުރެވެ އެވެ. ގާނޫނަށް އަމަލު ނުކުރުމުން އެޅޭ ފިޔަވަޅެއްގެ ގޮތުގައި އޮންނަނީ، ޖޫރިމަނާ ކުރުމާއި ޕާޓީ އުވާލުމެވެ.

ހަމައެއާއެކު ސިޔާސީ ޕާޓީތަކުގެ ލީޑާޝިޕްގައި 33 ޕަސެންޓް އަންހެނުންނަށް ހާއްސަކުުރުމަށްވެސް ޑްރާފްޓްގައި ހިމަނާފައިވެއެވެ. އޭގެ އިތުރުން ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމުގައި ޕާޓީތަކަށް އިންތިހާބުތަކުގައި ލިބޭ ވޯޓުގެ އަދަދަށް ބަލައި، ޕާޓީތަކަށް ފައިސާ ދިނުމަށްވެސް ޑްރާފްޓްގައި ހިމަނާފައިވެއެވެ.

އޭގެ އިތުރުން ޕާޓީތަކުން އެ ފައިސާ ހަރަދުކުރާ ގޮތް ބެލުމުގެ ގާނޫނީ ބާރުވެރިކަން ދިނުމަށްވެސް ޑްރާފްޓްގައި ހިމަނާފައިވެއެވެ.

ގާނޫނަށް ގެންނަ 75 ޕަސަންޓް ބަދަލާއެކު މި މަހު އެ ޑްރާފް ބަންޑާރަނައިބު އޮފީހަށް ހުށަހަޅާނެ ކަމަށް އީސީން ވަނީ ބުނެފައެވެ.

ޑްރާފްޓް އެކުލަވާލުމުގެ މަސައްކަތް ފެށީވެސް ސިޔާސީ ޕާޓީތަކުގެ މަޝްވަރާއާއެކު ކަމަށާއި އެ ޑްރާފްޓް ފައިނަލްކޮށް ބަންޑާރަނައިބު އޮފީހަށް ހުށަހަޅާނީވެސް އެ ފަރާތްތަކާ މަޝްވަރާކުރުމަށްފަހު ކަމަށް އީސީން ބުންޏެވެ.

comment ކޮމެންޓް