ލާވަންގެ ކޮޓަރިތެރޭ ވަނީ ފަށުވި ބޯ ދޫލަތަކެވެ. ރަތް ދޫލައިގާ ރަންކުލައިގެ ފަށުވިން އަތްކަން އަޅާފައެވެ. ރަސްކަލުން ނިދާފަދަ އެނދުގައިވެސް އެކުލައިގެ ރަޖާތަކާއި އެތައް ބާލީހަކާއި ކަންނޭލެވެ. ބޯ ފަރުދާތަކާއި ޝާހީ ގޮނޑިތަކެވެ. އެނދުގެ ވަށައިގެންވާ ސަދުވާތައް ހުރީ ކަހާލާފައެވެ. ލޫސީ އެނދުގެ މަގަތުގައި ލާވަންގެ އަތުގައި ހިފަހައްޓާލައިގެން އިންއިރު ކަރުނަތައް ހުއްޓުމަކަށް ނައެވެ. އެކޮޓަރީގައި ތިބި އެހެން އެންމެންވެސް އެދެލޯބިވެރިން ވާހަކަދައްކާލަން ފުރުސަތު ދީފައި އެތަނުން ނުކުތެވެ.
"ލާވަންއަށް ކިހިނެއްވީ ތޯ؟ " ލޫސީ އެހިއެވެ.
"ހަލަބުން އައީއްސުރެ މި ބަލި ޖެހިއްޖެ....."
"އެއީ އަނެއްކާ ހަލަބުން ގެނައި ބައްޔެއްތޯ؟ "
"ލޫސީއާއި ވަކިވާން ޖެހުނުކަމުގެ ހިތާމައިގެ ސަބަބުން...."
"ތިފަަދަ އިލްޒާމެއް އަޅުގަނޑުގެ ބޮލުގައި ނާޅުއްވާ..." ލޫސީ ލަދުރަކި ގޮތަކަށް ހުނެވެ.
"ތިއީ އޭ ދެރަވާ ތަންކޮޅަކީ. ލޫސީއަކަށް އެކަމެއް ގަބޫލުނުކުރެވޭ. އަޅުގަނޑާއިމެދު ވެސް އިތުބާރެއް ނެތީތޯ؟ "
"އިތުބާރު ކުރެވޭނީ ސަމާސާނުކޮށް ދައްކަވާ ހަގީގީ ވާހަކަތައް."
"ރީތި ކުދިން މީހުން ދައްކާ ވާހަކަ ގަބޫލުކުރުވާނީ ކިހިނެއްބާ...." ލާވަން ކުޑަަކޮށް ހެމުން ބުނެލިއެވެ.
"އެފަދަ ރީތި އަންހެންކުއްޖެއްގެ ގާތުން އައްސަވަން ޖެހޭނީ......"
"ތިއީ އެންމެ ރީތި ކުއްޖާ...."
"އޯ.......އެކަމެއް އަޅުގަނޑު ނުދަންނަން................."
"ލޫސީ. ތިއީ ހުރިހާ ރީތިކަމަކާއި ފުރިހަމަ ކަމެއް ދެއްވާފައިވާ އެންމެ ރީތި އަންހެންކުއްޖާކަމަށް ހުވާކުރަން ވެސް ކެރިދާނެ............" ލާވަން ލޯބިން ފުރިގެންވާ ނަޒަރަކުން ބަލަން އޮތްއިރު އެސްފިޔަ ޖަހައިލަންވެސް ބޭނުމެއްނުވެއެވެ. އެ ރީތި ދެލޯ ލޫސީގެ މޫނުން ކައްސައެއްނުލައެވެ. މިހުރިހާ ދުވަަހަށް ވީ ވަރަށް ބަލަނީ ކަން ނޭގެއެވެ. އެތައް ގަރުނެއްފަހުން ލޯބިވެރިޔާއާއި ބައްދަލުވެވުނުފަދަ އިހުސާސެއް ކުރެވުނެވެ.
"ލާވަން. ތިކަހަލަ ތައުރީފުކުރާކަށް ނުވާނެ."
"އަހަރެން އެންމެ ފަހުން ހަދިޔާކުރި ލޯގަނޑުން ބަލައިލީމަ މިއީ ތެދެއްކަން އެނގޭނެ....." ލާވަންގެ ޖުމްލައިން ލޫސީގެ މޫނަށް ފިޔާތޮށިކުލަ ވެރިވެލައިފިއެވެ. ލާވަން ދީފައިވާ ޝާހީ ވައްތަރަށް ހަދާފައިވާ ލޯގަނޑު އަބަދުހެން އޭނައާއި ވަކިނުކޮށް ގެންގުޅެވެއެވެ. އެލޯގަނޑުގައި ފިރުމައިލެވުނު އަދަދެއްވެސް ނޭގެއެވެ.
"ހެހެ......."
"މިހާރު ލާވަންގެ ހާލު ކިހިނެއްތޯ؟ "
"ލޫސީ ފެނުނީމަ ބަލި ފަސޭހަވެއްޖެ...." ލާވަން ތެދުވެ އެނދުގެ ފަޑިއަށް ލެނގިލައިގެން އިށީނެވެ. އަދިވެސް ބޮލަށް އެނބުރުން އަރާގޮތްވެއެވެ. ކުރިން ހުރި ހަކަތަ ޖެހެން ދުވަސްކޮޅެއްނަގާނެއެވެ.
"މާތްﷲ އަށް ޝުކުރުހުރި....." ލޫސީއަށް ބުނެވުނެވެ.
"ހޫމް......."
"އަޅުގަނޑުގެ ބައްޕައާއި މެދު ދާރިޔަސް ކަންތައް ކުރެއްވިގޮތަށް އަދި ލާވަންއަށް އެނގިވަޑައިގަންނަވާނެ ހެން ހިޔެއްނުވޭ......"
"އަޅުގަނޑަށް އެނގެނީ އެކަމާ ބައްޕަ ވަރަށް ކޯފާވެފައި ހުންނެވިކަން. އަޅުގަނޑުގެ ލޯތްބަށް އެޅުނު ހުރަހަކީ އެއީ. އަޅުގަނޑު މަރުވިޔަސް ގޮތްދޫނުކުރާން ނިންމަވައިގެން ބައްޕަ ހުންނެވީ. އެހާވެސް ކޯފާ ވެފައި." ލާވަން ކޮންމެވެސް ވަރަކަށް ހަގީގަތް ހާމަކޮށްދިނެވެ.
"ބައްޕާފުޅު އިސްލާމްވެ ވަޑައިގެންނެވީ ކީއްވެގެންނޭ ލާވަންގެ ހިތްޕުޅަށް އަރާ ވަޑައިގަތީ؟ "
"އެއީ މުސްލިމުންގެ އަތްދަށަށް ކިއްލާ ދިޔައީމަ ވަގުތީގޮތުން އެޅުއްވި ފިޔަވަޅަކަށް ވާނީ...."
"ނޫން ލާވަން. އެހެނެއްވެގެނެއް ނޫން. ބައްޕާފުޅަށް އެދީނުގައި ހުރި މާތްކަމާއި މޮޅުކަން އެނގިވަޑައިގަތީ. ބޮޑުބޭބޭފުޅު އިސްލާމް ވަޑައިގެންނެވިކަމާއި އެކަމުގެ ހަގީގަތް ފަހުން ބައްޕަ އަޅުގަނޑުމެންނަށް ކިޔާދެއްވި. ބޮޑުބޭބޭފުޅު ޝަހީދުކޮށްލެއްވުމުން މަސްގަނޑު ގެންގޮސް ފަސްދާނު ލީ މުސްލިމުން. އަޅުގަނޑުމެންނަށް ބައްޕަ ހުންނެވީ އެހަގީގަތް ފޮރުވާފައި. އިސްލާމްވެޑައިގެންނެވި ފަހުން ކިޔާދެއްވީ. ބައްޕާފުޅު އެކަމާއި އަދިވެސް ވަރަށް ހިތާމަކުރައްވާ. ނަމަވެސް ގުރުއާން ކިޔެވުމުން ބައްޕާފުޅުގެ ހިތަށް ތަސައްލީއެއް ލިބިވަޑައިގަންނަވާ. ތައުބާވުމުން ހުރިހާ ފާފައެއް ފޮހެވޭނެކަން އަންގަވާފައިވޭ. އިރާދަކުރެއްވިއްޔާ ބައްޕާފުޅާއި ބޮޑުބޮޑުބޭބޭފުޅު ޖަންނަތުގައި ދިމާވެ އަބަދަށްޓަކާ އުފަލުގައި އުޅުއްވާނީ.." ލޫސީގެ ލޮލުގައި އަނެއްކާ ތާޒާ ކަރުނަތައް ގިނަވެގަތެވެ. ނަމަވެސް ރުމާލުން ފޮހެލުމަށްފަހު ހިނިތުންވެލިއެވެ. "އަދިވެސް ބޮޑުބޭބޭފުޅުގެ ހަދާންތައް ހިތް ރޮއްވާލާ....."
"އަޅުގަނޑުވެސް އަޖައިބުވަނީ ދީނަށް ހުރި ލޯބީގައި ކޮއްކޯފުޅު ޝަހީދުކޮށްލެއްވި އެހާ މުސްލިމުންނަށް ނަފްރަތުކުރާ ރަސްކަލަކު އިސްލާމްވެ ވަޑައިގެންނެވީމަ. އަޅުގަނޑު ހީކުރީ އޮޅުވާލުމެއްކަމަށް. ފަހުން އަޅުގަނޑުމެންނާއެކު ވާނެކަމަށް...."
"ނޫން ލޯބިވާ ލާވަން. އަޅުގަނޑުވެސް އިސްލާމް ދީނަށް ވަދެފިން......."
"އެކަން އެނގޭ....."
"އެއަށްވުރެ ރަގަޅު ދީނެއް ނެތް. އިންޖީލުގައިވެސް އެވާހަކަ އެބައިން.."
"އެކަމެއް ނުދެނެހުރިން.." ލާވަން އިތުރު އެއްޗެކޭ ބުނަން އުޅެނިކޮށް ލޫކާ މަލަކާ އަދި ލާވަންގެ އަންހެންކޮއްކޮމެންނާ އެކު ޑޮކްޓަރވެސް އެތަނަށް ވަންނަވައިފިއެވެ. ލޫސީ އެންމެނަށް އިހުތިރާމްކުރަން ވަގުތުން ތެދުވެއްޖެއެވެ. ޑޮކްޓަރ ލާވަންގެ ގާތުގައި ހުއްޓިފައި ވިންދުވެސް ބަލާލައިފިއެވެ. އަދި ހިނިތުންވެލިއެވެ.
"މާތްރަސްކަލާނގެއަށް ޝުކުރުހުރި. މިހާރު ޝެހެޒާދާގެ ހާލުކޮޅު މުޅިން ރަގަޅު. އެއްވެސް ބައްޔެއްނެތް. އާލާސްކަންފުޅުގެ ފަރުވާ ގުދުރަތުން ދެއްވައިފި....." ޑޮކްޓަރުގެ ވާހަކައިން މަލަކާއާއި އެހެން ކުދިންނަށްވެސް އުފާވެރިކަން އިހުސާސްކުރެވުނެވެ.
ލާވަންގެ ނަޒަރު ހުއްޓުނީ ލޫސީގެ މޫނަށެވެ. "މި ބަލީގެ ސަބަބުން ބައެއް ކުދިން އަދިވެސް ގަބޫލެއް ނުކުރޭ...."
"ބަލީގެ ސަބަބު އަޅުގަނޑު ދަންނަވަންތޯ؟ "ޑޮކްޓަރ ފުޅާ ހިނިތުންވުމެއްގައި ހުރެފައި ކަރުކެހިލިއެވެ.
"ލާވަން މިހާރު އެންމެންގެ ގާތުގައި ހާމަކުރެއްވީތޯ؟ ހީވާގޮތުން ޝެހެޒާދާގެ އާލާސްކަންފުޅުގެ ސަބަބަކަށް ޑޮކްޓަރުވެސް ދައްކަން އުޅެނީ އަޅުގަނޑު......"ލޫސީ ލަދުގަތަސް ހިނިތުންވެލަމުން ބުނެލިއެވެ.
"ތިޔަ ވިދާޅުވީ މުޅިން ތެދުފުޅެއް....." ޑޮކްޓަރު ކިޔާލައިފިއެވެ.
"ޑޮކްޓަރު ހުންނަވާނީ ޝެހެޒާދާއާއި އެއްކޮޅަށްކަން އަޅުގަނޑަށް އެނގޭ......"ލޫސީ ބުނެލިއެވެ.
"މިހާރު ޑޮކްޓަރަށްވެސް އިތުބާރު ކަނޑައިލީތޯ؟ "
"އަޅުގަނޑު މި ދެންނެވީ ދޮގެއްތޯ ޝެހެޒާދާ ލޫކާ...." ލޫސީ ލޫކާއާއި ދިމާލަށް ނަޒަރު ހުއްޓައިލިއެވެ.
"އަޅުގަނޑުވެސް ލޫސީއަށް ޝުކުރުވެރިވަން. ލޫސީ ވަޑައިގެންނެވުމުން ލާވަން މަރުން ސަލާމަތްވީ. ކޮއްކޮ އަލުން ލޯ ހުޅުވަފާނެކަމަކަށް އަޅުގަނޑު ހިޔެއްނުކުރަން......"
"މަނިކުފާނުވެސް އަޅުގަނޑުގެ ބޮލުގައި އިލްޒާމް ތިއެޅުއްވީ........"
"ލޫސީ. ދެންވެސް ގަބޫލު ކުރައްވާ....." ލާވަން ހެމުން ބުނެލިއެވެ.
"ދެންޖެހޭނީ ގަބޫލުކުރަންތާ....."
ޑޮކްޓަރުވެސް އިރުކޮޅެއްފަހުން ދަބަސް ހިފައިގެން ހިނގައިގަތީ މަލަކާގެ ފަރާތްޕުޅުން ލިބުނު ހަދިޔާތައްވެސް ހިފައިގެންނެވެ. ލާވަންގެ ކޮޓަރި ހުޅުދާން ކޮށްލާފައިވަނީ ތެޔޮއެޅި ބައްތިތަކުންނެވެ. އެހިތްގައިމު އަލިކަމުގެ ތެރޭ ޚާދިމާއިން ތައްޔާރުކުރި ފަރިއްކޮޅު މޭޒުމަތީ އަތުރާލާފައި ހުއްޓެވެ. މަލަކާއާއި ޒައިތޫން މަރިޔަމް ލޫކާ ލޫސީ އަދި ލާވަންއާއި ކޮއްކޮމެން ފަރިއްކޮޅަށް އިންސާފު ކުރަން ތިބީ ނިކަން އުފާވެރި މާހައުލެއްގައެވެ. ޔޫގަންނާއާއި ދާނިޔަލް ވަޑައިގެން ނެތަސް ހުރިހާކަމެއް ރަގަޅުވާނެކަމުގެ އުއްމީދު ފަހަރެއްގައިވެސް ކަނޑާނުލަނީއެވެ.
ކުއްލިއަކަށް އެންމެންގެ ހުނުން ހުއްޓުނީ ޖެހުނީ ދާރިޔަސް ވެދެވަޑައިގެންނެވިތަން ފެނިފައެވެ. އެންމެންވެސް އަދަބުވެރިކަމާއެކު ބަލަން ތިބީ އޭނަގެ އަމުރަކާއިމެދު ކަންބޮޑުވެފައެވެ. އޭނަގެ މޫނުން ފެންނަނީ އިންތިހާ ދަރަޖައިގެ ކޯފާގެ ކުލަވަރެވެ. އޭނަގެ ކޯފާގެ ނަޒަރު ހުއްޓުނީ ލޫކާގެ މޫނަށެވެ.
"ލޫކާ. ކަލޭ އަހަރެން ބުނި ބަހަށް ނުކިޔަމަންތެރިވީ."
"ލައްބަ އަޅުގަނޑަށް މަނިކުފާނުގެ އެންގެވުމާއި ޚިލާފުވެވިއްޖެ. އަޅުގަނޑަށް މާފުކުރައްވާ.." ލޫކާ ބިރުން ރޫރޫ އަޅާގޮތްވިއެވެ. މަލަކާވެސް ހުންނެވީ އިސްޖައްސަވާލައިގެންނެވެ. ލޫސީއަށް ދާރިޔަސްގެ ކޯފާގެ ސަބަބަކީ އޭނަ މި ކޮޓަރިއަށް ގެނައުންކަން އެނގުނެވެ. ހާސްކަމާއި ނުތަނަވަސްކަން ހަތަރުފަރާތުން ވަށާލައިފިއެވެ.
"ތީ ވާނެކަމެއްނޫން. ކަލޭގެ ނިކިޔަމަންތެރިކަމުގެ ސަޒާ ކަލެއަށް ލިބޭނެ. އަހަންނާއެކު އާދޭ....." ދާރިޔަސްގެ އަމުރާއެކު ލޫކާ ކެއުން ހުއްޓާލައިފިއެވެ. އެއާއެކު ކޮޓަރިން ނުކުމެގެން އޭނަގެ ބައްޕައާއެކު ހިނގައިގެންފިއެވެ. ލޫކާގެ ކޮއްކޮމެންނަށް ރޮވުނެވެ.
***
މަގުމަތިން ދިޔައިރު ދުރުން ސިފައިންގެ ކޭމްޕްތަކުގެ ފަނޑު އަލި ފެންނާން ހުރިކަމުގައިވިޔަސް އަނިދިރިކަން ގަދަ ރެއެކެވެ. ދާރިޔަސްގެ ފަހަތުންގޮސް ކިއްލާގެ އުތުރުގައިވާ ހަރުފަތްތަކުން މައްޗަށް ލޫކާވެސް އަރަންފެށިއެވެ. އޭނަގެ މޫނުމަތިން ފެންނަނީ މޮޅިވެރިކަމުގެ ކުލަވަރެވެ. އެތަނުގައި ގިނަ ސިފައިންތަކެއް ފޯރިމަރަން ތިބެފައި ސެލިއުޓްކުރަން ފެށިއެވެ. ދާރިޔަސް އެތަނުގައިވާ ކޮޓަރިއަކަށް ވެދެވަޑައިގެންނެވިއެވެ. އެއީ ތަނަވަސް ތަނެކެވެ. އަގުބޮޑު މޮޅު ދޫލަތައް އަޅާ ފާރުތަކުގައި ކުރެހުން އަޅާ ރޫމީ ރަސްކަލުންގެ ފޮޓޯފުޅުތައް ފްރޭމްކޮށް ލާފައި ހުރިތަން ފެނެއެވެ. ބައްތިތަކުގެ ގަދަ އަލިން މުޅި ކޮޓަރި ހުޅުދާންކޮށްލާފައިވާ ފަދައެވެ. ކޮޓަރީގެ މެދުގައި މޭޒަކާއެކު ގޮނޑިތަކެއްވެއެވެ. އެމޭޒާ ދިމާލަށްވާ ގޮތަށް ޔޫގަންނާއާއި ދާނިޔަލް ހަތަރެސްފައިގާ ހިލިހިލާ ޖަހާ ހައްޔަރުކޮށްފައިވާއިރު އެ ހިލިހިލާތަކުގައި ހިފަހައްޓާލައިގެން ސިފައިން ތިއްބެވެ.
ދާރިޔަސް ވެދެވަޑައިގަތުމުން އެންމެން އޭނައަށް އިހުތިރާމްކޮށް ސަލާމް ކުރިއިރު ޔޫގަންނާ ހުންނެވީ އިސްޖައްސަވާލައިގެންނެވެ. ދާރިޔަސް ގޮނޑިއެއްގައި އިށީދެފައި ލޫކާއަށްވެސް އިށީންނަން އިޝާރާތްކުރެއްވިއެވެ.
"ޔޫގަންނާ. ކަލެއަކީ ކެހިވެރިއެއް. މަކަރުވެރިއެއް. ހީކުރީ އަހަންނަށް އޮޅުވާލެވޭނެކަމަށްތަ؟"
ޔޫގަންނާ ހިމޭންކަން ޚިޔާރުކުރެއްވިއެވެ.
"ކަލޭ އަހަރެމެންގެ މި މާތް ދީންދޫކޮށް އަރަބިންގެ ދީނަށް ވަނީމަ އަދިވެސް މަށަށް ލިބުނު ހައިރާންކަމުން އަރައި ނުގަނެވޭ......." ދާރިޔަސްގެ ޖުމްލައިން ޔޫގަންނާ އިސްއުފުލާ ބައްލަވާލެއްވިއެވެ.
"ދާރިޔަސް. ސަލާމަތްކަން ބޭނުމިއްޔާ ނަރަކައިން މުއްތިވާން ބޭނުމިއްޔާ އަޅުގަނޑު މިހިރަ މާތް ދީން ޚިޔާރުކުރޭ. މިދީނަކީ އެއްކައުވަންތަކަމަށް ހެހިވާ ދީނެއް. އެދީންގައި ވާގޮތުން ހެއްދެވިފަރާތަށް ދަރިކަލަކު ނުވޭ. އެކަމަކު އީސާއީން މަސީހުއަކީ މާތް ރަސްކަލާނގެ ދަރިކަލެއްކަމަށް ކިޔާ ޝަރީކު އެބަކުރޭ. އީސާގެ ފާނަކީ އާދަމުގެ ފާނު ފަދައިން ބަފާކަލަކާއި ނުލާ ދުނިޔެއަށް ވަޑައިގެންނެވި ބޭފުޅެއް. ބުއްދިން ވިސްނާލިޔަސް އެކަންތައް ޔަގީންވާނެ. މިއަށްވުރެ ރަގަޅު ދީނެއް ނުފެންނާތީ އެކަން ހިތުގެ އަޑިން ގަބޫލުކޮށް މި ދީނަށް ވަދެމިހިރީ. އެއީ އަދި އަޖައިބުވާން ވީ ވަރުކަމެއްނޫން...." ޔޫގަންނާ ވިދާޅުވިއެވެ.
"އަހަރެން މިއައީ ކލޭގެ ދީނީ ދަރުސް އަޑުއަހާކަށް ނޫނޭ...." ދާރިޔަސް ގަދަ އަޑުފުޅުން ވާހަކަފުޅު ދެއްކެވިއެވެ.
"މަނިކުފާނަށްވެސް އަޅުގަނޑު ދީނަށް ހުރި ލޯތްބެއްގެ ބޮޑުކަމުން އަމިއްލަ ކޮއްކޮ ޝަހީދުކޮށްލިކަން އެނގިވަޑައިގަންވާނެ...."
"އާއެކޭ ތިއީ އޭ އެންމެ ހައިރާންވިކަމަކީ. އެފަދަ ބުއްދިވެރި މީހަކު މަގުއޮޅުނީ ކިހިނެއްބާވައޭ ކީއްވެހެއްޔޭ ހިތަށް އަރަނީ. އަދިވެސް ސިކުނޑީގައި ބައިވަރު ސުވާލުތައް އެބަހުރި" ދާރިޔަސް ވިދާޅުވިއެވެ.
"ބުއްދިވެރިންނަކީ ރަގަޅަށް ލޯ ހުޅުވާ ހަގީގަތް ހޯދާ ކުރިއަށް ދާ މީހުން. ރަގަޅު ތެދުވެރި ދީން ފެނުނީމަ ގަބޫލުނުކުރާނީ މޮޔައިން....." ޔޫގަންނާ ޖަވާބު ދެއްވިއެވެ.
"އަހަރެން ކޮންމެހެން ތިޔަ ދީނީ ވާހަކަ އަހާކަށް ބޭނުމެއްނޫން. މަށަކަށް މުހިއްމުކަމެއްވެސް ނޫން. އަހަރެންގެ ސުވާލަކީ ކަލޭ އަހަންނަށް އޮޅުވާލަން އުޅުނީ ކީއްވެހެއްޔޭ؟ "
"އިސްލާމްދީނަށް ވަނުމަށްފަހު ދީނަށްޓަކާ ޖިހާދުކުރުމަކީ ފަރުޟަކަށްވީތީ އެކަން މިކުރަނީ....." ޔޫގަންނާ ވިދާޅުވިއެވެ.
"އަނެއްކާވެސް ދީނީ ވާހަކަ ފެށީތަ؟ އަހަރެން މިއަހަނީ އަހަރެންގެ ކިއްލާއަށް ހަމަލާދޭން އުޅުނީ ކީއްވެހެއްޔޭ؟ " ދާރިޔަސް ކޯފާގެ ރާގަކަށް ވިދާޅުވިއެވެ.
ޔޫގަންނާ އިތުރު އެއްޗެކޭ ވިދާޅުނުވެ ބައްލަވަން ހުންނެވީއެވެ. ދާރިޔަސްގެ ގޮތްދޫނުކުރުމާއި ހަރުކަށި މިޒާޖުގެ ސަބަބުން އޭނައަށް ވިސްނައިދިނުމަކީ ފަސޭހަކަމެއް ނޫނެވެ.
"ޔޫގަންނާ. ކަލެއަކީ އަހަންނާއި އެއް ފެންވަރުގެ ރަސްކަލެއްނޫން. އަދި ކިއެއްތަ އަރަބީންގެ އަޅެއް. އަދި އަހަރެންގެ ގައިދީއެއް............"
"އެންމެ ރަގަޅު. އަޅުގަނޑަކީ މުސްލިމުންގެ އަޅެއް. އެކަމަކު އަޅުގަނޑުގެ ވެރިކަމާއި އެ އިއްޒަތްތެރިކަން ފޭރިއެއް ނުގަނެވޭ. އަދި އަޅުގަނޑުގެ ގަދަރާއި އިހުތިރާމް މިހާރު ކުރިއަށްވުރެ މަތިވެއްޖެ. އިހަށް އަޅުގަނޑުގެ ނަން ދަންނަނީ ޝާމުގެ މީހުން. މިހާރު އަރަބިންގެ ތެރޭވެސް އަޅުގަނޑު ނުދަންނަ މީހެއް މަދުވާނެ. ރޫމީން ކުރިއަށްވުރެ އަޅުގަނޑުދެކެ ޖެހިލުންވެ ބިރުގަނޭ......." ޔޫގަންނާ ގެ މޫނުފުޅުން ފެނުނީ ހިތްވަރާ ސާބިތުކަމެވެ.
"ކަލޭގެ މަޝްހޫރުކަން ވެއްޔާ މޮޑެވިއްޖެ. ކަލެއަކީ މިހާރު އެއްވެސް އާރެއް ބާރެއްނެތް ނިކަމެތި ގައިދީއެއް. އަތެއް ފަޔެއްވެސް ގުޑުވައިނުލެވޭ. ކަލެއަށް އެހީތެިރިވާނެ މަދަދުގާރެއް ނެތް......" ދާރިޔަސް މަލާމާތުގެ ނަޒަރަކުން ބައްލަވަން އިންނެވިއެވެ.
"ތިހެން ވިދާޅުވިޔަސް އަޅުގަނޑު ތިވާހަކަ ގަބޫލެއްނުކުރަން. މުސްލިމަކަށް ވީތީ މާތްﷲއަށް ޝުކުރުވެރިވަން. އަޅުގަނޑުގެ އެހީތެރިންނަކީ މުސްލިމުން. އަދި މާތްﷲ މަަދަދު ވެރިވެ ވޮޑިގަންނަވާނެ......"ޔޫގަންނާ ވިދާޅުވިއެވެ.
"ކަލޭ ހީކުރީ އެހެން ކަމަށްތަ؟ ބަލަ މާތްރަސްކަލާނގެއަށް މަގުފުރެދިފައިވާ އަޅުންނަށް އެފަރާތުން މަދަދުވެރި ވެ ވޮޑިނުގަންނަވާނެކަން ކަލެއަށް ނޭގުނެއްނު."
"ކުރިން ހުރީ މަގުފުރެދިފައި އެކަމަކު މާތްﷲ ރަހުމަތުގެ ބެއްލެވުމަކުން ބައްލަވާ ވޮޑިގެން ހިދާޔަތް ދެއްވައިފި. ތައުބާވެ މާތްﷲއާއި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމްއަށްޓަކާ ފުރާނަވެސް ގުރުބާން ކުރަން މިހިރީ....."
"ކަލޭގެ ވެރިކަމާއި ކިއްލާ ފޭރިގަނެވެ ވަންނާނެ ހިޔާވައްސެއް ނެތިފައި ތިހިރީ އެހެންވެތަ؟ "
"އެތައް އަހަރުތަކެއްވާންދެން ހެއްދެވިި ފަރާތަށް އުރެދި ނަހީކުރެއްވިހާ ފާފަތަކަށް އަރައިގަނެ މަގުފުރެދިފައިވާ އަޅެއްގެ ގޮތުގައި ދެމިގެންވިން. މިއަދު މިލިބޭ ސަޒާއަކީ އެހެންވެކަމަށް ގަބޫލުކުރަނީ......"
"ކަލޭ ބޭނުންހާ ގޮތަކަށް ދުނިޔޭގެ ކަން ހިނގާނަމަ ކަލެއަށް އައުޒާޒު ކިއްލާ ފަތަހަވާނެ....."
"އަދި މާތްﷲ ގެ އިރާދައާއެކު މި ކިއްލާވެސް މުސްލިމުން ފަތަހަކޮށް މި ތަނުން ޝިކުރުގެ ވަސް ފޮހެލާނެ" ޔޫގަންނާގެ އަޑުގައި ޔަގީންކަމެއްވިއެވެ. ދާރިޔަސް ކޯފާގެ ސަބަބުން ލޯ ރަތްކޮށްލައްވައިފިއެވެ.
"ކަލޭ ހީކުރާހާ ފަސޭހަކަމެއްނޫން. ކަލޭ މުސްލިމުންނާއި ބައިވެގެން މިތަނަށް ވެރިވެގަންނަން ރޭވުންތައް ރޭވިއިރު އެކަން ބޭޒާރުވެދާނެކަމަށް ހިޔެއް ނުކުރޭ. ކަލޭ ހިތުން އެކަން ކުރީ ވަރަށް ސިއްރުންދޯ...."
"މުސްލިމުންނަކީ ހިތްވަރުގަދަ ޖެހިލުންކުޑަ ބަޔެއް. އެމީހުން ފިލާތިބެގެނެއް ނޫން ކަންތައްކުރާނީ. އެމީހުން އެކަންތައް ސިއްރުކުރަން ބޭނުންވިނަމަ އެނގޭނެ އިންސާނަކު ނުވާނެކަން ޔަގީން....."
"ނޫން ކަލޭމެން ވަރަށް ވަގަށް ކުރިކަމެއް ފަޅާއެރީ. އަހަރެންގެ ޖާސޫސަކު އެތާ ހުރެފައި ހުރިހާކަމެއް ލިޔެފައި ކޮތަރުގެ ޒަރީއާއިން މަށަށް ފޮނުވީ......" ދާރިޔަސް ކަންތައް ހިނގިގޮތް ކިޔާދެއްވުމުން ޔޫގަންނާއަށް އޮޅުން ފިލިއެވެ. އެ ކޮތަރު އަތުލައިގަންނަން ބާޒު ފޮނުވުމުން ނާކާމިޔާބުވީއެވެ. ދެރައެވެ. އެދުވަހަކު ކޮތަރު އަތުލައިގަނެވުނުނަމަ މި ފަދަ ލަނޑެއް ނުލިބުނީހެވެ. ނަމަވެސް ކޮންމެ ކަމަކަށްވެސް ހިކުމަތެއްވާނެއެވެ. އަދި އައުޒާޒު ކިއްލާ ފަތަހަވުމުގެ ވަގުތު ނުޖެހެނީއެވެ.
"އެނގޭތަ؟ އަހަރެން ކަލޭ ގަތުލުނުކޮށް ބަހައްޓާފައި ތިހިރީ ކަލެާއި ބައްދަލުކޮށް މަޖުބޫރުކަމެއް ކުރިމަތިވެފައިވޭތޯ ބަލާ އެކަހަލަ ކަމެއްނަމަ ތައުބާވެ އަލުން އީސާއީއަކަށްވެ އަހަރެންގެ އަޚަކަށް ވާތޯ ބަލަން. އޭރުން ކަލޭ މިނިވަންކޮށްދޭނަން. އަދި ހަލަބުގެ ކިއްލާއަށް އަހަރެންގެ ސިފައިން ފޮނުވާ އެތަން އަނބުރާ ހޯދަދޭން އަހަރެން ވައުދުވަން..." ދާރިޔަސްގެ އަޑަށް މަޑުމައިތިރިކަމެއް ވެރިވިއެވެ.
"މަނިކުފާނުގެ ހެޔޮފުޅުކަމަށް ޝުކުރުވެރިވަން. އެކަމަކު ތިގޮތެއް ބޭނުމެއްނޫން....."
"ކަލޭ އަލުން އީސާއީއަކަށް ވާން ބޭނުން ނުވަނީތަ؟ " ދާރިޔަސް ހައިރާންފުޅުވެ ދެބުމަ ކައިރިކޮށްލައްވައިފިއެވެ.
"އިސްލާމްދީނުގެ މަތިވެރިކަން އެނިގެން އެދީނަށް ވަން މީހަކު އަލުން އެހެން ދީނެއް ގަބޫލު ކުރާނެ ގޮތަކީ ނެތްގޮތެއް. ހިތުގެ އަޑިން މިހިރީ މި ދީން ގަބޫލުކޮށްގެން." ޔޫގަންނާ ވިދާޅުވިއެވެ.
"ކަލޭގެ ފުރާނައަށްވުރެ ދީން މުހިއްމީތަ؟"
"އާނ. ކޮންމެ ދިރޭ އެއްޗެއްގެ ފުރާނަ ގެންދަވާނެ. އެއްވެސް މީހަކު އަބަދަށްޓަކާ މި ދުނިޔެއަކު ނުހުންނާނެ. ވީއިރު ހެެއްދެވި ފަރާތަށްޓަކާ ގުުރުބާންވާން ތައްޔާރަށް މިހިރީ. އެންމެ ފަހު ނޭވައާއި ޖެހެންދެން ދީނަށް ޚިދުމަތް ކުރުމުގައި ދެމިހުންނާނަން. މަނިކުފާނަށް އާޚިރަތުގެ ނަސީބު ލިބޭނީ މި ދީނަށް ވަދެގެން. ނޫނީ ޖަހަންނަމައިގެ ދަރުގަނޑަކަށް ވާނީ. މަނިކުފާނަށް ދައުވަތު ދެން. އިސްލާމްވެ ވަޑައިގެން ދެދުނިޔޭގެ ބާއްޖަވެރިކަން ހޯއްދަވާ...."
"ބޭކާރު ވާހަކަ ނުދައްކާ. ކަލެއަށް އަހަރެން ތައްޔާރުކޮށްފައިވަނީ ކޮން އަދަބެއްކަން އެނގޭތަ؟ "
"ޣައިބުގައިވާ ކަންތައް މާތްﷲ ފިޔަވާ އެހެން ފަރާތަކަށް އެނގުމެއްނުވޭ........"
"އަހަރެން މި ބުނަނީނު. ހަވީރުއްސުރެން ބޮޑު ޖަހަލާއަށް ތެޔޮއަޅާ ތައްޔާރުކޮށްފައި ހުންނާނެ. ކަލެއާއި ދާނިޔަލް އޭގެ ތެރެއަށް ލާފައި ދަށުގައި އަލިފާން ރޯކޮށް ފިހެފައި އޭގެ ތެޔޮ ކަލޭގެ އަންހެނުންނާއި ދަރިންނަށް ބޯން ދޭނީ......." ދާރިޔަސް ގެ ހުކުމުން ޔޫގަންނާގެ އަޒުމަކަށް ބަދަލެއް ނައެވެ.
"ތިހެން ހިތަށް އަރާހާ ކަންތައް ނުކުރެވި ހިގައިދާނެ....."
"އާން ކަލޭ ފަަދަ މީހުންނަށް އެކަންތައްތަ އުދަގޫވެދާނެ. އެއީ ކަލޭ ޚިޔާލީ ފޮލާ ކައްކައިގެން އައުޒާޒު ކިއްލާ ފަތަހަކުރުންފަދަ ކަންތައް. އެކަމަކު މިކަން ހުއްޓުވޭނެ އެއްވެސް ބާރެއްނެތް. ކަލޭ ތިހިރީ އަހަރެންގެ ގާތުގައި ގައިދީއެއްހެން އަދި ހެޔޮ ޖަހަލާ އެހެރީ ތައްޔާރުކޮށްފައި އެހެންވީމަ މި ހުކުމް ލަހެއްފަހެއް ނުވެ ކަލޭގެ މައްޗަށް ހިންގޭނެ. މި ސަޒާވެސް ކަލޭގެ ކެހިވެރިކަމާއި ބަލާއިރު މަށަށް އާދައިގެ ހުކުމަކަށްވަނީ. އެކަމަކު ދިރިއޮތްވާ ތެޔޮ އެއްޗެއްގައި ތެލުލެވުމަކީވެސް އާދައިގެ އުގޫބާތެއް ނޫން .މި ހުކުމާއިމެދު ކީކޭ ބުނަނީ........."
"އަދި މާތްﷲގެ ހުކުމްފުޅު އޮތީ......"
"މޮޔަވާހަކަ ނުދައްކާ. ހުކުމް ކުރައްވަނީ މާތް ރަސްކަލާނގެއެއްނޫން. އަހަރެން. ކަލެއަށް ދާދިއަވަހަށް އެކަން އެނގިގެން ހިނގައިދާނެ.............." ދާރިޔަސް ދެން ވާހަކަދެއްކެވީ ދާނިޔަލްއާއެވެ. ދާނިޔަލް ހުރިކަމަށްވަނީ އޭނަގެ ބައްޕާފުޅަށްވެސް ކުރީގައެވެ. އެތައް ދަލީލުތައް ދައްކާ ޚާލިދު ޟިރާރު އަދި މުއާޒް ބިން ޖަބަލްމެންފަދަ ވަރުގަދަ ޒުވާން ފަހުލަވާނުންގެ ވާހަކަތައްވެސް ދެއްކިއެވެ. އޭނަގެ ބަތަލުންނަކީ މުސްލިމުންކަމުގައި ބުނެލުމުން ދާރިޔަސް ކޯފާވެގެން ދާނިޔަލްގެ މޫނުމައްޗަށް ބާރު އެތިފަހަރެއް ވީއްލައިލިއެވެ.
"މިހާރު ކަލޭމެންގެ ޖައްލާދު އަންނާނެ...."
އިރުކޮޅެއްނުވެ ރޫމީ ސިފައިންގެ މީހާއާއެކު އައިސްފަ ހުރި މީހާ ފެނި ޔޫގަންނާގެ މޫނުފުޅުމަތިން ކޯފާގެ އަސަރު ވަރަށް ބޮޑަށް ފެނުނެވެ.
ނުނިމޭ