32 ދުވަހުގެ ފަރުވާއަށް ފަހު ނަވަލްނީ ހޮސްޕިޓަލުން ދޫކޮށްލައިފި

ޖަރުމަނުގައި ނަވަލްނީއަށް ފަރުވާދޭތާ 32 ދުވަސް ފަހުން އޭނާ ވަނީ ހޮސްޕިޓަލުން ދޫކޮށްލާފަ -- ފޮޓޯ: އިންސްޓަގްރާމް

ބާލިން (ސެޕްޓެމްބަރު 23): ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީގެ ހާލު މިހާރު ރަނގަޅުވެފައިވާތީ އޭނާއަށް ފަރުވާ ދެމުން ދިޔަ ޖަރުމަނުގެ ހޮސްޕިޓަލުން އޭނާ ދޫކޮށްލާފައިވާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

ޖަރުމަނުގެ ބާލިންގައި ހުންނަ ޝެރިޓޭ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައިވާ ގޮތުން ނަވަލްނީގެ ޑޮކްޓަރުން ލަފާ ކުރާ ގޮތުގައި އޭނާގެ ހާލު މުޅިން ރަނގަޅުވާނެ އެވެ. ނަމަވެސް އޭނާއަށް ދީފައިވާ ވިހައިގެ ސަބަބުން ދިގު މުއްދަތަކަށް ލިބިފައި ހުރެދާނެ ގެއްލުންތައް ދެެނެގަންނަން އަދި މާ އަވަސް ކަމަށް ބަޔާނުގައިވެ އެވެ.

"ނަވަލްނީގެ ހާލު ރަނގަޅުވަމުންދާ ގޮތާއި މިހާރުގެ ހާލަތަށް ބަލައި އޭނާއަށް ފަރުވާ ދޭ ޑޮކްޓަރުން ދެކޭ ގޮތުގައި އޭނާގެ ހާލު މުޅިން ރަނގަޅުވާނެ. ނަމަވެސް، ވިހައިގެ ސަބަބުން ލިބިފައި ހުރެދާނެ، ދިގު މުއްދަތަކަށް ހުންނަ ފަދަ ގެއްލުންތައް ދެނެގަންނަން އަދި މާ އަވަސް،" ހޮސްޕިޓަލުން ބުންޏެވެ.

ޖަރުމަނުގައި ނަވަލްނީއަށް ފަރުވާ ދޭން ފެށީ މީގެ 32 ދުވަސް ކުރިންނެވެ. އޭގެ ތެރެއިން 24 ދުވަސް ވަންދެން އޭނާ އޮތީ އައިސީޔޫގަ އެވެ.

ރަޝިއާގެ ސަރުކާރަށް ފާޑު ކިޔުންތައް އަމާޒުކޮށް، އެގައުމުގެ އިސް އޮފިޝަލުންގެ ކޮރަޕްޝަނުގެ މައްސަލަތައް ފަޅާ އެރުވުމަށް މަސައްކަތްތައް ކޮށްފައިވާ ނަވަލްނީގެ ހާލު ކުއްލިއަކަށް ގޯސްވެ، ކޯމާއަކަށް ދިޔައީ މިދިޔަ މަހުގެ 20ގަ އެވެ. އެއީ އެގައުމުގެ ސައިބީރިއާއިން މޮސްކޯއަށް ދިޔަ ފްލައިޓެއްގައި އޭނާ އިންނަވަނިކޮށް ހޭނެތުނު ފަހުންނެވެ. އަދި އޭނާ ޖަރުމަނަށް ގެންދިޔައީ ދެ ދުވަސް ވަންދެން ރަޝިއާގައި ފަރުވާ ދިނުމަށް ފަހުގަ އެވެ.

ބާލިންގެ ހޮސްޕިޓަލުން ބުނި ގޮތުގައި ނަވަލްނީ ކޯމާއިން ހޭ އެރީ މި މަހުގެ ހަތެއްގަ އެވެ. އަދި އޭގެ ފަހުން އޭނާއަށް ހެލިފެލިވެ އުޅެވޭ ކަމަށާއި ހާލު ރަނގަޅުވަމުންދާ ކަމަށް ނަވަލްނީ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ބުނެފަ އެވެ.

ޝެރިޓޭ ހޮސްޕިޓަލުގެ ޑޮކްޓަރުން ބުނި ގޮތުގައި ނަވަލްނީއަށް ވިހަ ދީފައިވާކަން އޭނާގެ ޓެސްޓުތަކުން އެނގެ އެވެ. އަދި ޖަރުމަނުގެ ސަރުކާރުން ވަނީ އޭނާއަށް ދީފައި ވަނީ ސޯވިއެޓް ޔޫނިއަންއިން 1980ގެ އަހަރުތަކުގެ ތެރޭގައި އުފެއްދި ކެމިކަލް ހަތިޔާރެއް ކަމަށްވާ ނޮވިޗޮކް ގުރޫޕުގެ ވިހައެއް ކަމަށް ބުނެފަ އެވެ. އަދި ސުވިޑެން އާއި ފްރާންސުގައި ހެދި ޓެސްޓުތަކުން ވެސް އެކަން ހާމަވާ ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން ނަވަލްނީގެ ޓީމުން ބުނި ގޮތުގައި އޭނާ ސައިބީރިއާގެ ޓޮމްސްކްއިން ފުރާވަޑައިގަތުމުގެ ކުރިން ހުންނެވި ހޮޓެލުން ނެގި ފެންފުޅިއަކުން ނޮވިޗޮކް ވިހަ ވަނީ ފެނިފަ އެވެ. އެ ޓީމުން ބުނި ގޮތުގައި އެ ހޮޓަލުން ބައެއް ތަކެތި ނަގާ، ޓެސްޓުތައް ހަދަން ގައުމުން ބޭރަށް ފޮނުވީ ރަޝިއާ އިން މައްސަލަ ރަނގަޅަށް ތަހުގީގު ނުކުރާނެކަން އެނގޭތީ އެވެ.

ނަމަވެސް ރަޝިއާ އިން ވަނީ އެ ތުހުމަތުތައް ދޮގުކޮށް، އެގައުމުގައި ހެދި ނަވަލްނީގެ ލޭގެ ޓެސްޓުތަކުން ވިހައެއް ފެނިފައި ނުވާ ކަމަށް ބުނެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް