ޕާސްޕޯޓް މައްސަލާގައި ސުއަރޭޒް މަކަރު ހެދި ކަމުގެ ތުހުމަތުތަކެއް

ލުއިސް ސުއަރޭޒް ރެފްރީ އާއި ވާހަކަ ދައްކަނީ -- ފޮޓޯ / ޖޭމީ ސްމިތް

ރަށްވެހިކަން ހޯދުމަށް ނެގި ޓެސްޓުތަކަށް ގަސްތުގައި އޮޅުވާލި ކަމުގެ ތުހުމަތު ކުރެވޭތީ ބާސެލޯނާއަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް މައްސަލައެއް އިޓަލީގެ އިދާރާތަކުން ބަލަން ފަށައިފި އެވެ.

އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއަށް ބަދަލުވާން އުޅޭ ކަމުގެ ވާހަކަތަކެއް މީގެ ކުރިން ދެކެވުނު ސުއަރޭޒް ވަނީ ދާދި ފަހަކުން އެގައުމަށް ގޮސް ރަށްވެހިކަން ހޯދުމަށް ޓެސްޓްތަކެއް ހަދައިފަ އެވެ. ޔޫރޮޕިއަން ޔޫނިއަންގެ ގައުމަކަށް ނިސްބަތްނުވާ ކުޅުންތެރިންނަށް ޔުވެންޓަސްއިން ފުރުސަތު ނުދޭން ނިންމާފައިވާ އިރު، އެކުލަބަށް ބަދަލުވުމުގެ ކުރިން އިޓަލީގެ ޕާސްޕޯޓެއް ހެދުމަށް ސުއަރޭޒްއަށް ވަނީ އަންގައިފަ އެވެ. އެކަމަކު ރަށްވެހިކަމުގެ ޓެސްޓްތަކުން ސުއަރޭޒް ފާސްނުވުމުން އޭނާއަށް ޕާސްޕޯޓް ނުދޭން އިޓަލީގެ އިދާރާތަކުން ވަނީ ނިންމައިފަ އެވެ. ސުއަރޭޒްގެ ޕާސްޕޯޓް މައްސަލާގައި އޭނާ ޔުވެންޓަސްއަށް ބަދަލުވެވެން ނެތް ކަމަށް ނިންމާ އެކުލަބުން ވަނީ އިތުރު ފޯވާޑެއް ކުލަބަށް ހޯދައިފަ އެވެ. އެހެން ނަމަވެސް ޕާސްޕޯޓްގެ ޓެސްޓްތަކަށް ސުއަރޭޒް ގަސްތުގައި މަކަރު ހެދީކަމަށް ބުނެ އިޓަލީގެ ޕެރޫޖާގެ ޕްރޮސެކިއުޓަރުންނާއި ފުލުހުން އަންނަނީ މި މައްސަލަ ބަލަމުންނެވެ. ޕެރޫޖާގެ ޕްރޮސެކިއުޓަރުން ނެރުނު ބަޔާނެއްގައި ބުނީ ޓެސްޓު ހެދުމުގެ ކުރިން ސުއަރޭޒަށް ޓެސްޓުގެ ހުރިހާ ތަފުސީލެއް ލިބުނު ކަމަށާއި އަދި ޓެސްޓުގެ ނަތީޖާއާ މެދު ވެސް ކުރިޔާލާ އޮތީ ވަކި ގޮތެއް ނިންމާފައިވާ ކަމަށެވެ.

ސުއަރޭޒްއަށް މިކުރެވޭ ތުހުމަތުތަކާ އެކު، އޭނާއަށް އަދަބެއް ދިނުމާ މެދު އަދި ގޮތެއް ނުނިންމާ އިރު ރިޕޯޓްތައް ބުނާ ގޮތުން ސުއަރޭޒްއަށް ކުރެވުނު ސުވާލުތަކަށް އޭނާ ދީފައިވާ ޖަވާބުތަކަކީ، "ޕާސްޓާ"، "މޮޒަރެއްލާ" މި ބަސްތައް އެކަންޏެވެ.

އެއާއެކު އިޓަލީގެ އިދާރާތަކުން އަންގާރަ ދުވަހު ވަނީ ޔުނިވާސިޓީ އޮފް ޕެރޫޖާގެ ފަސް އޮފިޝަލެއްގެ އިތުރުން އެ ޔުނިވާސިޓީގެ ޑީންގެ ލިޔެކިޔުންތައް ހިފަހައްޓާފަ އެވެ. އެކަމަކު ޔުނިވާސިޓީ އޮފް ޕެރޫޖާ އިން ވަނީ މި ތުހުމަތުތައް ދޮގު ކޮށްފަ އެވެ.

ޕާސްޕޯޓްގެ މައްސަލަައިގައި ސުއަރޭޒްގެ ޔުވެންޓަސް ޑީލް ހުއްޓުމަކަށް އައިސްފައި އޮތް ނަމަވެސް ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑުން އަންނަނީ އޭނާގެ ސޮއި ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ސުއަރޭޒްއަށް ޖާގަ ހުސްކުރުމުގެ ގޮތުން އެ ޓީމުގެ ފޯވާޑް އަލްވާރޯ މޮރާޓާ މިހާރު ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން ޔުވެންޓަސްއަށް ދޫކޮށްފަ އެވެ.

comment ކޮމެންޓް