މޮރާޓާ އަނެއްކާ ވެސް ކުރީގެ ކުލަބު ޔުވެންޓަސްއަށް

މިލާން ކޮޅަށް ލަނޑުޖެހުމަށްފަހު، ޔުވެންޓަސްގެ މޮރާޓާ އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ

އެތުލެޓިކޯ މެޑްރިޑްގެ ފޯވާޑަކަށް ކުޅެމުން އަންނަ އަލްވާރޯ މޮރާޓާ އޭނާގެ ކުރީގެ ކުލަބު ޔުވެންޓަސްއަށް ބަދަލުވެއްޖެ އެވެ.

ކޮންމެ ފަހަރެއްގެ ޓްރާންސްފާ މާކެޓެއްގައި ވެސް ކުލަބު ބަދަލުކުރުމުގެ "ޔޯލަ" ވާހަކަތަކެއް ފެތުރޭ މޮރާޓާ އަކީ ވޭތުވެ ދިޔަ އަހަރުތަކުގައި ވެސް ގިނަ ކުލަބުތަކަކަށް ބަދަލުވެފައިވާ ކުޅުންތެރިއެކެވެ. އެގޮތުން އެތުލެޓިކޯ މެޑްރިޑްގެ އެކެޑެމީގައި ކުޅުމަށް ފަހު ރެއާލް މެޑްރިޑަށް ބަދަލުވެ އެކުލަބު ދޫކޮށް ޔުވެންޓަސްއަށް ދިޔައިރު، މޮރާޓާ ފުރަތަމަ ފަހަރަށް ވިދާލީ ޔުވެންޓަސްގައި އޭރު ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލަށް ޔުވެންޓަސް ގެންގޮސްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި މޮރާޓާ އެއަށް ފަހު އަނެއްކާ ވެސް ރެއާލް މެޑްރިޑަށް ބަދަލުވި އިރު ސީޒަނަކަށް ފަހު ދެން އޭނާ ބަދަލުވީ އިނގިރޭސި ވިލާތުގެ ޗެލްސީއަށެވެ. އެކުލަބުގައި ވެސް ކުރު މުއްދަތަކަށް ކުޅުމަށްފަހު އެންމެ ފަހުން ސީޒަނުގައި އެތުލެޓިކޯ މެޑްރިޑަށް މޮރާޓާ ބަދަލުވީ އެވެ. އެކަމަކު މިހާރު އޭނާ ވަނީ އަނެއްކާވެސް އެއް އަހަރު ދުވަހުގެ ލޯން އެއްބަަސްވުމަކަށް ޔުވެންޓަސްއަށް ބަދަލުވެފަ އެވެ.

ކުރީގެ ޓީމް މޭޓް އަންދްރޭ ޕިރްލޯގެ ކޯޗުކަމުގައި ޔުވެންޓަސްއިން 2020-2021 ވަނަ ސީޒަން ފަށާފައިވާ އިރު، ޔުވެންޓަސް އިން ބޭނުން ނަމަ މޮރާޓާގެ އެއްބަސްވުން ދާއިމީ ކުރުމުގެ ފުރުސަތު ވެސް އެބައޮތެވެ. އެއީ ލޯން އެއްބަސްވުން ހަމަވުމުން 35 މިލިއަން ޔޫރޯ ދައްކައިގެންނެވެ. އެއްބަސްވުން ދާއިމީ ނުކޮށް ލޯން އެއްބަސްވުން އާ ކުރާ ނަމަ ކޮންމެ ސީޒަނަކަށް 10 މިލިއަން ޔޫރޯގެ ލޯން ފީއެއް ދައްކަން ޖެހޭނެ އެވެ.

މީގެ ހަތަރު އަހަރު ކުރިން ޔުވެންޓަސްއަށް ކުޅުނު މޮރާޓާ ވަނީ 93 މެޗުން 27 ގޯލު ޖަހައިފަ އެވެ. އެ މުއްދަތުގެ ތެރޭގައި އޭނާ ވަނީ އެކުލަބާ އެކު ފަސް ޓްރޮފީއެއް ހޯދައި ކުލަބުގެ "އައިކޮން" އެއްގެ ގޮތުގައި ނަން ހަރުކޮށްފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ނަމަ އެތުލެޓިކޯ އިން މޮރާޓާ ދޫކޮށްލަން ނިންމާފައި ވަނީ ބާސެލޯނާގެ ފޯވާޑް ލުއިސް ސުއަރޭޒް ގެނައުމުގެ ގޮތުން ޖާގަ ހުސްކުރާށެވެ. ސުއަރޭޒްގެ ޓްރާންސްފާގެ ކަންކަން މިހާރު ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް ވާހަކަތައް ދެކެވޭ އިރު، ބާސެލޯނާއިން މިފަހުން ބޭއްވި ފަރިތަކުރުންތަކުގައި ވެސް ސުއަރޭޒް ބައިވެރިއެއް ނުވެ އެވެ. މީގެ ކުރިން ޔުވެންޓަސްއިން ވެސް ސުއަރޭޒްގެ ސޮއި ހޯދަން މަސައްކަތް ކުރި ކަމުގެ ވާހަކަތަކެއް ދެކެވުނު އިރު ސުއަރޭޒް ޔުވެންޓަސްއަށް ބަދަލު ނުވެވުނީ އިޓަލީގެ ޕާސްޕޯޓް މައްސަލައެއްގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

comment ކޮމެންޓް